ބަންޑާރަ މިސްކިތަކީ ގައުމީ ތަރިކައެއް ކަމަށް ބެލޭނެ، ތަޅާލައިފި ނަމަ އިއާދައެއް ނުކުރެވޭނެ: ޕްލޭނާސް އެސޯސިއޭޝަން

މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން، ނުވަތަ އާންމު ނަމުން ނަމަ ބަންޑާރަ މިސްކިތަކީ ގައުމީ ތަރިކައެއް ކަމަށް ބެލޭނެ ކަމަށާއި، އެ މިސްކިތް ތަޅާލައިފި ނަމަ އިއާދައެއް ނުކުރެވޭނެ ކަމަށް، ޕްލޭނަރުންގެ ޖަމިއްޔާއިން މިއަދު ބުނެފިއެވެ. ބަންޑާރަ މިސްކިތުގެ އިތުރުން، ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރައްވާނެކަމަށް، މިދިޔަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހާމަކުރައްވައިފައެވެ. މީޑިއާތަކަށް އެ ދުވަހު ފޮނުއްވި މެސެޖެއްގައި ޝަހީމް ވަނީ، ބަންޑާރަ މިސްކިތް ހުރި ބިމުގައި ޒަމާނީ، ބޮޑު މިސްކިތެއް ބިނާކުރުމަށް ބޭނުންވާ އެހީ ދީލަތި ފަރާތަކުން ދީފައިވާކަން ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ފަށާނީ ރަމަޟާން މަސް ނިމުމުން ކަމަށެވެ. ބަންޑާރަ މިސްކިތް ތަޅާލައި އެ ތަނުގައި ބޮޑު މިސްކިތެއް ބިނާކުރާނެކަން ޝަހީމް ހާމަކުރެއްވުމުން، މީސްމީޑީއާގައި ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައި، ބަންޑާރަ މިސްކިތް ހިމާޔަތްކުރުމަށް ގޮވާލައިފައެވެ. އެ ފާޑުކިއުންތަކަށް ރައްދުދެއްވައި ޝަހީމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ބަންޑާރަ މިސްކިތަކީ އާސާރީ ތަރިކައިގެ ތެރޭ ހިމެނޭ ތަނެއް ނޫން ކަމަށާއި، އެހެންކަމުން އެ ތަނުގައި އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށެވެ. https://sun.mv/218805 އެހެންވެ، ޕްލޭނަރުންގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައިވަނީ، 98 އަހަރުވީ ބަންޑާރަ މިސްކިތަކީ މާލޭގައި ހުރި ތާރީޚީ ބިނާތަކުގެ ތެރެއިން އެއް ބިނާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ފާއިތުވި ދިހަ އަހަރުގެ ތެރޭ މާލޭގެ ތާރީޚީ ބިނާވެށީގެ ބޮޑުބައެއް ނެތިގޮސްފައިވާ ކަމަށާއި، އެހެންކަމުން ބާކީ ހުރި ބިނާތައް ހިމާޔަތްކުރުމަކީ ދިވެހި ސަގާފަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ބަންޑާރަ މިސްކިތް ފަދަ ބިނާތައް އެއްފަހަރު ތަޅާލުމުން، އެފަދަ ބިނާތައް ދެން އިއާދަނުކުރެވޭނެކަން ޕްލޭނަރުންގެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. ބަޔާނުގައި އިތުރަށް ބުނީ، ބަންޑާރަ މިސްކިތަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން، ސަގާފީ އަދި ތާރީޚީގޮތުން މުހިންމު ބިނާއެއްގެ ގޮތުގައި ދަފުތަރުކޮށްފައިވާ ބިނާއެއް ކަމަށެވެ. އަދި ތަރިކައިގެ ގާނޫނުގައި ވަނީ، 75 އަހަރަށްވުރެ ދުވަސްވީ ބިނާތަކަކީ ގައުމީ ތަރިކައިގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ތަންތަން ހިމާޔަތް ކުރަން ޖެހޭ ކަމަށް ކަނޑައަޅައިފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އާބަން ޕްލޭނިން ނަޒަރަކުން ބަލާއިރު، ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކުގައި ބާރުއަޅަނީ ތަރައްގީއާއި ތާރީޚީ ބިނާތައް ހިމާޔަތްކުރުމާމެދު ހަމަހަމަކަން ގާއިމުކުރުމަށް ކަމަށް އެ ބަޔާނުގައިވެއެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި، މިސްކިތް ގިނަ ސަރަހައްދެއްގައި ހުރި ތާރީޚީ ބިނާއެއް ތަޅާލައި، އައު ބިނާއެއް އެޅުމަކީ، އެ ބިމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުން ކަމުގައި ނުވާނެއެވެ. ފާހަގަކުރެވޭ ގޮތުގައި، ބަންޑާރަ މިސްކިތް ތަޅާލައި އެ ބިމުގައި ބޮޑު މިސްކިތެއް ބިނާކުރާކަން ޝަހީމް ހާމަކުރެއްވުމުން، ކައުންސިލު އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން މާފަންނު އުތުރަށް ވާދަކުރައްވާ ޙުސައިން ފުރުޝާން ވަނީ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅުއްވައިފައެވެ. https://sun.mv/218949 ފުރުޝާންގެ ޕެޓިޝަނުގައިވަނީ، ބަންޑާރަ މިސްކިތް ޚާއްސަވަނީ އިނގިރޭސިވިލާތުގެ ހިމާޔަތުގެ އަޅުވެތިކަމަށް ދިއުމާއި، އެ އަޅުވެތިކަމުން މިނިވަންވުމާ ބަންޑާރަ މިސްކިތް ގުޅިފައިވާތީ ކަމަށެވެ. އަދި، އިނގިރޭސީންގެ އަތުން ރާއްޖެ މިނިވަންވުމާ ގުޅިފައިވާ ހުރިހާ ތަނެއް މިހާރު ނައްތާލެވިފައިވާ ކަމަށާއި، އެ ހަނދާންތައް މިހާރު ހަމައެކަނި ފެންނަން ހުރި ބިނާއަކީ ބަންޑާރަ މިސްކިތް ކަމަށް ޕެޓިޝަނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ