އުސްގެކޮޅަށް އަނެއްކާވެސް ބޮޑެތި ގެއްލުންތަކެއް

އުސްގެކޮޅަކީ މީލާދީން 20ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) ޢިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާއެވެ. އަދި 74 އަހަރު ކުރިން އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވުނީވެސް މި އިމާރާތުގައެވެ.
މި އިމާރާތް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވީ ނަމަވެސް، ތާރީޚީ ގޮތުން މުހިންމު މި ބިނާ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އެ ކައުންސިލުން އިހުމާލުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެކި ފަހަރު މަތިން އުސްގެކޮޅަށް އެކި ވަރުގެ ގެއްލުންތައް ލިބެމުން ގޮސް، މި ފަހުން ވަނީ އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން އިމާރާތުގެ ފާރުތަކުގައި ކުރެހުންތައް ކުރަހައި، ބޭއަދަބީ ބަސްތައް ލިޔެ، ދޮރުތައް ހަލާކުކޮށްލުމަށްފަހު އެތަނުގެ ތެރެއަށް ވަދެ، ކުޑަކަމުގޮސް ބޮޑުކަމު ގޮސްފައިއެވެ. ދިވެހިރާއްޖޭގެ ތާރީޚީ ތަރިކައެއް މިފަދަ ނިކަމެތި ހާލަތަކަށް ދިޔުމަކީ ފުން ހިތާމައެއް އޮތް ކަމެކެވެ.
އުސްގެކޮޅަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، އެ ތަން ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުގައި މީގެ ކުރިންވެސް އެދިފައިވާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް، އެ ކަމުގައި އެދެވޭ ޖަވާބެއް ލިބިފައި ނުވަނިކޮށް، އަނެއްކާވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމުން، އެ ބިނާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ އަލުން ފަށާފައެވެ. އެގޮތުން، މިކަމާ ގުޅޭ ރަސްމީ ސިޓީއެއް މިހާރު ވަނީ ސިޓީ ކައުންސިލަށް ފޮނުވާފައެވެ.
ސަރުކާރުގެ އަމާޒަކީ އުސްގެކޮޅު 'އިމަރސިވް މިއުޒިއަމް' އެއްގެ ގޮތުގައި ތަރައްޤީކޮށް އާންމުންނަށް ހުޅުވާލުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ތަރިކަ އިޔާދަކުރައްވައި، އެ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހި ތަރިކަ އޭގެ ހަޤީޤީ މާނައިގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ