ނުކުޅެދުންތެރިކަން ހުންނަ މީހުން ބޯހިޔާވަހިކަމަށް ފޯމު ހުށަހަޅަން ހުޅުވާލައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ "އާޢިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޚާއްސަ އިސްކަމެއް ދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"ގެ ދަށުން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އޭޕްރީލް 1 އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ވުޒާރާއިން މީގެ ކުރިން އާންމުކުރި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު"ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ކެޓެގަރީއެއް ޚާއްސަކޮށްފައިވެއެވެ. އޭރު އުސޫލު އޮތްގޮތުން ޖެހެނީ، ނުކުޅެދުންތެރިކަން ހުންނަ ބައިގައި ހަމައެކަނި ފާހަގައެއް ޖަހާލާށެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެވުޒާރާއިން އުސޫލަށް ގެނައި ބަދަލުގައި ވަނީ، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށެވެ.
މީގެއިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމުގޮތެއްގައި ގްރޭޓަރ މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާތީ، ގްރޭޓަރ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކެޓަގަރީން ފުލެޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ގެޒެޓު ކޮށްފައިވާ އިޢުލާނުގެ ޖަދުވަލުގައި ހިމެނިފައިވާނެ ކަމަށެވެ. އަދި މީގެ ބޭނުމަކީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދީ، އެފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
އެވުޒާރާއިން ވިދާޅުވީ، މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މި ކެޓަގަރީއަށް 100 ފްލެޓް ޚާއްޞަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ