އިންޑިއާގެ އެކްޓިވިސްޓަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި 16 ދުވަސް!

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެކްޓިވިސްޓު ސޯނަމް ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތާ މިއަދަށް މިއީ 16 ވަނަ ދުވަހެވެ.
ހޯމަ ދުވަހުގެ ހެނދުނު އާންމުކުރި އޭނާގެ ސިއްހީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ވަންގްޗުކްގެ ބަރުދަނުން މިހާތަނަށް 8.2 ކިލޯ ވަނީ ލުއިވެފަ އެވެ. އަދި އޭނާގެ ލޭގެ ޕްރެޝަރު 70/107 ގައި ހުރިއިރު، ހަކުރުގެ މިންވަރު ވަނީ 67 އަށް ދަށްވެފަ އެވެ.
MGH Group of Companies
Zetta Enterprises Pvt Ltd
Zetta Enterprises Pvt Ltd
MU STORE
Yes Maldives Pvt Ltd
ވަންގްޗުކްގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ އޭނާއަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ނުހަނު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ހަޅުތާލު ހުއްޓާލުމަށް އެދި އެތައް ހާސް ބަޔަކު އޭނާއަށް އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ނަމަވެސް، އުމުރުން 59 އަހަރުގެ ވަންގްޗުކް ހުރީ އޭނާގެ ނިންމުމުގައި ސާބިތުވެ އެވެ. އޭނާ ބުނި ގޮތުގައި، ފަށާފައިވާ މި މަސައްކަތް އޭގެ އެންމެ ފަހު މަންޒިލާ ހަމައަށް ގެންދަން އޭނާ ބޭނުންވެ އެވެ.
ދިއްލީގެ މަޝްހޫރު މުޒާހަރާ ކުރާ ސަރަހައްދެއް ކަމަށްވާ، 18 ވަނަ ގަރުނުގެ އާސާރީ ބިނާ "ޖަންތަރު މަންތަރު" ގައި މި ހަޅުތާލު ފެށީ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ކިޔާ އޮންލައިން ހަރަކާތަކުންނެވެ. އެ މީހުން ގޮވާލަމުންދަނީ އިންޑިއާގެ ތައުލީމީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށެވެ.
އަބީޖީތު ދިޕްކޭ އިސްވެ ހުރެ ހިންގާ މި ހަރަކާތުގެ އެންމެ ބޮޑު އެއް ޑިމާންޑަކީ، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމެވެ. މިއީ މެއި މަހުގެ ކުރީކޮޅު ބޭއްވި ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ މުހިންމު އެންޓްރަންސް އިމްތިހާނެއްގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން އެ އިމްތިހާނު ކެންސަލް ކުރަން ޖެހުމާ ގުޅިގެން ކުރާ ޑިމާންޑެކެވެ.
މި ހަޅުތާލުގައި ވަންގްޗުކްގެ އިތުރުން ދަރިވަރުންގެ ޖަމިއްޔާތަކަށް ނިސްބަތްވާ އެތައް ބަޔަކު ވެސް ބައިވެރިވަމުންދެ އެވެ. މިދިޔަ ބުދަ ދުވަހު، ހަޅުތާލުގެ ބައިވެރިއެއްގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، އިމްތިހާނު ކަރުދާސް ލީކުވުމުގެ ޒިންމާ މިނިސްޓަރު ޕްރަދާން އުފުއްލަވައި މަގާމުން ވަކިވާން ޖެހެ އެވެ. ނަމަވެސް، ޕްރަދާން ވަނީ އިސްތިއުފާ ދެއްވަން އިންކާރު ކުރައްވައި، ސީޖޭޕީ އާއި އެ ޖަމިއްޔާއަށް ތާއީދުކުރާ މީހުންނަކީ ގައުމުގެ ކުރިއެރުމަށް ހުރަސްއަޅާ ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ހިމާލިޔާ ފަރުބަދަތަކުގެ ސަރަހައްދެއް ކަމަށްވާ ލަޑާކަށް ނިސްބަތްވާ އިންޖިނޭރެއްގެ އިތުރުން، ތައުލީމީ ދާއިރާގެ ތަޖުރިބާކާރެއް އަދި ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ ވަންގްޗުކް މި މުޒާހަރާއާ ގުޅުނީ ޖޫން 29 ގައެވެ. އަދި އެ ދުވަހުން ފެށިގެން އޭނާ ދަނީ މުއްދަތެއް ނެތް ގޮތަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންނެވެ.
އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ ފަލްސަފާތަކަށް ތަބާވާ މީހެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރާ ވަންގްޗުކް ބުނީ، އޭނާ ގަބޫލުކުރަނީ އަނިޔާވެރިކަމެއް ނެތް ސުލްހަވެރި އިހުތިޖާޖުތަކެވެ. އަދި ގާންދީއެކޭ އެއްފަދައިން، އޭނާ ވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަނީ ސަރުކާރުގެ ހޭލުންތެރިކަން އިތުރުކޮށް، ޒިންމާދާރު ކުރުވުމަށް ކަމަށް އޭނާ ބުންޏެވެ.
އާންމުންގެ މެދުގައި "ސޯނަމް ސާ" ގެ ނަމުން މަޝްހޫރުވެފައިވާ ވަންގްޗުކް އަކީ ލަޑާކްގެ އެންމެ ނުފޫޒުގަދަ އެކަކެވެ. އަދި އޭނާގެ މަސައްކަތްތަކުގެ ސަބަބުން އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އޭނާއަކީ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ.
މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ވަންގްޗުކް ބޮޑަށް މަސައްކަތް ކުރަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލަޑާކްގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށެވެ.
އޭނާގެ އީޖާދީ މަސައްކަތްތަކަށް ގިނަ އެވޯޑުތަކެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އޭޝިއާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ރާމޮން މެގްސޭސޭ އެވޯޑު" 2018 ވަނަ އަހަރު އޭނާއަށް ވަނީ ލިބިފަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ފިލްމު "ތުރީ އިޑިއަޓްސް" (2009) އުފެއްދުމުގައި އިންސްޕިރޭޝަނަކަށް ބަލާފައިވަނީ ވެސް އޭނާގެ ދިރިއުޅުމަށެވެ. އަދި 2017 ވަނަ އަހަރު، އަމީތާބް ބައްޗަންގެ މަޝްހޫރު ޝޯ "ކޯން ބަނޭގާ ކްރޯރްޕަތީ" ގައި ވެސް އޭނާ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، މުޒާހަރާތަކަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގައި ސަރުކާރުން ވަންގްޗުކް ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ އެ ތުހުމަތުތަކަށް އިންކާރު ކުރި އެވެ. ޖަލުގައި 170 ދުވަސް ހޭދަކުރުމަށްފަހު، އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންގޮސް އޭނާ މިނިވަންކުރި އެވެ.
މި ދުވަސްވަރު ދިއްލީގެ ހޫނުމިން އިންތިހާއަށް މަތިވެފައިވާއިރު، ހޯމަ ދުވަހު ހޫނުމިން ހުރީ 38 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން 46 ޑިގްރީގައި ހުރި އިރުވެސް، ސީޖޭޕީ އާއި ވަންގްޗުކްއަށް ތާއީދުކޮށް އެތައް ސަތޭކަ ބަޔަކު ދަނީ ޖަންތަރު މަންތަރަށް އެއްވަމުންނެވެ.
ވަންގްޗުކްގެ ހަޅުތާލު ފެށި ފަހުން، އިންޑިއާގެ މައި ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުންނާއި، އެކްޓިވިސްޓުން އަދި ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފަރާތްތަކުން ދަނީ އެ ސަރަހައްދަށް ޒިޔާރަތްކޮށް ހިތްވަރުދެމުންނެވެ.
ނަމަވެސް، އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އެއްވެސް ބޭފުޅަކު މިހާތަނަށް އެ ސަރަހައްދަށް ޒިޔާރަތްކޮށްފައި ނުވާ ކަމަށާއި، މަޝްވަރާ ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ފާޅުކޮށްފައި ނުވާ ކަމަށް ސީޖޭޕީގެ ފައުންޑަރު ދިޕްކޭ ބުންޏެވެ.
ސަރުކާރުން އެ މީހުންގެ ގާތަށް ނައުމުން، މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ސަރުކާރުގެ ގާތަށް ދިއުމަށް ނިންމާފަ އެވެ. އެގޮތުން، އިންޑިއާގެ ޕާލަމެންޓުގެ ދެން އޮންނަ ދައުރު ފަށާ ދުވަސް ކަމަށްވާ ޖުލައި 20 ގައި ޕާލަމެންޓާ ދިމާލަށް ހިނގާލުމެއް ބޭއްވުމަށް އެ ފަރާތްތަކުން ވަނީ އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ