ދުންފަތުގެ ބާވަތްތަކުގައި ސިއްހީ އިންޒާރު ޖަހަން އިތުރު 6 މަސް ދީފި

ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމަށާއި ސިއްހަތުގެ އިންޒާރު ޖަހަން އިތުރު ހަ މަސް ދީފި އެވެ.
ވީ ކިިހިނެއް؟ - ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހުންނަންޖެހެނީ ހެލްތު މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ސިއްހަތުގެ އިންޒާރުގެ ނޯޓިސް ޖަހާފަ އެވެ.
މި އުސޫލަށް މިދިޔަ ޖުލައި މަސްތެރޭ ގެނެސްފައިވާ ބަދަލުގައިވާ ގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދުގެ ދަށުން ލާޒިމުކުރާ، ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާއި ސިއްހަތުގެ އިންޒާރު ނުޖަހާ ހުރި ތުންފަތުގެ ބާވަތްތަކުގައި އެ އިންޒާރު ޖަހައި ރަޖިސްޓްރީކުރަން ދީފައިވާ މުއްދަތަކީ މިމަހުގެ 28ގެ ނިޔަލަށެވެ.
ތަފްސީލް - އެޗްޕީއޭއިން މިއަދު ކުރި އިއުލާނެެއްގައި ބުނީ، އެ މުއްދަތު އަންނަ 28 ޖުލައިގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށެވެ. އެގޮތުން:
ސިއްހަތުގެ އިންޒާރު ޖެހުމަށް އަލަށް ކަނޑައަޅާފައިވާ ދުންފަތުގެ ބާވަތްތައް 28 ޖުލައިގެ ފަހުން ރާއްޖެއަށް އެތެރެކުރެވޭނީ އަދި ވިއްކޭނީ އުސޫލުގައި ވާގޮތަށް ސިއްހަތުގެ އިންޒާރު ޖަހައިގެން
އެގޮތަށް ސިއްހަތުގެ އިންޒާރު ނުޖަހާ ކުރިން އެތެރެކޮށްފައިވާ މިފަދަ ބާވަތްތައް ވެސް 27 ޖުލައިގެ ފަހުން ވިއްކުން މަނާވާނެ 
އެހެންކަމުން މިހާރު ސިއްހަތުގެ އިންޒާރު ނުޖަހާ އެތެރެކޮށްފައިވާ އެފަދަ ބާވަތްތައް 27 ޖުލައިގެ ކުރިން ވިއްކާ ނިންމުމަށް އަންގާފައިވޭ
މީގެ އިތުރުން، ރަޖިސްޓާޑް ޓޮބޭކޯ ޕްރޮޑަކްޓްސް ލިސްޓަށް މިދިޔަ މަހުގެ 22ގައި ބަދަލު ގެނެސްފައިވާތީ އެ ބަދަލުތައް ވެސް މި އިއުލާންގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން، އެ ތަނުން ބުނީ:
ދުންފަތުގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވާސް (ދުންފަތުގައި ތަބައީ ގޮތުން ހުންނަ ރަހަ ފިޔަވާ އެއަށް އިތުރަށް އަޅާފައި ހުންނަ ރަހަ) ހިމެނޭ ބާވަތްތައް ލިސްޓަށް އިތުރުކޮށްފައިވޭ 
އެ ބާވަތެއްގެ ޕެކެޓް ކުރެވިފައިވާއިރު ޕެކެޓްގައި ތަކެތި ހުންނަ އަދަދާއި ބާވަތެއް އުފެއްދި ގައުމަށް ބަލާ ތަފާތު އައިޓަމެއްގެ ގޮތުގައި މިހާރުގެ ލިސްޓްގައި ހިމަނާފައި ވާނެ
މިހާރު އެއް ބާވަތެއްގެ އެއް ބްރޭންޑަކަށް ނިސްބަތްވާ ތަފާތު ފްލޭވާސް ވަކިން ރަޖިސްޒްރީ ކުރަން ނުޖެހުނަސް، ތަފާސްހިސާބުގެ ބޭނުމަށްޓަކައި، ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެ ކުރާއިރު، އެ ބާވަތަކީ ފްލޭވާސް ހިމެނޭ ބާވަތެއް ނަމަ، ތަކެތި އެތެރެކުރާ މަރުހަލާގައި އެ މައުލޫމާތު ހިމެނޭ ލިއެކިއުން ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ