ކުޅުދުއްފުށީ 2،000 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި؛ ކައުންސިލާ ކޮންސެޕްޓް ވެސް ހިއްސާ ނުކުރާތީ އާތިފްގެ ނުރުހުން
ކުޅުދުއްފުށީ ސިޓީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 2،000 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިރޭ ބޭއްވިއިރު، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ކައުންސިލާ އެ ޕްރޮޖެކްޓުގެ ކޮންސެޕްޓް ވެސް ހިއްސާ ނުކުރާތީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް މިރޭ ނުރުހުންފާޅުކުރައްވައިފިއެވެ. މިރޭ، އެ ސިޓީގައި ވަނީ 2،000 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ. ސޯޝަލް މީޑިއާގައި ކުޅުދުއްފުށީގެ ރައްޔިތުންނަށް އެޑްރެސްކުރައްވައި އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 2،000 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި އެޗްޑީސީގެ ފަރާތުން މިއަދު މެންދުރު ދައުވަތު ދިން ކަމަށެވެ. އަދި އެ ދައުވަތު ވަގުތުން ގަބޫލުކޮށް، ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށް ދެންނެވިން ކަމަށް އާތިފް ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަދު ހަވީރު އަނެއްކާވެސް އެޗްޑީސީގެ ފަރާތުން ގުޅައި، އެ ދައުވަތު އަނބުރާ ގެންދިޔަކަމަށް އެންގި ކަމަށް އާތިފް ވިދާޅުވިއެވެ. "އެހެންކަމުން އަޅުގަނޑު އެ ޖަލްސާގައި ބައިވެރި ނުވުމުން ރައްޔިތުންގެ ހިތުގައި ސުވާލު އުފެދުނަ ނުދިނުމަށް މިކަން އެންމެހާ ލޮބުވެތި ރައްޔިތުންނާއި ހިއްސާކުރަން،" އާތިފް ވިދާޅުވިއެވެ. އާތިފް ވިދާޅުވި ގޮތުގައި އެ ސިޓީގައި އަޅާ 2،000 ހައުސިން ޔުނިޓުގެ ބިންގާ މިރޭ އެޅިއިރު އަދި މިހާތަނަށް ހައުސިން ޔުނިޓްތަކުގެ 'އިނިޝިއަލް ކޮންސެޕްޓް' ތައްޔާރުކޮށް، ކައުންސިލާއި ހިއްސާކޮށްފައެއް ނުވެއެވެ. އެހެންކަމުން އާތިފް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ 26ގައެވެ. މިއީ ރައީސް ޑރ. މުހައްމަދުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ