"އައު ޓާމިނަލާއެކު ދަރަވަންދޫ އެއަރޕޯޓަށް ޒަމާނީ ކުރިއެރުން ލިބޭނެ"

ބ. ދަރަވަންދޫ އެއަޕޯޓްގެ އައު ޓާމިނަލް ތަރައްޤީވުމާއެކު ޚިދުމަތްތައް ފުޅާވެ އެކަށީގެންވާ ޒަމާނީ ކުރިއެރުން އެއެއަރޕޯޓަށް ލިބޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދަރަވަންދޫ އެއަޕޯޓު ޓާމިނަލް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އަމީން ވިދާޅުވީ ދަރަވަންދޫ އެއަޕޯޓް ޓާމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އަތޮޅުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް ދަތުރުފަތުރުކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ އުންމީދުތަކުގެ މުހިއްމު ބައެއް ކަމަށެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ބ. އަތޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ އުޖާލާ އެއް މަންޒިލްކަމަށާއި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވްއެއް އޮތް އަތޮޅެއްކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ސަމާލުކަން އަބަދުވެސް އޮންނަ އަތޮޅެއްކަމުން އަތޮޅުގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ފުރިހަމަ ގޮތުގައި ލިބޭނީ އެކަށީގެންވާ ވަޞީލަތްތައް ޤާއިމްކޮށްގެންކަމަށް ސަރުކާރުން ޤާބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދަރަވަންދޫ އެއަޕޯޓަކީ އެ އަތޮޅަށް އަންނަ ފަތުރުވެރިންނާއި ރައްޔިތުންގެ މައި ނާރެސްކަމަށެވެ. އެއަޕޯޓުގެ މިހާރުގެ ޓާމިނަލްއަކީ މީގެ އަހަރުތަކެއް ކުރިން ތަރައްޤީކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރު މި ޓާމިނަލްއަކީ ތަރައްޤީކުރަން ޖެހިފައިވާ ޓާމިނަލްއެއްކަމަށެވެ. ވަޒީރު ވަނީ އެ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގައި ފްލައިޓް މޫވްމަންޓް އެންމެ ގިނަ އެއް އެއަޕޯޓްކަންވެސް ފާހަގަކުރައްވާފައެވެ.
"ރާއްޖޭގައި ހުރި ޑޮމެސްޓިކް އެއަޕޯޓްތަކުގެ ތެރެއިން އެންމެ ގިނަ ޑޮމްސްޓިކް މޫވްމަންޓް އޮންނަ އެއް އެއާޕޯޓް. އެހެންކަމުން މި އެއާޕޯޓްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވަރާއި އެއްގޮތަށް އިތުރަށް ތަރައްޤީކުރުމަށް ނިންމަވާފައިވާ އެއަޕޯޓްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހުއްމު އެއް އެއަޕޯޓް."ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވީ އައު ޓާމިނަލް ތަރައްޤީވުމާއެކު ޚިދުމަތްތަކަށް އެކަށީގެންވާ ޒަމާނީ ކުރިއެރުން ލިއްބައިދޭނެކަމަށެވެ. އަދި ޓާމިނަލްގެ ޖާގަ މިހާރަށްވުރެ ކެޕޭސިޓީ ދެގުނަ އިތުރުވެގެންދާނެކަމަށާއި އުންމީދަކީ ދަތުރެވެރިންނަށް އިތުބާރުކުރެވޭ ޒަމާނީ ފެންވަރުގެ އެއަޕޯޓަކަށް ވާނެކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ޑޮމެސްޓިކް ދަތުރުފަތުރުގެ ނިޒާމްއަކީ ހަމައެކަނި އެއްރަށުން އަނެއްރަށަށް ދާން އޮންނަ ވަޞީލަތެއްގެ ބަދަލުގައި އެއީ ފަސޭހަ އަދި އަވަސް ހިތްގައިމު ތަޖުރިބާއަކަށް ހެދުންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ ދަރަވަންދޫ އެއާޕޯޓް ހިންގުން އައިލޭންޑްއޭވިއޭޝަންގެ ދަށަށް ބަދަލުވުމާއެކު ބޮޑެތި ބަދަލުތަކެއް އަންނާކެމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ