މިހާރުގެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުންނަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަށުވެފައިކަމަށް ދެކެވޭ ވާހަކައަށް މި އޮތީ އިތުރު ހެއްކެއް ލިބިފަ އެވެ. ފީފާއިން ދަމަހައްޓަމުން އަންނަ އުސޫލުތައް ވެސް ބޮލާލައި ޖަހައި، އެކި ކުޅުންތެރިންނާ މެދު ބޭއިންސާފު ވެސް ވަނީ އެވެ.
މިރޭ ފަތިހު ބެލްޖިއަމްއާ ދެކޮޅަށް އެމެރިކާ ނުކުންނަ އިރު އެންމެ ބޮޑު މައްސަލައަކީ ގަދަ 32ގެ މެޗުގައި ބޮސްނިޔާ ކުޅުންތެރިޔަކަށް ފައިން ހަމަލާ ދިނުމުން ރަތް ކާޑު ދެއްކި ފޮލަރިން ބަލޮގުންއަށް ނުކުޅެވުމެވެ. ރަތް ކާޑާ އެކު ދެ މެޗުގެ ސަސްޕެންޝަނެއް އައުމަކީ ފީފާގެ ހަމަ އެވެ. އެއާ މެދު ސުވާލެއް ނޯވެ އެވެ.
އެކަމަކު ފީފާއިން މިހާރު މި ބުނަނީ ބެލްޖިއަމްގެ މެޗަށް ބަލޮގުންއަށް ކުޅެވޭނެ ކަމަށެވެ. އޭނާގެ ސަސްޕެންޝަނަށް އަމަލްްކުރުން އެއް އަހަރަށް ފަސްކޮށްދިނީ އެވެ.
މި އާދަޔާ ހިލާފު ނިންމުން އައީ، އެމެރިކާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި، އިންފަންޓީނޯއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅުއްވައި، ބަލޮގުންއަށް ކުޅެވޭ ގޮތް ހަދައިދޭން އެދިވަޑައިގަތުމާ އެކުގަ އެވެ.
ރަތް ކާޑެއް ދައްކައިފި ނަމަ ކުރިއަށް އޮތް މެޗަށް ކުޅުންތެރިޔާ ސަސްޕެންޑްވާނެ ކަން، މީގެ ކުރިން ސުވާލެއް ނެތި އައީ ގަބޫލުކުރަމުންނެވެ. އެއީ އެޓޮމެޓިކުން ވާ ގޮތެވެ. ފީފާގެ ގަވާއިދު ބުނާ ގޮތުން ރަތް ކާޑުގެ މައްސަލައެއްގައި އެޕީލެއް ވެސް ނުކުރެވޭނެ އެވެ.
މިހާތަނަށް ވޯލްޑް ކަޕްގެ ހުރިހާ މުބާރާތެއްގައި 189 ރަތް ކާޑު ވަނީ ދައްކައިފަ އެވެ. އޭގެ ތެރެއިން ސަސްޕެންޝަނުން ސަލާމަތްވީ، ބްލޮގުންއާ އެކު އެންމެ ކުޅުންތެރިއެކެވެ: 1962ގެ މުބާރާތުގެ ސެމީ ފައިނަލްގައި ޗިލީއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކި ބްރެޒިލްގެ ގަރިންޝާ އެވެ.
އޭރުގެ ޗެކޮސްލެވޭކިޔާ އާއި ބްރެޒިލް ބައްދަލުކުރި ފައިނަލް މެޗަށް ގަރިންޝާއަށް ކުޅެވޭ ގޮތް ވީ ވެސް ސިޔާސީ ޕްރެޝަރުތަކާ ހެދި އެވެ.
ބަލޮގުންގެ ރަތް ކާޑުގެ ސަސްޕެންޝަން ފަސްކުރިކުރުމާ މެދު ފީފާއިން އެއްވެސް ތަފުސީލެއް ނުދެ އެވެ. މި މުބާރާތުގައި ރަތް ކާޑު ދެއްކި އަނެއް 11 ކުޅުންތެރިން ވަނީ ސަސްޕެންޝަން ފުރިހަމަކޮށްފަ އެވެ.
ބަލޮގުންއަށް ކުޅެވޭ ގޮތް ހަދަން ފީފާއިން ނިންމި ނިންމުން ބިނާކުރީ ފީފާގެ ގަވާއިދުގެ 27 ވަނަ މާއްދާއަށެވެ. އެ މާއްދާގައި ބުނަނީ އަހުލާގީ މައްސަލަތަކުގައި ނިންމާ ނިންމުންތައް އެކުގައި ނުވަތަ އޭގެ ބަޔަކަށް އަމަލްކުރުން ފީފާއަށް ފަސްކުރެވިދާނެ ކަމަށެވެ. އެކަމަކު ވޯލްޑް ކަޕްގައި މީގެ ކުރިން ދުވަހަކު ވެސް އެ މާއްދާ ބޭނުންކޮށްފައެއް ނުވެ އެވެ.
ފީފާގެ ނިންމުން ނިންމީ ކޮން ބައެއްކަން ވެސް އެނގެނީކީ ނޫނެވެ.
ބެލްޖިއަމްގެ ފުޓްބޯޅަ އިދާރާއިން ބުނީ ފީފާގެ ނިންމުމުން އަންތަރީސް ވެއްޖެ ކަމަށެވެ. އެ ނިންމުން ދިރާސާކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އަމިއްލަ ސޯޝަލް މީޑިއާގައި ލިއުއްވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ "ބޭއިންސާފު ނިންމުމެއް ބަދަލުކުރުމެ"ވެ. އެހެންވެ ފީފާއަށް އޭނާ ޝުކުރު ވެސް އަދާކުރެއްވި އެވެ.
ޓްރަމްޕްގެ އެދުމަށް ރަތް ކާޑުގެ ސަސްޕެންޝަން ފަސްކޮށް ބަލޮގުންއަށް ކުޅެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ