ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ނެޓްބޯޅަ ލީގު މިމަހު

މުޅިން އަލަށް ފަށާ ގައުމީ ނެޓްބޯޅަ ލީގު ހިމަނައިގެން، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) ގެ އަހަރީ ކަލަންޑަރު އެކުލަވާލައިފިއެވެ.
އެއެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ކަލަންޑަރު އާންމުކޮށްފައިވާއިރު، ގައުމީ ނެޓްބޯޅަ ލީގު ކުރިއަށްދާނީ މިމަހުގެ 5 އިން 18 ގެ ނިޔަލަށެވެ. ލީގުގައި ވާދަކުރުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ. އަދި އެމަހުގެ 18 ވަނަ ދުވަހު ވާދަކުރުމުގެ ސުންގަޑި ހަމަވެފައިވާއިރު، ޓީމް ލިސްޓް ހުށަހެޅުމުގެ ފަހު ތާރީޚަށް ދީފައިވަނީ މާޗްމަހުގެ 26 ވަނަ ދުވަހުއެވެ.
އަލަށް ފަށާ ގައުމީ ލީގާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ފަޒްނާ ޖަލީލް ވިދާޅުވީ މިފަދަ ލީގެއް ތައާރަފްކުރުމުގެ ބޭނުމަކީ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުންކަމަށެވެ.
"މިއީ އިތުރު ފުރުސަތުތަކެއް ކުޅުންތެރިންނަށް ދޭންވެގެން ތަޢާރަފްކުރި މުބާރާތެއް. މީގަ 6 ޓީމު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ މޮޅު ޓީމެއް ލީގު ޗެންޕިއަނަކަށްވާނީ. އޭގެން ފަހިވެގެންދާނެ އެންމެ މޮޅު ހަތަރު ޓީމު އަންނާނީ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނަށް" ފަޒްނާ މައުލޫމާތުދެއްވިއެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަހަރަށްވެސް ގިނަ މުބާރާތްތަކެއް ބޭއްވުމަށްވަނީ ރާވާފައެވެ. އެގޮތުން ލީގުގެ އިތުރުން ރާއްޖޭގައި އިތުރު ތިން މުބާރާތެއް ކުރިއަށްގެންދާނެއެވެ. އެއީ ކާމިޔާބުކަމާއެކު ފެބްރުވަރީމަހު ނިންމާލި ތްރީ އޮން ތްރީ މުބާރާތުގެ އިތުރުން 4 ވަނަ ޖޫނިއާ ޗެންޕިއަންޝިޕާއި އިންޓަ-އޮފީސް/ކޮންޕެނީ މުބާރާތެވެ. އަދި އެއެސޯސިއޭޝަނުން ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި ވާދަކުރާނެއެވެ. އެއީ ޖުލައިމަހު ލަންކާގައި އޮންނަ ސްރީ-ލަޔަންސް މުބާރާތާއި 14 ވަނަ އޭޝިއަން ޗެންޕިއަންޝިޕް މުބާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ