އިންޑިއާއިން އަސާސީ މުދަލަށް ދެ ކޯޓާ އައުކޮށްފި، ހަނޑުލަށް ދޭ މިންވަރު %77 އިތުރު

އަންނަ އަހަރުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ ބޭރު ކުރުމުގެ ހުއްދަ އެ ޤައުމުގެ ސަރުކާރުން ދީފިއެވެ.
އިންޑިއަން ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން މިއަހަރާއި އަންނަ އަހަރަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި، އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް ބޭރު ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ. ހުއްދަ ދީފައިވާ ތަކެތީގެ ތެރޭގައި ކުކުޅު ބިހާއި، އަލުވި، ފިޔާ، ހަނޑޫ، ގޮދަން ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނޭ ކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.
މި ހުއްދަ ދިފައިވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޚާއްސަ އެއްބަސްވުމެއްގެ ދަށުން ދިވެހި ސަރުކާރުން ހުށަހެޅި މިންވަރަށް ބެލުމަށްފަހު ހުއްދަ ދޫކޮށްފައިވާ ތަކެއްޗަށެވެ. މިހާރު ހުއްދަ ދީފައިވާ ކޯޓާގެ މިންވަރަކީ، 1981 ވަނަ އަހަރު މި އިންތިޒާމު ހަމަޖެހުނު ފަހުން މިހާތަނަށް ދިން އެންމެ މަތީ މިންވަރު ކަމަށް އެ ބަޔާނުގައިވެއެވެ. ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް ބޭނުންވާ ހިލައާއި، ހިލަވެލީގެ އިތުރުން މި އަހަރު ހަނޑުލުގެ ކޯޓާ ވަނީ ކުރީ އަހަރާ އަޅާބަލާއިރު %77 އިތުރު ކޮށްދީފައެވެ.
މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި މި ތަކެތި ބޭރު ކުރުމަށް އިންޑިއާއިން އަޅާ އެއްވެސް ހުރަހެއް ނުވަތަ މަނާ ކުރުމެއް މިކަމަށް ނުހިނގާނެ ކަމަށް ހައިކޮމިޝަންގެ ބަޔާނުގައި ވިދާޅުވިއެވެ. އަދި މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި ތަރައްޤީއަށް އެއްބާރުލުން ދިނުމަށް އިންޑިއާއިން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ހައިކޮމިޝަނުން ވިދާޅުވިއެވެ.
އަވައްޓެރި އިންޑިއާއަކީ، ރާއްޖެއަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ ޤައުމެވެ. ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭއިރު އިންޑިއާއަކީ ރާއްޖޭގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މުހިއްމު ބައިވެރިއެއްވެސްމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ