ބްރެޒިލަކީ ވޯލްޑް ކަޕްގެ ފޭވަރިޓެއް ނޫން ކަމަށް ވިނީޝިއުސް ބުނެފި ބްރެޒިލަކީ ވޯލްޑް ކަޕްގެ ފޭވަރިޓެއް ނޫން ކަމަށް ވިނީޝިއުސް ބުނެފި

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މާޗް 26) - ބްރެޒިލަކީ މި އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ފޭވަރިޓެއް ކަމަށް ނުފެންނަ ކަމަށް ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.
އިޓަލީގެ މަޝްހޫރު ކޯޗު، ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާ ބްރެޒިލަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމެވެ. ބްރެޒިލުން ފަސް ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، އެ ޓީމުން އެންމެ ފަހުން ތަށި އުފުލާލީ 2002 ވަނަ އަހަރު އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިިފައިވުމަށް ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގައި ބްރެޒިލް ދިޔައީ ފަސް ވަނަ އެވެ. އެ ނަތީޖާއާ އެކު، މިއީ، ވޯލްޑް ކަޕަކަށް ބްރެޒިލުން އެންމެ ދަށް ނަތީޖާތަކަކާ އެކު ކޮލިފައިވި ފަހަރެެވެ. ވިނީޝިއުސް ބުނީ، ގިނަ ބަޔެއްގެ ނަޒަރުގައި ބްރެޒިލް ފޭވަރިޓަށް ނުވާނެ ސަބަބަކީ ވެސް ކޮލިފައިންގައި އެ ނުކުތް ނަތީޖާތައް ކަމަށެވެ.
"އަހަރެމެންނަށް އެނގޭ ކޮލިފައިންގައި އެ ނުުކުތް ނަތީޖާތަކުގެ ސަބަބުން ފުޓްބޯޅަ ސަޕޯޓަރުން އަހަރެެމެން ފޭވަރިޓުންގެ ގޮތުގައި ނުދެކޭނެކަން. ހަގީގަތަކީ އަހަރެެމެން ފޭވަރިޓުންނަށް ވާން ވެސް ބޭނުމެއް ނުވޭ. އަހަރެމެން ބޭނުންވަނީ، ވޯލްޑް ކަަޕަށް ހަމަަޖެހިލައިގެން ގޮސް ރަނގަޅު ކުޅުމެއް ދައްކަން. ހަމަޖެހިގެނޭ މި ބުނަނީ، ނުރަނގަޅު ޕްރެޝަރުތަކުގައި ނުޖެހި އެންމެ ރަނގަޅު ކުޅުން ދެއްކޭނެ ހާލަތެއްގައި އޮތުމަށް،" ވިނީޝިއުސް ބުންޏެވެ.
ބްރެޒިލުން ވޯލްޑް ކަޕަށް ތައްޔާރުވުމަށްޓަކައި ކުޅޭ އެކުވެރިކަމުގެ މެޗެއްގައި މިރޭ ފްރާންސާ ކުޅޭނެ އެވެ. އަދި، ތިން ދުވަސް ފަހުން، ކްރޮއޭޝިއާއާ ބައްދަލުކުރާ ގޮތަށް ވެސް ވަނީ ހަަމަޖެހިފަ އެވެ. ވޯލްޑް ކަޕްގެ ކުރިން އެންމެ ފަހުން ކުޅޭ އެކުވެރިކަމުގެ މެޗުގައި މިސްރާ ދެކޮޅަށް ޖޫން މަހު ނުކުންނާނެ އެެވެ.
ވޯލްޑް ކަޕްގައި ބްރެޒިލް ވާދަކުރަނީ، މޮރޮކޯ، ހައިޓީ އަދި ސްކޮޓްލެންޑާ އެކު، ގްރޫޕް ސީގަ އެވެ. ބްރެޒިލް ކުޅޭ ތިން މެޗު ވެސް އޮތީ އެމެރިކާގަ އެވެ. ފުރަތަމަ މެޗުގައި، ޖޫން 13 ވަނަ ދުވަހު މޮރޮކޯއާ ކުޅުމަށް ފަހު، ޖޫން 19 ވަނަ ދުވަހު ހައިޓީއާ ބައްދަލުކުރާނެ އެވެ. އަދި، ޖޫން 24 ގައި ސްކޮޓްލެންޑާ ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ