ގެލެކްސީ ވޮޗްތަކުގައި އޭއައި ސިއްހީ ފީޗާތަކާއި ވަރުގަދަ ބެޓެރީއެއް ހިމެނޭނެ

މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ސެމްސަންގްގެ "ގެލެކްސީ އަންޕެކްޑް" އިވެންޓްގައި ތައާރަފްކުރުމަށް ތައްޔާރުވަމުންދާ އާ ސްމާޓްވޮޗްތަކުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސިއްހީ މައުލޫމާތު ދެނެގަންނަ ފީޗާތަކާއި، ވަރުގަދަ ބެޓެރީއެއް ހިމެނޭނެކަމަށް ސެމްސަންގުން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނާ ގޮތުގައި ގެލެކްސީ ވޮޗް 9 ސީރީޒް އަދި ގެލެކްސީ ވޮޗް އަލްޓްރާ 2 ގެ ނަމުގައި ނެރުމަށް ހަމަޖެހިފައިވާ މި އުފެއްދުންތަކުގެ ސަބަބުން ޔޫޒަރުންނަށް އެއްވެސް އުނދަގުލަކާ ނުލައި ދިރިއުޅުމުގެ ދުޅަހެޔޮކަން ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގަޑިތަކުގައި ހިމެނޭ ހާޑްވެއާ ބައިތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބެޓެރީގެ ލައިފް މުއްދަތު އިތުރުކޮށްފައި ވަނީ ޔޫޒަރުންގެ ހަށިގަނޑުގެ ސިއްހީ މައުލޫމާތުތައް މެދުކެނޑުމެއްނެތި، ދިގު މުއްދަތަކަށް އަދި މާ ޞައްޙަގޮތެއްގައި ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މިގޮތުން ނިދުމާއި، ހަރަކާތްތެރިވުމާއި، ފިޓްނަސް ބެލެހެއްޓުމުގެ އިތުރުން ސެމްސަންގް ހެލްތު ޕްލެޓްފޯމް މެދުވެރިކޮށް ވައިޓަލްސް، ހާޓް ހެލްތު ސްކޯ، ޑެއިލީ ކާޑިއޯ ލޯޑް އަދި ފިޓްނަސް އިންޑެކްސް ފަދަ މުހިންމު ސިއްހީ މައުލޫމާތުތައް އޭއައިގެ އެހީގައި ވަގުތުން ވަގުތަށް ބަލައިލެވޭނެއެވެ. ގެލެކްސީ ވޮޗް 8(ކްރެޑިޓް: އެރިކް ޒެމަން) ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި ސެމްސަންގްގެ އަމިއްލަ އެގްޒިނޯސް ޕްރޮސެސަރުގެ ބަދަލުގައި މިފަހަރުގެ ގަޑިތަކުގައި ބޭނުންކުރާނީ ކުއަލްކޮމްގެ ސްނެޕްޑްރެގަން ވެއާ އެލީޓް ޗިޕްސެޓެވެ. އަދި މި ގަޑިތައް ހިނގާނީ ވެއާ އޯއެސް 7 ގެ މައްޗަށް ބިނާކޮށްފައިވާ ވަން ޔޫއައި ވޮޗް 9 ސޮފްޓްވެއާއިންނެވެ. މި އާ ސްމާޓްވޮޗްތަކުގެ އިތުރުން ސެމްސަންގްގެ އާ ފޯލްޑަބަލް ފޯނުތައް ކަމަށްވާ ގެލެކްސީ ޒެޑް ފޯލްޑް 8، ޒެޑް ފޯލްޑް 8 އަލްޓްރާ އަދި ޒެޑް ފްލިޕް 8 ރަސްމީކޮށް ދައްކާލުން އޮންނާނީ މި ޖުލައި މަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ބާއްވާ ގެލެކްސީ އަންޕެކްޑް އިވެންޓުގައެވެ. ސެމްސަންގުން އެ ކުންފުނީގެ އުފެއްދުންތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު ފުޅާކުރަމުން އަންނައިރު، މީގެ ކުރިން ނެރުނު ގެލެކްސީ ވޮޗް 8 ސީރީޒްއަކީ ގޫގުލްގެ އޭއައި އެސިސްޓެންޓް ސަޕޯޓްކުރާގޮތަށް ފަރުމާކުރި ފުރަތަމަ ސްމާޓްވޮޗެވެ. ވޮޗް 8 ކްލާސިކް ގައި އެނބުރޭ ބެޒެލްއެއް ހުރޭ (ކްރެޑިޓް: އެރިކް ޒެމަން) އޭގެ ފަހުން، ސިއްހީ މައުލޫމާތުތައް ދެނެގަތުމަށް ހާއްސަކޮށްގެން އޭއައިގެ ގާބިލުކަން އިތުރުކުރުމަށް ސެމްސަންގުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ކޮންމެ އަހަރަކުވެސް ދެ ފަހަރު ބާއްވާ "ގެލެކްސީ އަންޕެކްޑް" އިވެންޓަކީ ސެމްސަންގްގެ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ އުފެއްދުންތައް ދުނިޔެއަށް ދައްކާލުމަށް އެ ކުންފުނިން ބާއްވާ އެންމެ މުހިންމު އެއް ހަރަކާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ