ޕަރީ ޗެޕްޓާ އެކަކުން ބިރުން ހީބިހި ނަގައިފި، ކެތްމަދުކުރުވީ، ޗެޕްޓާ ދެއަކަށް!

މީހުންތައް އެ ތަނަށް އެއްވަނީއެވެ. އިންޓަވިއު ކުރާ މީހުން އިންޓަވިއު ކުރަނީއެވެ. ކަމާ ގުޅޭ ގޮތަށް މުޅި މާހައުލު އޮތީ ޒީނަތްތެރިކޮށްފައެވެ. ރަތް ދޫލަ އަޅައި، ކަޅާ ރަތުގެ އެކި ތަކެއްޗެވެ. ޕޯސްޓަރުތަކާއި ޗާންދަލިއާތަކެވެ. މަކުނުވާހެން އެލުވާފައި ހުރި ކަފަތަކެވެ. ދަމާފައި ހުރި ކަޅާއި ރަތް ފޮތިތަކެވެ. އިތުރު ފުރިހަމަ ކަމެއް ގެނުވީ، ފޮތިތަކަށް އަޅުވާފައި ހުރި ރަތް ލައިޓުތަކުންނެވެ. އެ ތަން ނާމާން ކުރުވަމުން ދިޔައީ، އަނގަ ހުޅުވައިގެން އިން ކުޑަ ކުއްޖެއް ފެންނަ ޕޯސްޓަރުން ތަކުންނެވެ. ބޯ މައްޗަށް ނަގައިގެން އެ ކުއްޖާއިންއިރު، އިތުރު ބިރުވެރި ކަމެއް މާހައުލަށް ގެނުވައެވެ. މާހައުލަށް އިތުރު ނަލަ ކަމެއް ގެނުވީ، ކަޅާ ނުލުގެ ހެދުމުން ޒީނަތްތެރިވެގެން އެކި ކަންކަމުގައި ތިބި މީހުންނެވެ. މިއީ، މިދިޔަ ބުދަ ދުވަހުގެ ރޭ ޕަރީ ޗެޕްޓާ އެކެއް ޕްރިމިއާ ކުރި ހަފުލާއެވެ. މިއީ، މި އަހަރު އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފިލްމެވެ. މިދިޔަ އަހަރު ނިމިގެން ދިޔައީ، އެކި ފިލްމުތަކުން އޮލިމްޕަސް ފަޅުފިލުވާފައެވެ. ލޯތްބާއި "އެކްޝަން ތްރިލާ"ގެ ފިލްމުތަކުންނެވެ. ތަފާތު ބާވަތެއްގެ ފިލްމެއް ފެނުނީ ވަރަށް މަދުންނެވެ. ފިލްމީ ތަރި ލައިޝާއާއި ޕަރީ ރޯލު ކުޅޭ މަރިޔަމް ލަމްޝާ --- ފޮޓޯ/ ޕަރީ ކެޕްޓާ ވަން އެހެންކަމުން، 'ރަހަތަފާތު' ކޮށްލުމަކަށް ގިނަ ބަޔަކު ތިބީ ބޭނުންވެފައެވެ. އާންމުކޮށް، ދިވެހި ފިލްމު ބަލާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހުރީ ކެތްތެރިކަން ކުޑަވެފައެވެ. މި ހުވަފެނުގައި ކުލަ ޖެހުނީ، ބިރުވެރި ސިލްސިލާ ފިލުމެއް ކަމަށްވާ 'ޕަރީ ޗެޕްޓާ އެކަކުންނެވެ'. ޕަރީ އެތައް ގޮތަކުން ޚާއްސަވެ، ހިތްތަކާ ކުޅެލައިފި! ކުޑަ އިރުކޮޅަކު ފިލްމުގެ ފަންނާނުންނާ އެކީ އުޅެލީމެވެ. އެއަށް ފަހު، ފިލްމު ބަލަން ތިއޭޓާ ނުވަތަ ފިލްމު ބަލާ ތަނުގެ ތެރެއަށް ވަދެވޭ ވަރުވީ، އެރޭ 09:30 ހާއިރެވެ. ލަސްތަކެއް ނުކޮށް، ފިލްމުގެ ފަންނާނުން ސްޓޭޖަށް އަރައިފިއެވެ. ފެނުނީ، މަދު ފިލްމީ ތަރިންތަކެކެވެ. އެއީ، މި ވަގުތު ރާއްޖޭގައި ތިބި ފަންނާނުންނެވެ. މިއީ، އެންމެ ގޮތަކުން ޚާއްސަވާ ފިލްމެއް ނޫނެވެ. ފުރަތަމަ ކަމަކަށް ގެންދިޔައީ، މަޝްހޫރު ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ހަނދާނުގައި މިނެޓެއްގެ ސުކޫތެކެވެ. އެ ފުރުސަތުގައި ސްޓްރޯކެއް ޖެހި، މިހާރު ފަރުވާ ހޯދާ ތަޖުރިބާކާރު ޑައިރެކްޓަރު އަހުމަދު ނިމާލްގެ ހަނދާން ވެސް އާކުރިއެވެ. ކޮންމެ ކަމަކަށް ވެސް ބޮޑެތި އެހީތައް ވެދެވޭ މީހުން ތިބޭނެއެވެ. އެ އުސޫލުން އެ ބުރަ ބޮޑު މަސައްކަތަށް އެހީވި، ފަރާތްތަކަށް ހަނދާނީ ރަމްޒެއް ދޭން ފަށައިފިއެވެ. ޕަރީގެ ލީޑު ރޯލުތަކުން ފެންނަ ރިޝްމީއާއި ސީޒަން --- ފޮޓޯ/ ޕަރީ ޗެޕްޓާ ވަން އިރުކޮޅެއް ތެރޭ، ސްޓޭޖުގެ ލައިޓުތައް ނިވިއްޖެއެވެ. މުޅި ތަން އަނދިރިވެއްޖެއެވެ. ނަމަވެސް، މައިކުގެ އަޑު އިވެއެވެ. އެ މާހައުލު ފަޅުފިލުވައިދޭން ހުރި ޕްރެޒެންޓަރު ބުނީ، އެއީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އެކަހަލަ ކަންކަން ވެސް ވެދާނެ ކަމެވެ. އެބަ އަންނަމޭ ބުނުމަށްފަހު، ހުރިހާ އެކްޓަރުންނާ އެކީ ސްޓޭޖުން ފައިބައިފިއެވެ. އެ މީހުން ފޭބިތާ މިނެޓެއް ނުވެއެވެ. ކުއްލިއަކަށް އިވުނީ އަޑެކެވެ. "އަދި ތިހެން ބަހައްޓާފައި ތިހުރީ އަހަރެން ރަނގަޅުކަމުން. ޒޫނާ ހީނުކުރައްޗޭ އަހަރެންނަށް ބޭނުންހާ އެއްޗެއް ހެދޭނެޔޭ" މި އަޑެވެ. ދެން ވެސް މީހެއް ނުފެނެއެވެ. ފެންނާކަށް ނުވެސް ޖެހެއެވެ. ބެލުންތެރިންގެ ހަޅޭކުގެ އަޑުން މުޅި ތަން ގުގުމާލައިފިއެވެ. އެއީ، އިތުރު ތައާރަފަށް ބޭނުންނުވާ ބިރުވެރި ފިލްމު، 'ފަތިސް ހަނދުވަރު'ން ފެނުނު ޖިންނި ޖިނާއެވެ. ނުވަތަ ކުރީގެ ފިލްމީ ތަރި ރީކޯ މޫސާ މަނިކެވެ. އޭރު ވެސް ރީކޯ ވާހަކަދައްކައެވެ. އިރުކޮޅެއް ތެރޭ ސްޓޭޖަށް އަރައިފިއެވެ. އެވަގުތު އިތުރަށް އަޑުގަދަކޮށްލީ، ފަތިސް ހަނދުވަރުގެ މަޝްހޫރު އެއް ޑައިލޮގުންނެވެ. "އިންސާނުންނަށް ހާދަ ކުޑަ ވެސް ބާރެއް ލިބުނަސް ހާދަ ބޮޑާވެޔޭ ދޯ" ރީކޯއާއި ނިއުމާ އަދި ސީޒަން ސްޓޭޖުގައި --- ސަން ފޮޓޯ އޭރު ވެސް ލައިޓުތަކެއް ނުދިއްލެއެވެ. ނުވަތަ ނުދިއްލައެވެ. "ޒޫނާ، މި ތަން ހީކުރި ވަރަށް ވުރެ އަނދިރިއެއް ނުވިއެއްނު. ޒޫނާ" އޭ ކިޔާ ރީކޯ ހަޅޭތްލަވައިގަތެވެ. ފަތިސް ހަނދުވަރުގައި ބުނެލާ ހެނެވެ. އެ ވަގުތު މާހައުލު އިތުރަށް ފޯރިގަދަވީ، ފިލްމީ ތަރި، ނިއުމާ މުހައްމަދު ސްޓޭޖަށް އެރުމުންނެވެ. ބެލުންތެރިން ހީވަނީ، އެހެން ފަދަ ކަމެއް ހެނެވެ. އެހާ ދުވަހަށް ފަހު، ނިއުމާއާއި ރީކޯ އެކުގައި ފެނުމުންނެވެ. ޕަރީގެ ޝަރަފުވެރި މެހެމާނުންނަކީ، އެއީއެވެ. ވަކި ހިސާބަކުން ޕަރީގެ ޑައިރެކްޓަރު އަލީ ސީޒަން ސްޓޭޖަށް އަރައިފިއެވެ. މަޖާ ވަގުތުކޮޅަކަށް ފަހު، ބެލުންތެރިންނާ ފިލްމު ހަވާލުކޮށްފިއެވެ. އެއީ، އެރޭ 09:45 ހާއިރެވެ. އެހާ ހިސާބުން އެތައް ދުވަހެއްގެ ބުރަ މަސައްކަތެއްކަން ޔަގީންވެއްޖެއެވެ. އެއް ހާދިސާ އަނެއް ހާދިސާއާ ގުޅުވާފައި ހުރި ގޮތް ފުރިހަމަކަން ސިފަކޮށްދޭކަށް ވެސް ނޭނގެއެވެ. އަނެއް ގޮތަކަށް ބުނާނަމަ، ފިލްމުގެ 'ކުރިމަރާނުލާ' ހާދިސާތައް ކިޔައިދިނީ، ގެތިފައިވާ ހާރެއް ހެނެވެ. އެއީ، ކެމެރާ ކުރުމާއި އަޑުތަކާއި ފަންނާނުންގެ ހުނަރުގެ ކުޅަދާނަ ކަމުންނެވެ. ކުރިން ވެސް ބުނިހެން މިއީ، ބިރުވެރި ފިލްމަކަށް ވާތީ، ލައްކަ ކަންކަން ހިނގާނެތާއެވެ. ނޭވާ ހިފަހައްޓައިގެން، ސިހިސިހި ތިބެން ޖެހުނު އެތައް މަންޒަރެއް އައެވެ. ބޭނުންނުވިޔަސް، ބޭއިޚުތިޔާރުގައި ހަޅޭތްލެވުނެވެ. ބިރުވެރި މަންޒަރެއް އައުމުން ސިހިގެނެވެ. ނޫނީ، މޫނު މަތީ އަތް އެޅެއެވެ. ބިރުވެސް ގަނެއެވެ. އެވަރުން ވެސް ކެތްތެރިކަން ކުޑަވީ، ދެން ވާނެ ގޮތެއް ބަލާށެވެ. މުޅިން ގައިން ހީބިހި ނެގި، މަންޒަރުތައް ވެސް އައެވެ. ޕަރީ ޗެޕްޓާ އެކަކީ، ލަންކާއަށް ދިރިއުޅުން ބަދަލުކުރާ ކުޑަ އާއިލާއަކަށް ދިމާވާ ކަންކަން ކިޔައިދޭ ބިރުވެރި ފިލުމެކެވެ. ދިމާވާ ކަންތައްތަކެއްގެ ސަބަބުން، އާއިލާއަށް އަންނަ އެތައް ބަދަލެއް ދައްކުވައިދެއެވެ. ނޭނގި ނަމަވެސް، ކުރެވޭ ކަމަކުން ގެނުވާ ބަދަލު ދައްކުވައިދެއެވެ. އެ ކަމުން ފިލާވަޅެއް ލިބޭނެއެވެ. އެއީ، ކޮން ކަމެއްކަން ނިންމަން ބެލުންތެރިންގެ މައްޗަށް ދޫކޮށްލާނަމެވެ. ބުރަ ބޮޑު މަސައްކަތުގެ ފުރިހަމަކޮށްދިނީ އެތައް ބައެއް! އިނގިރޭސި ސަބްޓައިޓަލްސްއާއެކީ ދެއްކި މި ޕަރީގައި ފަސް ބަހަކުން ވާހަކަ ދައްކައެވެ. އޭގެތެރޭގައި، ހިންދީއާއި ދިވެހި ބަހާއި ސިންހަޅަ ހިމެނެއެވެ. އެ ކަމުން އެކަނި ވެސް ތަފާތު ރަހައެއް ގެނެސްދެއެވެ. މިހާ ފުރިހަމަ ފިލްމަކީ، ގިނަ ބައެއްގެ މިންނަތް މަސައްކަތެވެ. ސީޒަން ޑައިރެކްޓުކޮށް، ފިލްމުގައި އެކްޓުކުރީ، ލީޑު ރޯލަކުންނެވެ. އިތުރު ލީޑު ރޯލަކުން ގިނަ ދުވަސްތަކަކަށް ފަހު، އައިޝަތު ރިޝްމީ ރަމީޒު ފެނުނެވެ. ފިލްމުގައި އުޅޭ ކުޑަކުއްޖާ ނުވަތަ ޕަރީގެ ރޯލު އަދާކުރީ، މަރިޔަމް ލަމްޝާއެވެ. އިތުރު ރޯލުތަކުން ޖުމައްޔިލް ނިމާލްއާއި ޝީލާ ނަޖީބާއި މުހައްމަދު ރަޝީދު (ދަރާ ރަޝީދު) ފެންނައިރު، އެހެން ގައުމުތަކުގެ މީހުން ވެސް ވަނީ އެކްޓުކޮށްފައެވެ. އެންމެ ފަންނާނެއް ވެސް އަނެކަކަށް ދޫނުކުރެއެވެ. ކިތަންމެ ކުޑަ ރޯލެއް ވެސް ފިލްމުގައި އަދާ ކުރާ ދައުރުން ދިރުން ގެނެސްދެއެވެ. ހޫދު އިބްރާހިމް ލިޔުނު ވާހަކައަކަށް ބިނާކޮށް، ހެދި ޕަރީ އިތުރަށް ފުރިހަމަކޮށްދެނީ، ވީއެފްއެކްސްއާއި ސައުންޑް މިކްސުންނެވެ. އެ ކަން ފުރަތަމަ ފަހަރަށް ދިވެހި ފިލްމެއްގައި އިންޑިއާގެ ސްޓޫޑިއަކުން ކޮށްދިނީ އެހާ ފުރިހަމަކޮށެވެ. ދުނިޔޭގައި ބޭނުންކުރާ އެންމެ ޒަމާނީ އެއް އުކުޅު ކަމަށްވާ ވީއެފްއެކްސް ނުވަތަ 'ވިޝުއަލް އިފެކްޓްސް'އަކީ ކެމެރާއިން ނަގާ ހަގީގީ މަންޒަރުތަކުގެ ތެރެއަށް، ކޮމްޕިއުޓާ ގްރެފިކްސް ބޭނުންކޮށްގެން އިތުރު މަންޒަރުތައް ވެއްދުމެވެ. އެ އުކުޅުން އެކަނި ވެސް ބިރުވެރި މަންޒަރުތައް އަސްލާ އެއްގޮތްވެއެވެ. ޗެޕްޓާ އެކެއް ނިންމާލަމުން ވަނީ، ދެވަަނަ ޗެޕްޓާގެ މަންޒަރުތަކެއް ދައްކާލާފައެވެ. އެ މަންޒަރުތައް ކުރިއަށް ވުރެ ބިރުވެރި ވެފައި، ޝައުގުވެރިއެވެ. ސީޒަން ބުނި ގޮތުގައި، އެ ބައި 'ވަރަށް އަވަހަށް' ފެންނާނެއެވެ. އެހެންވެ، ޖެހޭނީ ކެތްމަދު ވިޔަސް، އިންތިޒާރުގައި ތިބެންތާއެވެ. ފިލްމީ ތަރި މަނިކުއާއި ޝީލާ ---- ފޮޓޯ/ ޕަރީ ޗެޕްޓާ ވަން "ވަރަށް ކަމުދޭ. ހަމަ ސަތޭކަ އަކުން ސަތޭކައެއް ދޭ ވަރުވޭ" މިއީ ފިލުމު ބަލާފައި ނިކުތް ގިނަ ބައެއްގެ ދުލުން އިވުނު އަޑެވެ. މިހެން ގޮސް އެތައް ތައުރީފެކެވެ. ބެލުންތެރިންނާއި، ފިލްމީ ދާއިރާގެ ފަންނާނުންނެވެ. އެ ކަމުން އެކަނި ވެސް ޕަރީގެ ޓީމަށް ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން ބޮޑެވެ. އެހެންކަމުން، އެތައް ގޮތަކުން ޕަރީ، ފިލްމީ ދާއިރާގެ ތާރީޚުގައި ރަން އަކުރުން ލިޔެވޭނެއެވެ. އެތައް ބަޔެއްގެ ހިތްތަކުގައި ހަރުލާފައި ހުންނާނެ ފިލުމަކަށް ވާނެއެވެ. ބިރުވެރި ފިލުމު ކަމުދާ ބެލުންތެރިންނަށް މި ފަހަރު މި ލިބުނީ ކުޑަ ހަދިޔާއަކަށް ނުވާނެއެވެ. އެހެންވެ، ޕަރީ އެކެއް ބަލައިގެން ހީބިހި ނަގުވާ ވަރު އަޖުމަ ބަލައިލަންވާނެއެވެ. އޭރަށް، ދެވަނަ ބަޔެއްގެ އިންތިޒާރުގައި ކެތްމަދުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ