މޭޔަރު ކަމަށް ނުުކުތް ޖަލީލަކީ ސަނާ ކިޔޭ ވަރުގެ ޖެނެރަލެއް ނޫން: ޔާމީން

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ މޫސާ އަލީ ޖަލީލަކީ ސިފައިންގެ ހިދުމަތުގައި ކިތަންމެ ސާބިތުކަމެއް ދެއްކެވި ބޭފުޅަކަށް ވިޔަސް ސަނާ ކިޔަން ޖެހޭ ވަރުގެ ޖެނެރަލެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ޔާމީން މިހާރު ހިންގަވާ ޕީއެންއެފުން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި މޫސާ އަލީ ޖަލީލާ ގުޅޭ ގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ، ޕޯޑިއަމްގައި ހުންނަވައިގެން ވާހަކަ ދެއްކެވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.
އޭނާ ވިދާޅުވީ މޫސާ އަލީ ޖަލީލް ފަދަ ރިޓަޔަޑް ޝަރަފްވެރި ޖެނެރަލަކު މޭޔަރު ކަމަށް ނެރެ، ރައްޔިތުންނަށް ވޯޓަށް ސަލާން ޖަހަން ޖެހޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވުމުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ.
ހުސައިން ވަހީދުގެ ވާހަކަ އެ ހިސާބަށް ވިދާޅުވުމާ އެކު، ސަޕޯޓަރުންނާ އެކު ގޮނޑީގައި އިންނެވި ޔާމީން މައިކް ނެންގެވުމަށް ފަހު މޫސާ އަލީ ޖަލީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ޔާމީން އެންމެ ފުރަތަމަ ވެސް ވިދާޅުވީ މުސާ އަލީ ޖަލީލް ފަދަ ބޭފުޅަކު، މިހާ ފެއިލްވެ ރައްޔިތުންނަށް "ނިކަމެތިކަން ޖެއްސި" ސަރުކާރަކާ އެކު ނުކުންނަވާތީ އެ ކަމާ ވަރަށް ބޮޑަށް "ހިތާމަކޮށް، ލަދު ވެސް ގަންނަ" ކަމަށެވެ.
ނަމަވެސް އެއީ ޖަލީލުގެ އަމިއްލަ ނިންމެވުމަކަށްވާތީ އެކަމާ އެހާ ވިސްނަން ބޭނުންނުވާ ކަމަަށް ވެސް ވިދާޅުވި އެވެ. މީހެއްގެ އިހުލާސްތެރިކަން ހުރި މިންވަރާއި ހަގީގީ މިޒާޖު ފެނިގެންދާނީ އޭނާއަށް ކަމެއްގެ ބޭނުން ޖެހޭ ހާލަތުގައި ކަމަށް ވެސް ވިދާޅުވި އެވެ. ޔުނީފޯމުގައި އޭނާގެ ހަގީގީ މިޒާޖު ފެނިގެން ނުދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖަލީލު ހުންނެވީ ކޮންތާކުތޯ؟ ޗީފް އޮފް ސްޓާފްސްގެ މަގާމުގައި. އެހެންވީމާ ނެތެއް ނޫންތޯ ސަނާ ކިޔޭކަށް. ސަނާ ކިޔޭކަށް ނެތޭ. ސަނާ ކިޔަން ޖެހޭ ވަރެއް ނޫނޭ،" ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ޖަލީލާ ގުޅޭ ގޮތުން ޔާމީން ވިދާޅުވި އެވެ.
"ސިފައިންގެ ރަނގަޅު ތަމްރީނާއި އަހްލާގް އަށަގެންފައިވާ ބޭފުޅެއް ނަމަ ޔެސް ސާ ކިޔާ ގޮތަށް ހަމަ [އެ މީހެއްގެ އަގު ވެއްޓިގެންދާ ފަދަ ކަމެއްގައި] ނޯ ސާ ވެސް ކިޔަން އެނގެން ޖެހޭނެ."
ޖަލީލް އޭނާގެ އަގު ދިވެހިންގެ ކުރިމަތީގައި ވައްޓާލީ އަމިއްލައަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ޖަލީލަކީ ވަރަށް އާދައިގެ ގޮތަކަށް ލޫޒްކޮށް ވޯކްކުރާ މީހެއްތާ ދޯ އެހެންވީމާ. އަނދިރިއަސް، އަލިވިއަސް ހަމަ އެންމެ ރަނގަޅު،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ