ފެންނަ ނުފެންނަ ވޯޓު ނަގާ ދުވަސް ނިންމާނީ ކެބިނެޓުގެ މަޝްވަރާއަށް ފަހު: އޭޖީ

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލައި، މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ބިލު ތަސްދީގު ކުރުމުގެ ކުރިން ނަގަން ޖެގޭ ފެންނަ ނުފެންނަ ވޯޓު، ނަގާނެ ދުވަހެއް ނިންމާނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ބަންޑަރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - މައި ދެ އިންތިހާބު އެއްކޮށްލާތީވެ، މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކުރާ ގޮތަށް ސަރުކާރުގެ ފަރާތުން މިދިޔަ މަހު ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މިދިޔަ ބުދަ ދުވަހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަ އިސްލާހެއް ރައީސްއަށް ތަސްދީގު ކުރެއްވެނީ ރައެްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެކަމަށް ތާއީދު ލިބިގެންނެވެ. 
ތަފްސީލު - އެ ވޯޓާ ގުޅޭ ގޮތުން މިއަދު 'ދައުރު'ން ސުވާލު ކުރުމުން ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތަށް އެ ބިލު ރައީސް ތަސްދީގު ކުރުމުގެ ކުރިން ނަގަން ޖެހޭ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ގޮތުން ދެން އެންމެ އަވަހަށް އޮންނަ ވަޒީރުންގެ މަޖިލީހެއްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
"އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން އެ މައްސަލަ ރައިސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާނެ. އަދި ކެބިނެޓުގައި މަޝްވަރާ ކުރުމަށް ފަހު، ރެފްރަމްޑަމް [ފެންނަ ނުފެންނަ ވޯޓު] ނެގާނެ ތާރީހު ވެސް ކަނޑައަޅައި، އެކަމަށް ނެރެން ޖެހޭ ގަރާރު ކެބިނެޓުގެ މަޝްވަރާއާ އެކު ރައިސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައި، އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާނެ،" އުޝާމް ވިދާޅުވި އެވެ.
"[ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ] ގާނޫނުގައިވާ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު، ސަރުކާރުން މި ވޯޓު ނަގަން އެދޭ ތާރީހާ އެކު އިލެކްޝަންސް ކޮމިޝަނަށް، ކުރިއަށް އޮތް ހަފްތާ ތެރޭ ހުށަހަޅާނެ."
ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ސަރުކާރުގެ ވިސްނުމަކީ މިކަމާ ގުޅޭ ގޮތުން ނަގަން ޖެހޭ ފެންނަ ނުފެންނަ ވޯޓު ކައުންސިލް އިންތިހާބާއެކު ބޭއްވުމަށް
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ:
މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި ސަރުކާރުގެ ވިސްނުމަކީ، ފެންނަ ނުފެންނަ ވޯޓު ދައުލަތަށް އެންމެ ހަރަދު ކުޑަ ގޮތަކަށް ބޭއްވުން
އަދި އެކަމުގައި އެންމެ ހަރަދު ކުޑަ ގޮތަކަށް ބޭއްވެނެ ގޮތަކީ ކޮބައިތޯ ބަލަން އިލެކްޝަންސް ކޮމިޝަނާ މަޝްވަރާ ކުރާނެ
"ހަރަދު ކުޑަ ގޮތަކަށް ބޭއްވޭނެ ގޮތަކީ، ލޯކަލް ކައުންސިލް އިންތިހާބާ އެކު އެކަން ކުރުން ކަމަށްވާ ނަމަ، ކެބިނެޓުން އެގޮތަށް މަޝްވަރާކޮށް، ކެބިނެޓުން އެގޮތަށް ނިންމައިފި ނަމަ، އެގޮތަށް [ކައުންސިލް އިންތިހާބާއެކު ބާއްވަން] އަޅުގަނޑުމެން ހުށަހަޅާނީ. ނަމަވެސް ކެބިނެޓުން ނިންމުމާއެކު ފައިނަލް ތާރީހެއް ނިމިގެންދާނީ،" އުޝާމް ވިދާޅުވި އެވެ.
އެނގުން މުހިންމު - ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގާނޫނުގެ 19 ވަނަ މާއްދާގައިވާ ގޮތުން މިފަދަ ވޯޓެއް ނެގެނީ، މަދުވެގެން 45 ދުވަސް އަދި ގިނަ ވެގެން 90 ދުވަސް ތެރޭ އެކަމަށް އެދި ހުށަހަޅައިގެންނެވެ. 
ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ، އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހަށެވެ. މިއަދާއި އެ ތާރީހާ ދެމެދު މިހާރު އޮތީ 51 ދުވަހެވެ. 
ކައުންސިލް އިންތިހާބުގައި ފެންނަ ނުފެންނަ ވޯޓު ނަގާ ނަމަ، ގާނޫނުގައި ބުނާ 45 ދުވަސްގެ ކުރީގެ ތާރީހަކީ  މިމަހު 18 އަށެވެ. އެކަން މަޖިލީހުގެ ކޮމިޓީގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުންވެސް ފާހަގަކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް- ރައީސް މުހައްމަދު މުއިއްޒާއި ކެބިނެޓުގެ ބައެއް ވަޒީރުން މިވަގުތު ރަސްމީ ދަތުރުފުޅެއްގައި  ތިއްބެވީ ޖަރުމަންގަ އެވެ. މާދަމާ އެ ދަތުރުފުޅު ނިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެހެންކަމުން އަންނަ ހަފްތާ ކުރީކޮޅު މިކަމާ ގުޅޭ ގޮތުން ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ބާއްވާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ