ޑެންގީ ބަލީގައި ހާލު ސީރިއަސްވުމުން، ލޭ ދޭނެ މީހަކު ކުޅުދުއްފުއްޓަށް ގެންދަން ޖެހުނީ މާލޭން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް، ޑެންގީ ބަލި ޖެހިގެން ހާލު ސީރިއަސްވި މީހަކަށް ލޭ ދިނުމަށް ހދ. އަތޮޅުގެ ބައެއް ރަށްރަށުންނާއި މާލޭ ސިޓީން މީހުން ގެންދަން ޖެހިއްޖެއެވެ. ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 43 އަހަރުގެ ވަފިއްޔާ އަލީއަށް ޑެންގީ ބަލި ޖެހި، ޕްލޭޓްލެޓް ދަށްވުމާ ގުޅިގެން އޭނާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ޚަބަރާއެކު، މާލޭގައި މަސައްކަތް ކުރާ އޭނާގެ ކޮއްކޮ، މުޙައްމަދު އަލީ ވަނީ ކުޅުދުއްފުއްޓަށް ގޮސްފައެވެ. މުޙައްމަދު ޢަލީ "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ދައްތަގެ ޕްލޭޓްލެޓް ދަށްވުމުން ހޮސްޕިޓަލުން އެންމެ ފުރަތަމަ އެންގީ، ލޭ ހަދިޔާ ކުރާނެ ހަތަރު މީހުން ބޭނުންވާ ކަމަށެވެ. ނަމަވެސް ދައްތަގެ ހުންނަނީ އެހާ އާންމު ނޫން ލޭގެ ގުރޫޕެއް ކަމަށްވާ އޭބީ ނެގެޓިވް ކަމުން، ޑޯނަރުން ހޯދަންް އުނދަގޫވިއެވެ. ދައްތަގެ ފުރާނަ ސަލާމަތް ކުރުމަށް މުހައްމަދު އަލީ އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. އެގޮތުން އެކުވެރިންނާއި ކައުންސިލްތަކާއި ފުލުހުންނާއި ސިފައިންގެ އެހީ ހޯދިއެވެ. އެ މަސައްކަތުން ޑޯނަރުން ލިބުނީ ހދ. ދިއްދޫންނާއި ހަނިމާދޫންނާއި ނޮޅިވަރަމުންނެވެ. އިތުރު މީހަކަށް، ކުޅުދުއްދުށީ ހޮސްޕިޓަލުގެ ލެބްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މީހަކު ވެސް ލޭ ހަދިޔާ ކުރިއެވެ. މުޙައްމަދު އަލީ ކިޔައިދިން ގޮތުގައި، އެ ހަތަރު މީހުންގެ ފަރާތުން ނެގި ލޭ އެޅުމަށް ފަހު ވެސް، އިތުރު ދެ ޑޯނަރުން ބޭނުންވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެއަށްފަހު އަނެއްކާވެސް ކުރި މަސައްކަތުން، ނޮޅިވަރަމުން މީހަކު ލިބުނުއިރު، ހަވަނަ މީހަކު ލިބުނީ މާލޭންނެވެ. އެހެންވެ، އާއިލާގެ ޚަރަދުގައި، ޓިކެޓް ދީގެން މާލޭގައި ހުރި ސިފައިންގެ މީހަކު ހަނިމާދުއަށް ގެންގޮސް، ކުޅުދުއްފުއްޓަށް ގެންދިޔައީ ކަމަށް މުޙައްމަދު ޢަލީ ބުންޏެވެ. "ވަރަށް ބިޒީ ޝެޑިއުލްއެއްގައި ހުރި ބޭފުޅެއް ގެންނަން ޖެހުނީ،،" އޭނާ ކިޔައިދިނެވެ. އެ އާއިލާގެ ބުރަ މަސައްކަތުން ހޯދި ހަ ޑޯނަރުންގެ ލޭ އެޅުމަށްފަހު، މިހާރު ދައްތަގެ ޕްލޭޓްލެޓް މަތިވެފައިވާކަމުގެ އުފާވެރި ޚަބަރު ޑޮކްޓަރު ދެއްވައިފައިވާ ކަމަށް މުޙައްމަދު ޢަލީ ބުންޏެވެ. ލޭ ހަދިޔާ ކުރުން: ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ވެސް ލޭ ލިބުން ވަނީ މަދުވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ "އިންޝާﷲ އިރާދަކުރެއްވިއްޔާ މި ވަގުތު އަޅާކަށް ނުޖެހޭ، އިރާދަކުރެއްވިއްޔާ މި ވަގުތު ރަނގަޅޭ ބުނެވޭނީ ދައްތަގެ ހާލަތު،" އޭނާ ބުންޏެވެ. ދައްތަގެ ހާލަތު ރަނގަޅުވި ނަމަވެސް، އޭބީ ނެގެޓިވްއަކީ ހޯދަން އުނދަގޫ ގުރޫޕެއް ކަމުން، ދިމާވެދާނެ ހާލަތަކަށް ޓަކައި ލޭ ދެވޭނެ މީހުން ހޯދައިފައި ބޭތިއްބުމަށް ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. މުހައްމަދު އަލީ ވަނީ، ހދ. އަތޮޅުގެ ރަށްރަށުން ކަނޑުމަގުން އަމިއްލައަށް އައި މީހުންނާއި މާލޭން ވެސް ދިޔަ ސިފައިންގެ މީހާގެ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އޭނާ ވަނީ، އެ މަސައްކަތުގައި ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ މާލޭން ޑޯނަރު ގެންދަން މޯލްޑިވިއަނުން ޓިކެޓު ހޯދުންކަން ފާހަގަކޮށް، އެކަމަށް ކުރިއަށް އޮތް ތަނުގައި ލުޔެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ. "އެކަހަލަ ކޭސްތަކެއްގައި ފަސޭހަ އުސޫލުތަކެއް ހުރިއްޔާ ވަރަށް ފަސޭހަވާނެ، ރައްޓެހިން މެދުވެރިކޮށް، މާޔޫސްވާ ހިސާބަށް ދިޔައިމަ މި ހަމަޖެހެނީ ޓިކެޓު،" އެ ދަތިކަން އޮތް ނަމަވެސް މޯލްޑިވިއަންގެ އެއްބާރުލުން ލިބުނުކަން ފާހަގަކުރަމުން އޭނާ ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މާލެއާއި ކުޅުދުއްފުއްޓާ ދޭތެރޭގެ ދެކޮޅު ދަތުރަކަށް މިހާރު މޯލްޑިވިއަންގެ ޓިކެޓު އުޅެނީ 3،000 ރުފިޔާއާ ގާތްކުރާ އަގަކަށެވެ. މާލެ ސަރަހައްދުގައި ފާއިތުވި ދުވަސްތަކުގައި ލޭ ހަދިޔާކުރާ މިންވަރު މަދުވުމުގެ ކަންބޮޑުވުން އެބައޮތެވެ. އެގޮތުން، މިދިޔަ މަހުގެ ތެރޭގައި މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން ވަނީ ބްލަޑް ބޭންކުގައި ހުރި ލޭ މަދުވެ، ލޭ ލިބުން ދަތިވެފައިވާކަން ފާހަގަކޮށް، ލޭ ހަދިޔާކޮށްދިނުމަށް އެދިފައެވެ. https://sun.mv/217665 އޭގެ ފަހުން، ލެޔާ ގުޅޭ ޚާއްޞަ އެޕްލިކޭޝަން ''ލޭ އެޕް''އިން ވެސް ވަނީ ބްލަޑް ބޭންކުގައި ހުރި ލޭ އިންތިހާއަށް މަދުވެ، އޭރު ހުރި ވަރުން ބަލިމީހުންނަށް ލޭ ނުދެވޭނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެފައެވެ. އެ އެޕުން ވަނީ، މި ދުވަސްވަރަކީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ 'ޕީކް ސީޒަން' ކަމަށް ވުމުން، ރިސޯޓުތަކުން އާންމުކޮށް ލޭ ހަދިޔާކުރާ މީހުންނަށް މި ދުވަސްވަރު ލޭ ދޭން ދަތިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން، ޕީކް ސީޒަން ނިމި އަންނަ މަހުގެ މެދުތެރޭ ހިސާބުގައި އާންމުކޮށް ލޭ ލިބޭ މިންވަރަށް ލިބެން ފަށާނެ ކަމަށް، ލޭ އެޕުން ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ