ނުވަ ކެފޭއެއް ބަލައި ފާސްކޮށް، 10 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވައިދާ ޚިލާފަށް އުޅެމުން ދިޔަ 10 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓާސްކް ފޯހުން މިއަދު ހެނދުނު ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ. މި ރެއިޑުގައި މާލޭގެ ނުވަ ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 10 ބިދޭސިއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. https://x.com/ImmigrationMV/status/2076977475830296897 އިމިގްރޭޝަނާއި ފުލުހުންނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް އެކުލެވޭ ޓާސްކް ފޯހުން ގެންދަނީ ސިލްސިލާކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނުގައި 27 ބިދޭސިއަކު މާލޭ ފުޑް ކޯޓު ސަރަހައްދުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު މާލެ ސަރަހައްދުގައި ވަނީ ފަށައިފައެވެ. މިދިޔަ މެއި މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުން އެހާތަނަށް ވަނީ 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައެވެ. އަދި ދެ އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރުން 206،400 މީހުންގެ ބައޯމެޓްރިކްސް ނަގައިފައިވާ ކަމަށާއި، އެ މައުލޫމާތު ނުލިބެނީއެއް ޕަސެންޓު ބިދޭސީންގެ ފަރާތުން ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ