ސްޓޭޝަންތަކުގައި ތިބެ ފުލުހުންނަށް ހެކިބަސް ދެވޭގޮތަށް ޝަރީއަތް ކުރިއަށްގެންދަން ދެން އިޚްތިޔާރު ދެވޭނެ

ސީދާ ފުލުހުންގެ ސްޓޭޝަންތަކުގައި ތިބެގެން ފުލުހުންނަށް އޯޑިއޯ، އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޯޓުތަކުގައި ހެކިބަސް ދެވޭ ގޮތަށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައި، އެގޮތަށް އަމަލުކުރަން ފަށައިފިއެވެ. ގަވައިދުގައި ކުރިން އޮންނަ ގޮތުން، ކޯޓަށް ހާޒިރުނުވެ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގައި ހެކިބަސް އެކަނި ދެވޭނީ މައްސަލަތަކުގައި ކަމާބެހޭ މާހިރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކަށެވެ. އެކަމަކު އެ ގަވައިދަށް ގެނައި އިސްލާހުގައިވާގޮތުން، ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާ ފުލުހުންގެ ހެކިބަސް، ފުލުހުންގެ މަރުކަޒެއްގައި ތިބެގެން އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅިފައިވާ މާލަމަކުން ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. އެގޮތުން، އެގޮތަށް ފަނޑިޔާރަށް ނިންމޭނީ ފުލުހުން އަދާކުރާ ޒިންމާގެ ގޮތުން ކޯޓަށް ހާޒިރުވެެވެން ނެތް ނަމަ، ނުވަތަ އެ ފުލުހަކު ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރާނަމަ ތަމްރީނު މެދުކަނޑާލައިފައި ކޯޓަށް ހާޒިރުވެވެން ނެތް ނަމަ، ނުވަތަ މައްސަލަ ހުށަހެޅިފައިވާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ހެކިވެރިޔާ ހުރިނަމައެވެ. އެހެންކަމުން، ގަވައިދަށް އައި ބަދަލާއެކު، އެކި ކަހަލަ މައްސަލަތަކުގައި ފުލުހުންގެ ސްޓޭޝަންތަކުގައި ތިބެ، ފުލުހުންނަށް ހެކިބަސް ދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ