ކުދިންނަށް ޖިންސީ ގޯނާކުރަން ހިތްވަރުދޭ އިޝްތިހާރުތައް އިންސްޓަގްރާމުން ނަގަން އިންޑިއާ ސަރުކާރުން އަންގައިފި

އިންސްޓަގްރާމް މެދުވެރިކޮށް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މަންޒަރުތައް ހިމެނޭ އިޝްތިހާރުތަކާއި ކޮންޓެންޓް ފަތުރާ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށާއި، އެފަދަ ހުރިހާ ކަމެއް ވަގުތުން ހުއްޓުވުމަށް އިންޑިއާ ސަރުކާރުން މެޓާ ކުންފުންޏަށް އަންގައިފި އެވެ.
އިންޑިއާ ސަރުކާރުން މި ފިޔަވަޅު އަޅާފައި މިވަނީ، އިންޑިއާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ކޮންޓެންޓްތައް ޕްރޮމޯޓްކުރުމަށް އިންސްޓަގްރާމުން ފައިސާ ދައްކައިގެން އިޝްތިހާރު ކުރަމުންދާކަން ބީބީސީ އައި އިން ކުރި ތަހުގީގަކުން ހާމަވުމާ ގުޅިގެންނެވެ.
ޓެކްނޮލޮޖީ ކުންފުނި މެޓާއަށް ފޮނުވި ނޯޓިސްގައި، އެފަދަ މަންޒަރުތައް ހިމެނޭ އިޝްތިހާރުތައް އެ ޕްލެޓްފޯމުގައި ދެއްކުމަށް ފުރުސަތު ލިބުނު ގޮތުގެ ތަފްސީލީ ރިޕޯޓެއް ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް ސަރުކާރުން އަންގާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މެޓާ އިން ބުނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މަންޒަރުތަކާ މެދު އެ ކުންފުނިން ގެންގުޅެނީ ޒީރޯ ޓޮލަރެންސް ސިޔާސަތެއް ކަމަށާއި، އެފަދަ ކަންކަން ދެނެގަނެ ހުއްޓުވުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އަންނަނީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޓެކްނޮލޮޖީ ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވާ ކޮންޓެންޓާއި މީހުން ދެނެގަންނަމުން. ނަމަވެސް، އަޅުގަނޑުމެންގެ 3.5 ބިލިއަން ޔޫޒަރުންގެ ތެރޭގައި ފިލައިގެން ތިބެ، އަޅުގަނޑުމެންގެ ނިޒާމުތަކަށް އޮޅުވާލަން މަސައްކަތްކުރާ ކުށްވެރިންނާ ދެކޮޅަށް އަބަދުވެސް ހަނގުރާމަ ކުރަންޖެހޭ،" ކުންފުނީގެ ތަރުޖަމާނު ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުން މި ނޯޓިސް ފޮނުވާފައިވަނީ ބީބީސީ އައި އިން ކުރި ތަހުގީގީ ރިޕޯޓު ޝާއިއުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ބީބީސީން މި ތަހުގީގު ހިންގާފައިވަނީ، އިންސްޓަގްރާމް ބޭނުންކުރާ މީހުން އެފަދަ ކަންކަމަށް ސާޗް ނުކުރި ނަމަވެސް، ޖިންސީ ކަންކަމަށް ހިތްވަރުދޭ ކޮންޓެންޓް އެ ޕްލެޓްފޯމުން ދައްކަމުންދާކަން ފާހަގަވުމާ ގުޅިގެން، އިންޑިއާގައި ފޭކް އެކައުންޓެއް ހަދައިގެންނެވެ.
އެ އެކައުންޓުން އެފަދަ 10 ޕްރޮފައިލަކަށް ފޮލޯ ކުރުމުން، ހަފުތާއެއް ނުވަނީސް އިންސްޓަގްރާމުން ވަނީ ބޮޑެތި މީހުންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފައިސާ ދައްކައިގެން ޖަހާފައިވާ އިޝްތިހާރުތައް އެ އެކައުންޓަށް ދައްކަން ފަށާފަ އެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ޕްރޮމޯޓްކުރާ އިޝްތިހާރުތައް ވެސް ފެންނަން ފެށި ކަމަށާއި، އޭގެ ތެރެއިން ބައެއް އިޝްތިހާރުތަކުން އެފަދަ މަންޒަރުތައް ވިއްކާ ޓެލެގްރާމް ޗެނަލްތަކަށް ލިންކް ކޮށްފައިވާ ކަމަށް ބީބީސީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ