ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދު ނުކުރައްވާކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހާމަ ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މައުމޫން މިކަން ހާމަ ކުރެއްވީ އެ މަނިކުފާނު އުފެއްދެވި އަދި މިހާރު އުވާލާފައިވާ އެމްއާރުއެމްގެ އެކްސްކޯ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި މިދިޔަ މަހު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ވާހަކައިގެ ސްކްރީންޝޮޓެއް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފަ އެވެ.
ތަފްސީލު - އެމްއާރުއެމްގައި އިސްކޮށް އުޅުއްވި އަދި މައުމޫންގެ އަރިސް ބޭފުޅަކު މިއަދު ވަނީ އެ ސްކްރީންޝޮޓްގެ ސައްހަކަން ކަށަވަރުކޮށްދީފަ އެެވެ.
އެމްއާރުއެމްގެ އެކްސްކޯ މެންބަރުކަން ކުރެއްވި ރަހުމާ އަލީ، މައުމޫންއާ ކުރެއްވި ސުވާލަކީ، ދެ އިންތިހާބުގައި އެއްކޮށް ވޯޓުލުމަކީ ރަނގަޅު ކަމެއްތީ އެވެ. ޖަވާބުގައި މައުމޫން ލިޔުއްވާފައި ވަނީ "ނޫން" ކަމަށެވެ.
މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ މިނިސްޓަރު ޔުމްނާ މައުމޫން ވެސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދެ އިންތިހާބު އެކުގައި ބާއްވަން ތާއީދު ނުކުރައްވާކަން ހާމަ ކުރައްވާފައިވެ އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަޖިލިސް އިންތިހާބު ބާއްވަންވީ ރިޔާސީ ދައުރުގެ މެދުތެރޭގަ އެވެ. އޭރުން ސަރުކާރާ މެދު ހިތްހަމަޖެހޭތޯ، ނޫންތޯ ބަސް ބުނުމުގެ ފުރުސަތު ދައުރުގެ މެދުތެރެއިން ރައްޔިތުންނަށް ލިބޭނެ އެވެ،" ޔުމްނާ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ - މައުމޫންގެ އިތުރުން، އިންތިހާބަކުން ވެރިކަމަށް ވަޑައިގެން ރައީސްކަން ކުރައްވާފައިވާ ތިއްބެވި ހުރިހާ ބޭފުޅުން ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ދެ އިންތިހާބު އެކުގައި ބާއްވަން ދެކޮޅު ހައްދަވާކަން މީގެ ކުރިން ހާމަކުރައްވާފަ އެވެ.
2 އިންތިހާބު އެކުގައި ބާއްވަން ތާއީދެއް ނުކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ