70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓީއެމްގެ ޚިދުމަތް އެއްފަހަރާ ފަށައި، ބީއެމްއެލްއިން ރެކޯޑު ހަދައިފި!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ 70 ރަށެއްގައި 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓީއެމްގެ ޚިދުމަތް އެއްފަހަރާ މިރޭ ފަށައިފިއެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެއްވަގުތެއްގައި އެހާ ގިނަ އޭޓީއެމްގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ބޭންކުން އާއްމުކުރި މައުލޫމާތުގައި 2023ގެ ނިޔަލަށް ޑޮލަރު އޭޓީއެމް، ރާއްޖޭގައި ހުރީ އެންމެ ރަށެއްގައެވެ. އޭރު ގާއިމްކޮށްފައި ވަނީ އެންމެ ފަސް ޑޮލަރު އޭޓީއެމްއެވެ. އެހެންނަމަވެސް މިއަދުގެ ނިޔަލަށް ރާއްޖޭގެ 79 ރަށެއްގައި 86 ޑޮލަރު އޭޓީއެމް މިވަނީ ބަހައްޓައިފައެވެ. ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކަށް ބަލާއިރު 2023ގެ ނިޔަލަށް 73 ރަށުގައި 138 އޭޓީއެމް ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގައި ވަނީ 268 އޭޓީއެމް ގާއިމުވެފައެވެ. އަދި މިއަދުގެ ނިޔަލަށް އައިއިރު މީހުން ދިރިއުޅޭ 187 ރަށުގައި ހުރި އޭޓީއެމްގެ އަދަދު މިވަނީ 340އަށް އަރައިފައެވެ. https://x.com/presidencymv/status/2039373820348559441 މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމުނު އަހަރުތެރޭ އިއުލާނުކުރި މަޝްރޫއެކެވެ. މި މަސައްކަތް ބީއެމްއެލްއިން ނިންމާފައި ވަނީ، ނުވަ މަސް ދުވަހުގެ ތެރޭގައެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ބޭންކުގެ ހަ ބްރާންޗު ވެސް އިފްތިތާހުކޮށްދެއްވައިފައެވެ. އެއީ ހދ. ހަނިމާދޫ، ކުޅުދުއްފުށި ސިޓީ، އއ. ތޮއްޑޫ، ތ. ވިލުފުށި، ލ. ހިތަދޫ އަދި ސ. ހުޅުދޫގެ ބްރާންޗެވެ. ބޭންކުން ބުނި ގޮތުގައި މި ބްރާންޗްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވި ބްރާންޗަކީ ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަކޮށްފައިވާ ބިޒްނަސް ސެންޓަރެކެވެ. އަދި މާދަމާއިން ފެށިގެން މި ބްރާންޗްތަކުން ޚިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ. މީގެ ކުރިން ވެސް ބޭންކުން އިއުލާންކޮށްފައިވާ ގޮތަށް، މި ބްރާންޗްތައް މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން، ކަސްޓަމަރުން ތިބި ތަނަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ. ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ހުރިހާ ކަމެއް ޑިޖިޓަލްވެގެން ދާ ޒަމާނެއްގައި، ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ ބޭންކުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މި ބްރާންޗްތަކުގެ މުވައްޒަފުންނަކީ އަބަދު ބްރާންޗްތަކުގެ ތިބޭނެ މުވައްޒަފުންނަށް ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ މުވައްޒަފުންގެ ރޯލަކީ ގޭގެއަށް ވެސް އަދި ވިޔަފާރިތަކަށް ވެސް ޒިޔާރަތް ކުރުން. ބްރާންޗް ގާއިމްކުރާ ރަށާއި ކައިރި އެހެން ރަށްތަކަށް ދަތުރުވެސް ކުރުން. ބޭންކުގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ މައުލޫމާތު ދިނުން. އަދި ފައިނޭންޝަލް ލިޓެރަސީ ކުރިއެރުވުމާއި ސްކޭމް ތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރު ކުރުން، ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ޝަރީފް ވިދާޅުވީ ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ވަމުންދިޔަކަމުގައި ވިޔަސް އެ ބޭންކުން ތިބީ ކަސްޓަމަރުންނާ ވަރަށް ގާތުން ޚިދުމަތް ދިނުމަށް ތައްޔާރުވެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ