އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބޭއްވުމަށް ނިންމާފައިވާ، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޒުވާން ޚަޠީބުންގެ މަހާސިންތާއަކީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ މަހާސިންތާއެކެވެ. އެގޮތުން، 13 ސެޕްޓެންބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައި 2026 ގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށަހަޅަންޖެހޭކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެހެންނަމަވެސް، މިހާރު މި ފުރުޞަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި މަހާސިންތާގައި ބައިވެރިވެވޭނީ ޒުވާން ޚަޠީބުންގެ ތަމްރީން ނިންމާ ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނަށާއި ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް، ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ ޢުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށް ކަމަށެވެ.
ހަމައެއާއެކު، މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަކަށްވާނެކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ. އަދި، މިި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު، ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީ ވަޑައިގަންނަވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ޒުވާން ޚަޠީބުންގެ އަދަދު މިހާރު 621 އަށް އަރާފައިވާއިރު، ޙާފިޡުންގެ އަދަދު 310 އަށް ވަނީ އަރާފައެވެ. ސަރުކާރުގެ އަމާޒަކީ، އަންނަ ސެޕްޓެންބަރު މަހުގެ ކުރިން 1000 ޚަޠީބުން ހަމަކުރުމެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ