5 ލަނޑުޖަހައި ބޫޓާން ބަލިކޮށް، އިންޑިއާ ފައިނަލަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގެ ފަހު ޖާގަ، އިންޑިއާ އިން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލްގެ ޖާގައެއް އިންޑިއާ އިން ހޯދީ، ސެމީ ފައިނަލުގެ ފަހު މެޗުގައި ބޫޓާންގެ މައްޗަށް 0-5 އިން ކުރިހޯދައިގެންނެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އިންޑިއާ އިން ވަނީ ލަނޑެއްޖަހައި ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮމަންގް ޑޮޑަމް އެވެ.
އިންޑިއާގެ ލަނޑަށްފަހު މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ، ބޫޓާނުން ވެސް ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.
އެގޮތުން ހާފުގެ 35 ވަނަ މިނެޓުގައި، އިންޑީއާ ހާފުގެ މެދެއްހައި ހިސާބުގައި ހުރެފައި، އެ ޓީމުގެ ކީޕަރު ކުރިއަށްޖެހި ހުރި ވަގުތު ބަލައި ބޫޓާނުގެ ސޯނަމް ޑޯޖީ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ރަނގަޅު ޕޮޒިޝަންއަށް ޖެހި، އިންޑިއާގެ ކީޕަރު ވަނީ ބޯޅައިގައި އަތުން ޖައްސާލައި، ހުރަސް ދަނޑިއަށް ބޯޅަ އަމާޒުކޮށްލާފައެވެ.
މެޗުގައި އިންޑިއާ އިން ދެވަނަ ލަނޑެއް ޖެހީ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށެވެ. ފުރަތަމަ ލަނޑު ޖަހައިދިން އޮމަންގް ޑޯޑަމް ނަގައިދިން ހުރަހެއްގައި މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްޑީ އަރްބާސް އެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ އިންޑިއާއިން މެޗުގެ ދެވަނަ ހާފު ފެށިއިރު، މި ހާފު ވަރުގަދަކޮށް ފަށައި މޮޅަށް ކުޅުނީ އިންޑިއާއިންނެވެ.
ނަތީޖާއެއްގެ ގޮތުން މި ހާފުގެ 10 ވަނަ މިނެޓުގައި އަދި 12 ވަނަ މިނެޓުގައި ވެސް އިންޑިއާއިން ލަނޑު ޖަހައި، ނަތީޖާ 0-4 އަށް ބަދަލުކޮށްލިއެވެ. މި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޯހެން ސިންގް އެވެ.
މެޗުގައި އިންޑިއާއިން ފަހު ލަނޑު ޖެހީ، 90 މިނެޓުގެ ކުޅުން ހަމަވެ، ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައެވެ. ބޫޓާނުން އުފައްދަން މަސައްކަތްކުރި ހަމަލާއެއް ނާކާމިޔާބުވެ، ކައުންޓަރ ގައި ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމް.އެސް. ތޮކްޗޮޕް އެވެ.
މި ނަތީޖާއާއެކު އިންޑިއާއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު، ސެމީގައި އިންޑިއާ އާ ދެކޮޅަށް ނުކުންނާނީ ސެމީގެ ފުރަތަމަ މެޗުގައި ނޭޕާލުގެ މައްޗަށް ކުރިހޯދި ބަންގްލަދޭޝް އެވެ.
ގްރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ