ނަޝީދުގެ ރައްދު ފަލާހަށް: އެމްޑީގެ ފުރަތަމަ ސަރުކާރުގައި 42 މިސްކިތް ބިނާ ކުރިން

އެމްޑީޕީގެ ދެ ސަރުކާރުން އެއްވެސް މިސްކިތެއް ރާއްޖޭގައި ނުހުޅުވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އިއްުޔެ ދެއްކެވި ވާހަކައަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ވެރިކަން ކުރެއްވި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެކަނި ވެސް 42 މިސްކިތް ބިނާ ކުރި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީއަކީ ލާދީނީ މީހުން އުޅޭ ޕާޓީއެއް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ދެ ސަރުކާރުގައި މިސްކިތް ނުހުޅުވާ ވާހަކަ ފަލާހު ދެއްކެވީ، އިއްޔެ މަޖިލީހުގައި ކުރިއަށް ދިޔަސް ބަހުސެއްގަ އެވެ.
ބުނީ ކީކޭ؟ - އެ ވާހަކައަށް ނަޝީދު މިއަދު ރައްދު ދެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ފަލާހުގެ ނަން ނުގެންނަވައި ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ:
2008އާ ހަމައަށް ރާއްޖޭގައި ގިނަ މިސްކިތްތައް ބިނާ ކުރީ އަމިއްލަ ފަރާތްތަކުން
ނަމަވެސް މިސްކިތްތަށް ބާވެ، ޖާގަ ކުޑަވެފައިވުމުން، މިސްކިތް ބިނާ ކުރުމުގެ ޕްރޮގްރާމެއް ހިންގަން އޭރު އެ މަނިކުފާނުގެ ކެބިނެޓުން ނިންމި
"އިރާދަކުރައްވައިގެން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އަޅުގަނޑުމެންނަށް 42 މިސްކިތް ބިނާ ކުރެވުނު،" 11 ނޮވެމްބަރު 2008 އިން 7 ފެބްރުއަރީ 2012އަށް ވެެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިންމު - އެމްޑީޕީ ދެ ސަރުކާރުގައި މިސްކިތްތައް ނުހުޅުވާ ކަމަށް ވިދާޅުވެ ފަލާހު އިތުރުފުޅު ހެއްދެވީ، މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އެމްޑީޕީގެ ފަރާތުން އިއްޔެ މަޖިލީހަށް ހުށަހެޅި ބިލަށް ވާހަކަ ދައްކަވަމުންނެވެ. 
ފަލާހުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ނުރުހުން އެ ބަހުސްގައި އޭނާއަށާއި މި ސަރުކާރަށް އަމާޒު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ