މާލޭގެ އިރުމައްޗާއި އުތުރު ތޮށިގަނޑު މަރާމާތުކުރަން، 70 މިލިއަން ރުފިޔާގެ މަޝްރޫއެއް

މާލޭގެ އިރުމައްޗާއި އުތުރު ތޮށިގަނޑު މަރާމާތުކުރަން ޖަޕާނާއި ރާއްޖެއާ ދެމެދު 70 މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއްގައި މިއަދު ސޮއިކޮށްފިއެވެ. އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ، ތޮށިގަނޑު އަލުން ހެދުމުގެ މަސައްކަތް ކުރާނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކަމަށެވެ. އެ މަސައްކަތާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްއެވެ. އެ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޠަޢާމު މުޙައްމަދެވެ. އަދި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، އިޒާވާ ކަން އެވެ. މާލޭގެ ތޮށިގަނޑު މަރާމާތު ކުރަން ހަމަޖެހިފައިވާ ގޮތް -- ކުރެހުން: އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެ މަސައްކަތުގެ ކޮންސަލްޓަންޓަކީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑެވެ. އަދި ކޮންޓްރެކްޓް އަގު 700,000,000 ޖަޕަނީޒް ޔެން (70 މިލިއަން ރުފިޔާ)އަށް އަރައެވެ. އެ ކޮންޓްރެކްޓް ހަދައިފައިވަނީ، 487 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ރާއްޖޭގެ ރަށްތައް ހިމާޔަތް ކުރަން ޖަޕާނުން މީގެ ކުރިން ވެސް ބޮޑެތި އެހީތައް ފޯރުކޮށްދީފައިވެއެވެ. އެގޮތުން މާލޭގެ ބޭރު ތޮށި މަރާމާތުކުރަން ޖަޕާން ސަރުކާރުން 140،000 ޑޮލަރުގެ ހިލޭ އެހީ ދޭން މިދިޔަ ސެޕްޓެންބަރު މަހު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ