އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝާހިދު ވާދަކުރައްވަނީ

ދެހާސް އަށާވީސް ވަނަ އަހަރު އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ވާދަކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނަކަން އެނގިއްޖެއެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި ރަސްމީކޮށް ވާދަކުރައްވާކަން ހާމަނުކުރެއްވި ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ޝާހިދު ގެންދަވަނީ ތައްޔާރުވަމުންނެވެ. މީގެ ދޮޅު އަހަރު ކުރިން 'ރާއްޖެ ޓީވީ'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނިންމަން އަދި އަވަސް ކަމަށާއި، މިވަގުތު އަމާޒަކީ މި ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށެވެ. އަދި މިއަދު އޮތް ސަރުކާރުގެ ހުދުމުޚްތާރުކަމާއި، ރާއްޖެއަށް މި ސަރުކާރުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ މަޑުޖައްސާލައި، 2028ގައި އޮތް ކަމަކާ ދިމާލަށް މިސްރާބު ހިފައިފިނަމަ ރާއްޖެއަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު އަޅުގަނޑުމެން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑުގެ މުޅި ފޯކަސްއަކީ މި ސަރުކާރު ޖަވާބުދާރީކުރުވުން،" ޝާހިދު އޭރު ވިދާޅުވިއެވެ. https://sun.mv/199408 އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ވާދަކުރައްވާނެކަން ރަސްމީކޮށް ހާމަކުރައްވައިފައި ވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލެވެ. އޭގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަމަވެސް ސީދާ ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ހާމަ ނުކުރައްވައެވެ. https://sun.mv/224475 އިދިކޮޅު ޕީއެންއެފަށް ބަލައިލާއިރު، ކުރީގެ ރައީސް ޢަބްދުالله ޔާމީން 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވައިފައެވެ. https://sun.mv/198853 ވެރިކަންކުރާ ޕީއެންސީއަށް ބަލައިލާއިރު އެ ޕާޓީގެ ރިޔާސީ ޓިކެޓު އަރުވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކަމަށް، އެ ޕާޓީން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް މިކަމުގައި ރައީސްގެ ވިސްނުންފުޅު ހުރިނެތް ގޮތެއް އަދި ނޭނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ