19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: މާޒިޔާ އާއި ނިއުގެ ފައިނަލެއް

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލްގައި ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލު ކުރަން ޖެހިއްޖެ އެވެ.
މާޒިޔާ ފައިނަލުގެ ޖާގަ ޔަގީން ކުރީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ލީގު ބުރުގެ ފަހު މެޗުގައި 1-0 އިން އޮޑި ސްޕޯޓްސް ބަލި ކޮށްގެންނެވެ.
މާޒިޔާގެ ހަމައެކަނި ލަނޑު 89 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން މުހައްމަދު އިލާން އިމްރާން އެވެ. އޭނާ ވަނީ ސެންޓަ ސާކަލް ތެރެއިން އޮޑީގެ ދެ ކުޅުންތެރިން ކައިރިން ދެމިގެންފައި  އެކަނި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ އޭނާ މުބާރާތުގައި ޖެހި 13 ވަނަ ލަނޑެވެ.
މި ނަތީޖާއާ އެކު މާޒިޔާ ވަނީ ޖުމްލަ ހަ ޓީމާ އެކު ކުޅޭ މި މުބާރާތުގެ ލީގު ބުރުގައި ފަސް މެޗުން 13 ޕޮއިންޓް ހޯދައި، މި ބުރުގެ އެއް ވަނަ ހޯދައިފަ އެވެ. ދެ ވަނައިގައި ނިންމީ 11 ޕޮއިންޓް ހޯދި ނިއު ރޭޑިއަންޓެވެ. ދިހަ ޕޮއިންޓާ އެކު އޮޑި ނިންމާލީ ތިން ވަނައިގަ އެވެ.
ލީގު ބުރުގައި ނިއު އާއި މާޒިޔާ ބައްދަލު ކުރި މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. ފައިނަލްގައި މާޒިޔާ އާއި ނިއު ބައްދަލު ކުރާނީ އަންނަ ހުކުރު ދުވަހުގެ ރޭ 9 ޖަހާއިރެވެ.
މީގެ ކުރިން ނިއު އާއި މާޒިޔާ، ޔޫތު ޗެމްޕިއަންޝިޕް ފައިނަލްގައި ވާދަ ކޮށްފައި ވަނީ، އެންމެ ފުރަތަމަ މުބާރާތް ބޭއްވި 2011 ވަނަ އަހަރެވެ. ވިހި އަހަރުން ދަށަށް ބޭއްވި އެ އަހަރުގެ މުބާރާތް މާޒިޔާ ކާމިޔާބު ކުރީ 1-0 އިންނެވެ. އެއަށް ފަހު މާޒިޔާ ދެ ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރީ މިދިޔަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ