އުޟްޙިޔާ ކަތިލުން: މުސްލިމު އުންމަތުގެ ގުޅުމާއި އިޚްލާޞްތެރިކަމުގެ ރަމްޒެއް

މިއަދަކީ މުޅި އިސްލާމީ އުންމަތަށް އުފާވެރިކަން ގެނެސްދޭ ބަރަކާތްތެރި އަޟްޙާ އީދު ދުވަހެވެ. މިއީ މާތްވެގެންވާ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން މުސްލިމުން ފާހަގަކުރާ ބަރަކާތްތެރި ދުވަހެކެވެ. އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލާއިރު، މުސްލިމް އުންމަތުން މި ދުވަސް އަބަދުވެސް ފާހަގަކުރަނީ ކުލަގަދަ ގޮތެއްގައެވެ.
އަޟްޙާ އީދާ އެންމެ ބޮޑަށް ގުޅިފައިވާ އުޟްޙިޔާ އަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށްޓަކައި އަޟްޙާ އީދުގެ ދުވަސްތަކުގައި ކަތިލެވޭ ނަޢަމްސޫފިތަކަށް ކިޔާ ނަމެކެވެ. މިއީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި އަދި ދީނީ ޢިލްމުވެރިންގެ އިޖުމާޢުން ސާބިތުވެފައިވާ މަތިވެރި އަޅުކަމެކެވެ. ކުޅަދާނަވެގެންވާ ކޮންމެ މީހެއްގެ މައްޗަށް އުޟްޙިޔާ ކަތިލުމަކީ ވާޖިބެއް ކަމުގައި ދީނީ އިލްމުވެރިން ވިދާޅުވެއެވެ.
ރާއްޖޭގައި އުޟްޙިޔާ ކަތިލުމަކީވެސް ޒަމާނުއްސުރެ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އަޟްޙާ އީދު ނަމާދަށްފަހު، ކުދިބޮޑު އެންމެން އެކުވެގެން އީދުގެ ޚާއްޞަ ހަރަކާތެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދަނީ ނުހަނު އެކުވެރިކަމާ އެކުގައެވެ. ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި މިހާރު މާލޭގެ އިތުރުން ރަށްރަށުގައިވެސް ކޮންމެ އަހަރަކު އުޟުހިޔާ ކަތިލުން ކުރިއަށްގެންދެއެވެ.
އުޟްޙިޔާގެ އަސްލަކީ ދިރިތިބީންގެ ފަރާތުން ކަތިލެވޭ ކަތިލުމެކެވެ. ނަމަވެސް، މަރުވެފައިވާ މީހަކު އެކަމަށް ވަޞިއްޔަތް ކޮށްފައިވާނަމަ ނުވަތަ އެ މައްޔިތާއަށް، ކުރާ ހަދިޔާއެއްގެ ގޮތުގައިވެސް އުޟްޙިޔާ ކަތިލެވިދާނެއެވެ. އުޟްޙިޔާގެ ގޮތުގައި ކަތިލެވޭނީ ތިން ބާވަތެއްގެ ޖަނަވާރެވެ. އެއީ ޖަމަލު، ގެރި އަދި ބަކަރިއެވެ. ޖަމަލެއް ނުވަތަ ގެރިއެއް ކަތިލުމުން ހަތް މީހުންގެ ފަރާތުން ފުދޭއިރު، ބަކަރިއެއް ކަތިލުމުން ފުދޭނީ އެންމެ މީހަކަށެވެ. އެހެންނަމަވެސް، އެއް ގެއެއްގައި ކެއުންބުއިމާއި ދިރިއުޅުން ހިއްސާކުރާ އެއް އާއިލާއެއްގެ ފަރާތުން އެންމެ ބަކަރިއެއް ކަތިލުމުންވެސް ފުދޭނެއެވެ.
އުޟްޙިޔާ ކަތިލުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހެއެވެ. އޭގެ ތެރޭގައި އެ ސޫތްޕަކީ ކަތިލާ މީހާގެ މިލްކެއް ކަމުގައިވުމާއި، ކަނޑައެޅިފައިވާ ވަގުތުގައި ކަތިލުމާއި، ބަލިތަކާއި އައިބުތަކުން ސަލާމަތްވެފައިވާ ސޫތްޕަކަށްވުން ހިމެނެއެވެ. އަދި އުމުރު ހަމަވުމަކީވެސް ޝަރުތެކެވެ. އެގޮތުން ޖަމަލެއްނަމަ 5 އަހަރު، ގެރިއެއްނަމަ 2 އަހަރު، ބަކަރިއެއްނަމަ 1 އަހަރު، އަދި ކަންބަޅި ބަކަރިއެއްނަމަ މަދުވެގެން 6 މަސް ފުރިހަމަވާންޖެހެއެވެ.
އުޟްޙިޔާ ކަތިލުމުގެ ވަގުތު ފެށެނީ އަޟްޙާ އީދު ނަމާދު ނިމުމާއެކުގައެވެ. އަދި މި ވަގުތު ޛުލްޙިއްޖާ މަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ދެމިގެންދެއެވެ. އެހެންކަމުން އީދު ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ތިން ދުވަސް މިކަމަށް ލިބިގެންވެއެވެ. މި އަޅުކަމުގައި އެންމެ މޮޅުއިތުރު ގޮތަކީ އީދު ނަމާދު ނިމުމާއެކު ވީހާވެސް އަވަހަކަށް ކަތިލުމެވެ. އަދި އީދު ދުވަހުގެ ފުރަތަމަ ކެއުމަކީ އުޟްޙިޔާގެ މަހުން ކެވޭ ކެއުމެއް ކަމުގައި ހެދުމަކީ ކީރިތި ރަސޫލާ ﷺ ޢަމަލުކުރެއްވި މަތިވެރި ގޮތެވެ. މިއީ މުސްލިމުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމާއި، މާތްﷲ އަށް އޮންނަ ބޯލަނބައިގަތުން ހާމަކޮށްދޭ ރީތި ނަމޫނާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ