ޗައިނާ ސަރުކާރުގެ އެހީގައި ކުރެވޭ މަސައްކަތްތަކުން ރުއްތަކަށް ޖެހޭ ބަލިތަކަށް ހައްލު ލިބެމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ގަސްތަކާއި ރުއްތަކަށް ބަލިޖެހޭ މައްސަލައަކީ ދަނޑުވެރިންގެ އޮތް ދުވަސްވީ ކަންބޮޑުވުމެކެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރާއްޖޭގައި ރުއްތަކާއި ގަސްތަކަށް ޖެހޭ ބަލިތަކަށް ހައްލު ހޯދުމަށް ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް)ގެ "އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން ރިސަރޗް އިންސްޓިޓިއުޓް"ގެ ތަޖުރިބާކާރުންގެ ވަފުދެއް، އަންނަނީ މަސައްކަތް ކުރަމުންނެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ރުއްތަކަށް ޖެހޭ ރުކުމަޑި މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަސައްކަތް ކުރަމުންއަންނަކަމަށެވެ. އެކަން ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ ރަށްރަށަށް އިސްކަންދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރުގައި އެކަމުގެ ތަހުލީލުތައް ކުރަމުންދާކަމަށެވެ.
"ހަނިމާދޫގައި ހުންނަ ސެންޓަރުގައި ކުރެވުނު ތަހުލީލުތަކުގެ އަލީގައި ޗައިނާ ސަރުކާރުގެ އެހީގައި މިކުރެވޭ މަސައްކަތުން ރުއްތަކަށް ޖެހޭ ބަލިތަކަށް ހައްލެއް އެބަގެނެވޭ. އެކަން ފެތުރިފައި ހުރި ރަށްރަށަށް ތަންކޮޅެއް އަވަހަށް ހައްލު ހޯދާދިނުމުގެ މަސައްކަތް ކުރިއަށްމިދަނީ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހުުދުކޫޑިއާއި ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމަށް، "ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް" އިން ސިސްޓެމިކް ޕެސްޓިސައިޑް ފޯރުކޮށްދީފައިވާކަމަށެވެ. މިބޭސް ބޭނުންކުރާނެ ގޮތުގެ ފަންނީ މަޢުލޫމާތު ދިނުމުގެ މަސައްކަތް ބައެއް ރަށްރަށުގައި މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހއ. ބާރަށުގައި ވަނީ މިކަމުގެ މައުލޫމާތު ދިނުން ކުރިއަށް ގެންގޮސްފައެވެ.
ގަސްތަކަށްޖެހޭ ތަފާތު ވަތްތަރުގެ ބަލިތައް ތަހުލީލުކޮށް އެއަށްދޭންޖެހޭ ފަރުވާ ދަނޑުވެރިންނާއި ހަމައަށް ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް މިހާރު ވަނީ ޤާއިމްކޮށްފައެވެ. މި ލެބޯޓަރީ ޚާއްޞަކުރެވިފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހިންގޭ ދިރާސާތަކާއި، ބަލި ދެނެގަތުމުގެ ވަސީލަތްތަކާއި، ލެބޯޓަރީގެ އިންފްރާސްޓްރަކްޗަރގެ މަދުކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށެވެ. މިކަމުގެ ސަބަބުން ދަނޑުތަކުގެ އުފެއްދުންތެރިކަމާއި، ބަލިތަކާއި ފަނިފަކުސާ ކޮންޓްރޯލް ކުރުމުގެ އިތުރުން ގައުމީ ބަޔޯސެކިއުރިޓީ ވަރުގަދަކޮށްދެއެވެ.
ރުއްތަކަށް ޖެހޭ ބަލިތަކާއި ރުކު މަޑި ކޮންޓްރޯލްކުރުމާއި މީގެ އިތުރުން ގަސްތަކަށް ޖެހޭ ބަލިތައް ތަހުލީކުރުމަށް ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްއާއެކު ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ގަސްގަހަށް ޖެހޭ ބަލިތައް ނައްތާލެވޭނެ ގޮތުގެ ދިރާސާއެއް ނަހަދައި ފިޔަވަޅުއެޅުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ހައްލުކުރެވޭނެ ގޮތެއް ނޫންކަަމަށެވެ.
މިކަން ކުރުމަށްޓަކައި 2 އަހަރު ދުވަހުގެ ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. އެހެންނަމަވެސް އެއަށްވުރެ އިތުރަށް ދެމެހެއްޓެނި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ދަނީ ކުރަމުންނެވެ.
ރުއްތަކަށް ޖެހޭ ބަލިތަކަށް ޗައިނާގެ އެހީގައި ހައްލު އެބަގެނެވޭ: ވަޒީރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ