ލަންކާގެ ޖަލެއްގެ ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެ، 100އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ

ސްރީ ލަންކާގެ ނިގަމްބޯ ޖަލުގައި ރޭ ހިނގި ކުރިމަތިލުންތަކެއްގައި، ޖަލުގެ ހަތަރު ގާޑުން ހިމެނޭހެން މަދުވެގެން 19 މީހުން މަރުވެ، 100އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މިއީ ފާއިތުވި ފަސް އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ގައުމުގެ ޖަލެއްގައި ހިނގި އެންމެ ނުރައްކާތެރި އަދި ގިނަ ބަޔަކު މަރުވި ހަމަނުޖެހުމެވެ.
ފުލުހުން ބުނި ގޮތުގައި، ގާތްގަނޑަކަށް 10،000 ކުށްވެރިން ތިބޭ އެ ޖަލުގައި މި ހަމަނުޖެހުން ހިނގަން މެދުވެރިވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވާދަވެރި ދެ ގްރޫޕެއްގެ ގައިދީންގެ މެދުގައި އިއްޔެ ހަވީރު އުފެދުނު ދެބަސްވުންތަކަކާ ގުޅިގެންނެވެ. މި ހަމަނުޖެހުމުގައި ޒަހަމްވި ގައިދީންނާއި ޖަލު ގާޑުން ވަނީ ނިގަމްބޯ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ހޮސްޕިޓަލުގެ ޑިރެކްޓަރު ޕުޝްޕާ ގަމްލަތު ވިދާޅުވީ، ހޮސްޕިޓަލަށް 19 މީހެއްގެ ހަށިގަނޑު ގެނެސްފައިވާ ކަމަށާއި އޭގެ ތެރޭގައި ބަޑީގެ ހަމަލާތަކުގެ ސަބަބުން އަނިޔާވެގެން މަރުވި މީހުން ހިމެނޭކަން ކަށަވަރުކޮށްދެއްވާ ކަމަށެވެ.
އިދާރާތަކުން ބުނާ ގޮތުގައި، ހަތަރު ޖަލު ގާޑުން މަރުވީ މި ކުރިމަތިލުންތައް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ.
"މިއަދު ހެނދުނު މަސްރަހު ވަނީ ކޮންޓްރޯލުން ނެއްޓިގެން ގޮސްފައި،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޖަލުގެ ބޭރުގައި ފުލުހުންގެ ހާއްސަ ކޮމާންޑޯއިން ހަރަކާތްތެރިވަމުންދާއިރު، ކަން ހިނގާ ގޮތް ބެލުމަށް ޑްރޯން ވެސް ދަނީ ބޭނުންކުރަމުންނެވެ. އަދި ޖަލުގައި ތިބި މީހުންގެ އާއިލާތަކުގެ ގިނަ ބަޔަކު ވެސް ދަނީ ޖަލު ކައިރިއަށް އެއްވަމުންނެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ލަންކާގެ ޖަލުތަކުގައި ޖާގައަށް ވުރެ މާ ގިނައިން މީހުން ބޭތިއްބުމުގެ ބޮޑު މައްސަލައެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް އެ ގައުމުގެ ޖަލުތަކުގައި 41،000އަށް ވުރެ ގިނަ ގައިދީން ބައިތިއްބާފައި ތިއްބެވެ. މިއީ ޖަލުތަކުގެ އަސްލު ޖާގައަށް ވުރެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ