މެޗުގެ ކުރިން ބައެއް މީހުންގެ ނަޒަރުގައި މެކްސިކޯގެ އެޒްޓެކް ސްޓޭޑިއަމަކީ އިންގްލެންޑަށް ބަދުނަސީބެކެވެ. އަނެއްކޮޅުން މެކްސިކޯއާ އެ ދަނޑުގައި މުޅިން ވެސް ނަސީބެވެ. އެޒްޓެކް ސްޓޭޑިއަމްގައި މެކްސިކޯ ކުޅުނު 89 މެޗުގެ ތެރެއިން ބަލިވެފައި އޮތީ އެންމެ ދެ މެޗުންނެވެ. މީގެ 40 އަހަރު ކުރިން، ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގައި އިންގްލެންޑް ކޮޅަށް ޑިއެގޯ މެރެޑޯނާ އަތުން ޖެހި މަޝްހޫރު ލަނޑަކީ އަދިވެސް މުބާރާތުގެ މުހިންމު ހަނދާނެކެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ 2-0 އިންނެވެ.
އެކަމަކު މިއަދު އެ ދަނޑު އިންގްލެންޑަށް ބަދުނަސީބަކަށް ނުވި އެވެ. މާޒީގެ ހިތި ހަނދާންތައް ފޮހެލީ ވޯލްޑް ކަޕްގެ ގަދަ 16ގައި މެކްސިކޯ 3-2އިން ބަލިކޮށްގެންނެވެ.
މިއީ ވޯލްޑް ކަޕްގައި އިންގްލެންޑަށް މިހާތަނަށް ހޯދުނު ބޮޑެތި ކާމިޔާބީތަކުގެ ތެރެއިން ކާމިޔާބީއެކެވެ. ވާދަވެރި މެޗުގައި އިންގްލެންޑް ހާސްވެ ތެޅިފޮޅިގެން ވެސް ނޫޅެ އެވެ.
ފުރަތަމަ ހާފުގެ ދޮޅު މިނިޓް ތެރޭގައި ޖޫޑް ބެލިންހަމް ރީތި ދެ ލަނޑު ޖަހައި، 2-0 އިން ކުރި އަތުލި އެވެ.
މެކްސިކޯގެ ހިތްވަރުގެ ފާރު އޭނާ ފުނޑުކޮށްލީ 36 ވަނަ މިނިޓްގަ އެވެ. ދެން 38 ވަނަ މިނިޓްގައި ދެވަނަ ލަނޑު ޖަހައި، 2-0އަށް ބަދަލުކޮށްލި އެވެ.
އެކަމަކު މެކްސިކޯއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލުން އުއްމީދު ހޯދައިފަ އެވެ. ހޫލިއަން ކުއިނޯނެސްގެ ބާރު ހަމަލާ އިންގްލެންޑްގެ ކީޕަރު ޖޯޑް ޕިކްފޯޑްއަށް މަތަައެއް ނުކުރެވުނެވެ.
މެކްސިކޯއަށް އިތުރު ދިރުމެއް ލިބުނީ 54 ވަނަ މިނިޓްގައި އިންލެންޑްގެ ޖަރެލް ކްއަންސާއަށް ރަތް ކާޑު ދެއްކުމުންނެވެ. މިއީ މެކްސިކޯގެ ނަސީބު އަނބުރާލެވޭނެ ފުރުސަތެއް ކަމަށް ބެލެވުނެވެ. ނަމަވެސް އިންގްލެންޑަށް 60 ވަނަ މިނެޓްގައި ލިބުނު ޕެނެލްޓީ ވައްދާލައިގެން ކެޕްޓަން ހެރީ ކޭން ލީޑް ފުޅާކޮށް މެކްސިކޯއަށް ޕްރެޝަރު ބޮޑުކުރި އެވެ.
މެކްސިކޯގެ ގޮތްދޫނުކުރުމުގެ ނަތީޖާ 69 ވަނަ މިނިޓްގައި ފެނުނީ ޕެނެލްޓީއެއްގައި ރައުލް ހިމެނޭޒް ލަނޑު ޖަހައި 3-2 އަށް ބަދަލުކޮށްގެންނެވެ. އެކަމަކު މެޗުގައި ދެން ނުވި ކަމަކީ އެއްވަރުކުރުމެވެ. ސްޓޭޑިއަމްއާ ގުޅިފައި އޮތް މެކްސިކޯގެ ނަސީބު އަލުން ހޯދުމެވެ. އިންގްލެންޑްގެ ބަދުނަސީބު މާޒީ އަލުން ތަކުރާރުކުރުމެވެ.
އެ ފުރުސަތު ނުދީ އިންގްލެންޑުން ވަނީ މާޒީގެ ހިތިކަން ފިލުވާލައި، ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ކްއާޓާ ފައިނަލްގައި އިންގްލެންޑް ނުކުންނާނީ ރޭ ބްރެޒިލް ބަލިކޮށް ޖާގަ ހޯދި ނޯވޭއާ ދެކޮޅަށެވެ.
އެޒްޓެކް ސްޓޭޑިއަމްއާ ގުޅިފައި އޮތް އިންގްލެންޑްގެ ބަދުނަސީބަށް ނިމުން ގެެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ