ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗު އަދި އޭޓީއެމް ވިއުގަ ފުޅާކުރުން ފާހަގަކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އައު "ބްރާންޗް ނެޓްވޯކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިރޭ އިފްތިތާޙްކޮށްފައިވަނީ ބީއެމްއެލްގެ 6 ބްރާންޗެވެ. އެއީ، ހދ. ހަނިމާދޫއާއި، ހދ. ކުޅުދުއްފުއްޓާއި، އއ. ތޮއްޑޫއާއި، ތ. ވިލުފުށީގެ އިތުރުން ލ.ހިތަދޫއާއި، ސ. ހުޅުދޫގެ ބީއެމްއެލް ބްރާންޗެވެ.
މި ރަސްމިއްޔާތުގައި ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތައްވެސް އިފްތިތާޙް ކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބީއެމްއެލްގެ 90 އޭޓީއެމްގެ ތެރޭގައި 70 ޑޮލަރު އޭޓީއެމްއާއި އިތުރަށް ބަހައްޓާ ދިވެހި ރުފިޔާގެ، 20 އޭޓީއެމް ހިމެނެއެވެ.
- ހއ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
- ހދ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
- ށ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
- ނ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
- ރ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
- ބ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
- ޅ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ކ. އަތޮޅު: 10 ޑޮލަރު އޭޓީއެމް
- އއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- އދ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
- ވ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ފ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
- މ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ދ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
- ތ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
- ލ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ގއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ގދ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ޏ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
- ސ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2025 ވަނަ އަހަރު މުޅި އޭޓީއެމް ނެޓްވާރކަށް 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ، ރާއްޖެ ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން 7 އަރބަން ސެންޓަރާއި، ސިޓީތަކުގެ އިތުރުން ލޯކަލް ޓުއަރިޒަމް ފުޅާވެފައިވާ ރަށްރަށުގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުމެވެ.
"މުޅި ރާއްޖޭގައި އޭޓީއެމް" ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ވަނީ، މީހުން ދިރިއުޅޭ ރަށްތަކުގައި އޭޓީއެމްތައް ބަހައްޓާފައެެވެ. މިމަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ނިންމާފައިވަނީ، 9 މަސް ދުވަހުގެ ތެރޭގައެވެ. މިއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް އަސާސީ ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
2023 ވަނަ އަހަރުގެ ނިޔަލަށް އޭޓީއެމް ބަހައްޓާފައިވަނީ، 73 ރަށުގައި 138 އޭޓީއެމްއެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް 187 ރަށުގައި 340 އޭޓީއެމް ބަހައްޓާފައިވެއެވެ.
ބީއެމްއެލް ބްރާންޗު އަދި އޭޓީއެމް ވިއުގަ ފުޅާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ