ގަލޮޅު ދަނޑުގައި އިންޑިއާގެ ރޯހެން ސިންގް ޗަޕަމަޔުމް ހެދި ހެޓްރިކާ އެކު 5-0 އިން ބޫޓާން ބަލިކޮށް ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިންޑިއާ މިރޭ ގެންގޮސްދީފި އެވެ.
މުބާރާތުގެ ފުރަތަމަ ހެޓްރިކް، ސެމީ ފައިނަލްގައި، ރޯހެން ހެދީ ފުރަތަމަ ހާފުގައި އެއް ލަނޑު އަދި ފަހު ހާފުގައި ޖެހި ހިތްގައިމު ދެ ލަނޑުންނެވެ.
އިންޑިއާގެ ހަތަރު ވަނަ ލަނޑަކީ، މެޗުގެ ފަސް ވަނަ މިނިޓްގައި ބޫޓާންގެ ގޯލު ހުޅުވާލަން ފޯވަޑް އޮމަންގް ޑޮޑުމް، ރޯހެންގެ ހުރަހަކުން، އައި ލަނޑެވެ.
ފަހު ލަނޑު ޖެހީ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިޔާ އެމްއެސް ތޮކްޗޮމް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ކަނަށް ވަދެގެންނެވެ.
އަންނަ ހުކުރުދުވަހު އޮންނަ ފައިނަލްގައި އިންޑިއާ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ފުރަތަމަ ހާފުގެ ފުރަތަމަ 30 މިނިޓް މުޅިން ވެސް ދިޔައީ އިންޑިއާއިން ކުޅެ، ބޫޓާންގެ ކީޕަރާއި ދިފާއަށް ގުޑުންއަރުވަމުންނެވެ. ނަމަވެސް ބޫޓާން ކުޅުންތެރިން ފަހު 15 މިނިޓްގައި އިންޑިއާގެ ގޯލަށް ނުރައްކާކުރި އެވެ.
އޭގެ ތެރެއިން އެންމެ ރީތި ހަމަލާ އައީ 37 ވަނަ މިނިޓްގައި ރޯހެންއަށް ހެދުނު ބޮޑު ގޯހަކުންނެވެ. ދިފާއީ ކުޅުންތެރިޔަކު ދިން ބޯޅަ، ސެންޓަ ސާކަލް ތެރޭގައި ހުރެފައި އެހެން ކުޅުންތެރިޔަކަށް ޖައްސާލެވުނީ މާ މަޑުންނެވެ. އެ ބޯޅަ ބޫޓާންގެ ސޯނަމް ޑޮރްޖީއަށް ލިބުނު އިރު އިންޑިއާގެ ކެޕްޓަން އަދި ކީޕަރު ސޫރަޖް ސިންގް އަހެބަމް ހުރީ ތަންކޮޅެއް ކުރިއަށް ޖެހިލައިފަަ އެވެ. ސޯނަމް ވަރަށް ރީއްޗަށް ވާތު ފައިން ބާރު ހަމަލާއެއް ފޮނުވާލީ ސީދާ ގޯލަށެވެ. އެކަމަކު ސޫރަޖް ފަހަތަށް ވެއްޓެމުން އެ ބޯޅާގައި އަތުން ޖައްސާލި އެވެ. ގޯލަށް ވަންނަން ދިޔަ ބޯޅައަށް ހުރަސް އެޅީ ގޯލުގެ ހުރަސް ދަނޑި އެވެ.
އޭގެ ފަހުން 41 ވަނަ މިނިޓްގައި ވެސް ސޯނަމް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްދިނެވެ. އިންޑިއާގެ ދިފާއީ ކުޅުންތެރިން ކަޓުވާފައި އަރިމަތިން ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލު ތެރެއަށް ފޮނުވާލަން ކެޕްޓަން އަދި ފޯވަޑް ރިންޒިން ޑޮރްޖީ ވެއްޓިފައި ފައިން ޖަހަން އުޅުނެވެ. ނަމަވެސް ސޫރަޖް އެ ބޯޅަ ވެސް ހޯދި އެވެ.
ފަހު ހާފުގައި އިންޑިއާގެ ކުޅުންގަނޑު މާ ވަރުގަދަކުރި އެވެ. ކައިރި ކައިރީގައި ރޯހެންގެ ދެ ލަނޑު އައީ، ބޫޓާންގެ ދިފާއީ ކުޅުންތެރިންނަށް ވެސް ހަމަޖެހިލާނެ ވަގުތު ނުދީ އެވެ.
ފުރަތަމަ 56 ވަނަ މިނިޓްގައި ޕެނެލްޓީ އޭރިޔާ ތެރެއިން އެމްޑީ އަރުބާޝް ހުސްކޮށްލާފައި ރޯހެންއަށް ބޯޅަ ދިނީ، ގޯހެއް ނުހަދައި ވައްދާލެވޭހާ ރީތިކޮށެވެ. އެކަން ރޯހެން ކުރި އެވެ.
އެ ލަނޑަށް ފަހު ކޮއްޓާފައި ބޫޓާން ކުޅުންތެރިން ފަހަތަށް ދިން ބޯޅަ އަރުބާޝް ހޯދާފައި ރޯހެންއަށް ދިއްކޮށްލީ ވެސް ހަމަ އެހާ ބޮޑަށް ހުސްކޮށްލައިފަ އެވެ. އެ ފުރުސަތުގައި ވެސް ރޯހެން ގޯހެއް ނުހަދައި އެހާމެ ރީތިކޮށް ލަނޑު ޖަހާލި އެވެ.
ރޯހެންގެ ހެޓްރިކުން އިންޑިއާ ފައިނަލަށް ގެންގޮސްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ