ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އަވައްޓެރި އިންޑިއާއިން ދިވެހި ސަރުކާރަށް ދީފައިވާ ކޯޓާ އާކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލުގެ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން އާކޮށްދީފައިވާކަމަށެވެ. ހުއްދަ ދެވުނު މުދަލުގެ ތެރޭގައި އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނެއެވެ. މި މުދާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ އުސޫލެއްގެ ދަށުން، ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ބޭނުންތަކަށް ރިއާޔަތްކޮށް ކަނޑައަޅާފައިވާ ކޯޓާތަކާ އެއްގޮތަށެވެ.
އިންޑިއާ އެމްބަސީން ބުނީ މިއީ 1981 ވަނަ އަހަރަށްފަހު ރާއްޖެއަށް މިހާ ގިނަ އަދަދަކަށް އަސާސީ ބާވަތްތަކުގެ މުދާ އެތެރެކުރުމަށް ހުއްދަދިން ފުރަތަމަ ފަހަރު ކަމަށެވެ. ބަޔާނުގައި މިފަހަރު ކޯޓާ އިތުރުކޮށްދިން ބާވަތްތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިމެނެއެވެ. އިންޑިއާއިން ވަނީ މި އަހަރު ހަނޑޫގެ ކޯޓާވެސް %77 އަށް އިތުރުކޮށްދީފައެވެ.
އަވައްޓެރި އިންޑިއާއިން ގެނެސްފައިހުރި ހިލަ އަދި ހިލަވެލިތަކެއް... ފޮޓޯ: ވޮއިސް
އިންޑިއާ ސަރުކާރުގެ މި ނިންމުމާއެކު، ރާއްޖެއަށް ހުއްދަދިން މި ބާވަތްތައް އެކްސްޕޯޓް ކުރުމުގައި، އިންޑިއާއިން މުދާ ބޭރުކުރުމުގައި ކުރިއަށް އޮތް ތަނުގައި ކަނޑައަޅާ އެއްވެސް ހުރަހަކުން ނުވަތަ މަނާކުރުމަކުން މި ބާވަތްތައް އިސްތިސްނާ ވެގެންދާނެއެވެ.
ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ އިތުރުކޮށްދީފައިމިވަނީ އިންޑިއާއިން ގެންގުޅެމުންދާ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ކަމަށް އެޤައުމުން ވަނީ ބުނެފައެވެ.
މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލުގެ ބާވަތްތައް އިންޑިއާއިން އެތެރެކުރުމުގައި އެޤައުމާއެކު މުއާމަލާތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އަސާސީ މުދަލަށް އިންޑިއާއިން ހުއްދަ އާކޮށްދީފި، ކޯޓާގެ އަދަދު މާބޮޑަށްވެސް އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ