ފުރަތަމަ ހަ މަސް ތެރޭގައި ސައިބާ ކްރައިމް 105 އިންސައްތަ އިތުރުވެއްޖެ

ރާއްޖޭގައި ސައިބާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެއްޖެ އެވެ. 
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސައިބާ ކުށްތަކުގެ 512 މައްސަލަ ހުށަހެޅި ނަމަވެސް، މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެފަދަ މައްސަލަ ހުށަހެޅި އަދަދު 1،053 އަށް ވަނީ އިތުރުވެފަ އެވެ. 
MU STORE
Yes Maldives Pvt Ltd
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
މި އަހަރު ހުށަހެޅި ސައިބާ ކުށްތަކުގެ 884 މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، އެކި ފިޔަވަޅުތައް އަޅައި މިދިޔަ އަހަރުގެ މައްސަލަތަކާއެކު ޖުމްލަ 457 މައްސަލައެއް ނިންމައި ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 
ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަމަށް ފުލުހުން ފާހަގަކުރެ އެވެ. އެގޮތުން ފުލުހުން ބުނީ ތަފާސްހިސާބުތަކުން ދައްކަނީ ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާކަން ކަމަށެވެ. 
މީގެއިތުރުން ވަކިވަކި ކުށްތަކަށް ބަލާއިރު އޮންލައިން ޝޮޕިންގް ސްކޭމްގެ ކުށްތައް ވަނީ 86 އިން 464 އަށް އިތުރުވެފައިވާއިރު، އެއީ 439 ޕަސަންޓުގެ އިތުރުވުމެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެފައިވާއިރު، އެއީ 626 ޕަސަންޓުގެ އިތުރުވުމެކެވެ. 
ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 56 އިން 103 އަށް އިތުރުވެ، 83 ޕަސަންޓަށް މައްސަލަތަކުގެ އަދަދު ވަނީ އުފުލިފަ އެވެ. ނަމަވެސް  ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް ވަނީ ދަށަށް ގޮސްފަ އެވެ.
ސައިބާ ކުށްތަކުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އާންމު ފަރުދުންގެ ހޭލުންތެރިކަމާއި އެކަމަށް ދޭ ސަމާލުކަން ކަމަށް ފުލުހުން ފާހަގަކުރެ އެވެ. އެގޮތުން ފުލުހުން ބުނީ އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުން ހިމެނޭ ކަމަށެވެ. 
މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭކަމަށް ޝައްކުކުރެވިއްޖެނަމަ، ނުވަތަ އެފަދަ އަމަލެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަކީ ކުށްވެރިން ހޯދުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ