އެތައް މިލިއަން ރުފިޔާއެއްގެ އަގުބޮޑު މުބާރާތް، ހިންގާ ދަނޑުގެ ހާލަތަކީ މިއީ!
މިއީ ޔަގީނުން ވެސް މުޅި ރާއްޖޭގައި މިހާރު ކުރިއަށްދާ ދިވެހި ފުޓްސަލްގެ އެންމެ ފޯރިގަދަ މުބާރާތްތަކުގެ "ހޯމް" އެވެ. އެންމެ އަގުބޮޑެތި އިނާމުތަކާއި، އެންމެ ފުންނާބު އުސް ކުޅުންތެރިން ފެންނަނީ މި ދަނޑުންނެވެ. ކޮންމެ މެޗެއް ކުޅޭއިރު އެތައް ސަތޭކަ ސަޕޯޓަރުންނެއް ދަނޑު ވަށައިގެން ޖަމާވެ، ޖޯޝާއި ފޯރީގެ އަޑުތަކުން މުޅި ސަރަހައްދު ގުގުމާލައެވެ. ނަމަވެސް، އެ ގަދަ އަޑުތަކުގެ ތެރެއިން ވެސް މަޑުނުވެ އިވޭ އެއް ވާހަކައަކީ، މިހާ އަގު ބޮޑެތި މުބާރާތްތަކެއް ބާއްވާ ދަނޑުގެ ފެންވަރު ދަށްކަމުގެ ޝަކުވާއެވެ. ހުޅުމާލޭ ރެހެންދި ޓާފް ދަނޑަކީ މިއަދު ރާއްޖޭގެ ފުޓްސަލްގެ މައި މަރުކަޒެވެ. އެކަމަކު އެ ތަނުގެ ހާލަތު އޮތީ ބަލައިލަން ހިތްދަތި މަންޒަރެއްގެ ގޮތުގައެވެ. ކުޅުންތެރިންނަށާއި، އޮފިޝަލުންނަށާއި، ބަލަންދާ މީހުންނަށް ވެސް އަސާސީ ޚިދުމަތެއް ލިބޭނެ ގޮތެއް ނެތެވެ. ދަނޑުގެ ވަށައިގެން ބޮޑު ހުސް ޖާގައެއް އޮތް ނަމަވެސް، އެ ތަން އޮތީ އެއްވެސް ތަރުތީބެއް ނެތި ވީރާނާވާން ދޫކޮށްލާފައެވެ. މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ މެޗެއް ފެށުމުގެ ކުރިން ޓީމެއް އައިސް ދަނޑު ބޭރުގައި: ކުޅުންތެރިންނަށް މިހެން ތިބުން ނޫން އެހެން ގޮތެއް ނޯވޭ -- ސަން ފޮޓޯ ކުޅުންތެރިންނާއި ޓީމުތަކަށް އެއްވެސް ވަސީލަތެއް ނެތް އެތައް މިލިއަން ރުފިޔާއެއްގެ ޚަރަދުކޮށްގެން މުބާރާތްތައް އިންތިޒާމުކޮށް، ބޮޑު ހޭދައެއްކޮށްގެން ޓީމުތައް ތައްޔާރުވެގެން އަންނައިރު، ދަނޑަށް ވަނުމުގެ ކުރިން އެ މީހުން މަޑުކޮށްލާނެ ތަނެއް ނެތެވެ. ކުޅުންތެރިންނާއި އޮފިޝަލުން ތިބެންޖެހެނީ ދަނޑުގެ ދޮރުމަތީގައި "ގުރޫޕް" ހަދައިގެން ކޮޅަށެވެ. އެކަށީގެންވާ ވެއިޓިން ރޫމެއް ނުވަތަ ހިޔާވެލެވޭނެ ތަނެއް ނެތުމުން، ގަދަ އަވީގައި ނުވަތަ ވާރޭގައި ވެސް ތިބެންޖެހެނީ ހަމަ އެ މަގުމަތީގައެވެ. ދަނޑުގެ ތެރޭގައި ހުރި ބެންޗުތަކަށް ބަލާލުމުން ވެސް ފެންނަނީ ވީރާނާވެފައި އޮތް މަންޒަރެވެ. ގިނަ ބެންޗުތައް ހުރީ ބިނދި، ހަލާކުވެފައެވެ. ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުންތެރިން ތިބޭ ބެންޗެއް ހުރި ގޮތް: މި ތަކެތި ވަނީ ހަލާކުވެފައި -- ސަން ފޮޓޯ އެންމެ ދެރަވަރު ކަމަކީ ކުޅުންތެރިން ޖާޒީ ބަދަލުކުރާނެ ރަނގަޅު ތަނެއް ނެތުމެވެ. އެތައް ބައެއްގެ ކުރިމަތީގައި، މަގުމަތީގައި ނުވަތަ ދަނޑު ކައިރީގައި ހުރެ ޖާޒީ ބަދަލުކުރަން ޖެހުމަކީ ކުޅުންތެރިންނަށް ވެސް އެންމެ ފަސޭހަ ގޮތެއް ނޫނެވެ. މެޗަށްފަހު ވެސް ރީތިވެލައި، އަދި މެޗަށް ތައްޔާރުވާނެ އެއްވެސް ވަސީލަތެއް އެ ތަނުގައި ނެތެވެ. "މިއީ ހަގީގަތުގައި ލަދުވެތި ކަމެއް. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން ކުޅޭ ދަނޑެއްގައި، މެޗު ނިމިގެން މޫނު ދޮވެލާނެ އިސްކުރެއް ވެސް ނެތް. ފާޚާނާއެއް ކުރަން ޖެހުނަސް ދާން މި ޖެހެނީ ކޮންމެވެސް މިސްކިތަކަށް ނޫނީ ކެފޭއަކަށް،" ދަނޑުގައި ހުރި ކުޅުންތެރިއަކު އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުންތެރިންނާއި އޮފިޝަލުން އިށީނދެ ތިބޭ ބެންޗެއްގެ ހާލަތު -- ސަން ފޮޓޯ މި ދަނޑުން ފެންނަ އެންމެ ދެރަ އަނެއް ކަމަކީ، ފާޚާނާއެއްގެ މިންވަރު ވެސް ނެތުމެވެ. ފާޚާނާއަށް ދާން ޖެހިއްޖެ ނަމަ ދާން އޮންނަނީ، ކައިރީގައި ހުރި މިސްކިތަށެވެ. މިސްކިތަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވާތީ، ބައެއް މީހުން ކުޑަ ފުޅިފުޅިއަށް ކުޑަކަމުގޮސްފައި އެ ސަރަހައްދަށް އުކާފައި ވެސް ހުރެއެވެ. މިއީ ހަމައެކަނި ސިއްހީ ގޮތުން ނުރައްކާތެރި ކަމެއް ނޫނެވެ. މިއީ އިޖްތިމާއީ އަދަބު އަޚްލާގުގެ ގޮތުން ބަލާއިރު ވެސް ދަށު ދަރަޖައިގެ ކަމެކެވެ. ބަލަން ދާ މީހުންނަށް ވެސް "ވޭނެއް" ކުޅިވަރަށް ލޯބިކުރާ މީހުން ކޮންމެ ހާލެއްގައި ވެސް މެޗު ބަލަން ދާނެއެވެ. އެކަމަކު އެ މީހުންނަށް އެ ދެވޭ އިޙުތިރާމަކީ ކޮބައިހެއްޔެވެ؟ ރެހެންދި ދަނޑުގައި ސަޕޯޓަރުންނަށް ޕާކުކުރާނެ ރަނގަޅު ސަރަހައްދެއް ނެތެވެ. ސައިކަލުތައް ޕާކުކުރަން ޖެހެނީ ދަނޑު ސަރަހައްދުގެ ވެލިގަނޑު މަތީގައެވެ. ވިއްސާރަވެއްޖެ ނަމަ އެ ތަން އޮންނަނީ "ޗަކަ" ވެފައެވެ. މެޗު ބަލާ މީހުން ތިބޭ ގޮނޑިބަރި: މިއީ ވެސް ހިޔާވެވޭނެ ގޮތެއް ހުރި ތަނެއް ނޫން -- ސަން ފޮޓޯ ދަނޑު ބޭރުގައި ބަހައްޓާފައި ހުންނަ ސިޑިތަކަކީ އަވިންނާއި ވާރެއިން ސަލާމަތްވެވޭނެ ތަންތަނެއް ނޫނެވެ. ދުވާލުގެ މެޗުތައް ބަލަން ތިބެން ޖެހެނީ ގަދަ އަވީގައެވެ. އަދި ސިޑިތައް ފުރިއްޖެ ނަމަ، ދެން ތިބެން ޖެހެނީ ދަނޑުގެ ދާގަނޑުގައި އެލިގަނެގެން ކޮޅަށެވެ. މިއީ ޒަމާނީ ފެންވަރަށް ތަރައްގީވެފައިވާ ސިޓީއެއްގައި، އަދި އެތައް ބަޔަކު ބަލާ މުބާރާތެއްގައި ކަން ހިނގައިގެންވާނެ ގޮތް ހެއްޔެވެ؟ ބެލެނިވެރިއަކު ނެތް "ޔަތީމު" ދަނޑެއް؟ ރެހެންދި ޓާފް ދަނޑުގެ މި ހާލަތުގެ ޒިންމާ ނަގާނެ ފަރާތެއް ނެތެވެ. މި ދަނޑު އޮންނަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބިމުގައެވެ. ނަމަވެސް އެ ކުންފުނީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ދަނޑުގެ އެއްވެސް ކަމެއް އެ ކުންފުނިން ނުބަލައެވެ. އެ ތަން ހިންގުމުގެ ހުރިހާ ކަމެއް އޮންނަނީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ދަށުގައެވެ. "އަޅުގަނޑުމެން އަމިއްލަ ޚަރަދުގައި މި ތަނުގައި ބައެއް ވަސީލަތްތައް ގާއިމްކޮށްދޭން އުޅުމުން ވެސް އެޗްޑީސީން ހުއްދައެއް ނުދިން. އެ މީހުން ބުނަނީ މިއީ މިނިސްޓްރީގެ ތަނެކޭ. މި ދޭތެރޭގައި ތާށިވެފައި މި ތިބެނީ ކުޅުންތެރިން،" މުބާރާތެއް އިންތިޒާމުކުރާ ފަރާތަކުން ބުންޏެވެ. 14 ފެބްރުއަރީ 2026: ރެހެންދި ޓާފް ދަނޑުގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ:ރައީސް އޮފީސް މިއީ ހައިރާންވާންޖެހޭ ކަމެކެވެ. ކޮންމެ މުބާރާތެއްގެ ފެށުމާއި ނިންމުމުގެ ރަސްމިއްޔާތަށް ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ކުންފުނިތަކުގެ ވެރިން ވަޑައިގަންނަވައެވެ. ރަތް ދޫލައިގައި ހިންގަވާފައި ގޮސް ޝަރަފުވެރި މެހުމާނުންގެ ގޮތުގައި ތިއްބަވާއިރު، ވަށައިގެން މި އޮތް ހާލަތު އެ ބޭފުޅުންގެ ލޮލަކަށް ނުފެނެއެވެ. ނުވަތަ ފެނުނަސް ފެންނަ ކަމަށް ހަދާނުލަނީއެވެ. ރެހެންދި ދަނޑަކީ ހަމައެކަނި ބޮޑެތި މުބާރާތްތައް ބާއްވާ ތަނެއް ނޫނެވެ. މިއީ އެތައް އެކެޑަމީއެއްގެ ފުޓްބޯޅަ ޕްރެކްޓިސްތައް ބާއްވާ ތަނެއް ވެސް މެއެވެ. ގައުމުގެ މުސްތަގުބަލު ތަމްރީނުވާ ތަނެއްގެ ހާލަތު މިހާ ދަށު ދަރަޖައަކަށް އޮތުމަކީ ވެސް ދެރައެކެވެ. "މިއީ ހަމައެކަނި ދަނޑެއް ނޫން، މިއީ އެތައް ޒުވާނުންނެއްގެ ހުވަފެންތައް ގުޅިފައިވާ ތަނެއް. އެކަމަކު މި ތަނަށް ވަނުމުން އިހުސާސްވަނީ އަޅާލާނެ މީހަކު ނެތް ތަނެއްގެ ގޮތުގައި،" ކުޅިވަރުގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ. ސްޕޯޓްސް މިނިސްޓަރު ރާފިއު ރެހެންދި ދަނޑުގައި -- ފޮޓޯ: ކްލަބް މޯލްޑިވްސް ކަޕް އަގުބޮޑެތި މުބާރާތްތަކުން ދައުލަތަށާއި ކުންފުނިތަކަށް އާމްދަނީ ލިބެއެވެ. ނަމަވެސް އެ އާމްދަނީގެ ކުޑަ މިންވަރެއް ވެސް ދަނޑުގެ އާބާތުރަ ފިލުވުމަށް ޚަރަދުކުރާ ތަނެއް ނުފެނެއެވެ. ޒަމާނީ ފެންވަރުގެ ޗޭންޖިން ރޫމްތަކާއި، ފާޚާނާ ބަރިއަކާއި، ސަޕޯޓަރުންނަށް ހިޔާވެލައިގެން ތިބެވޭނެ ގޮތަށް ސިޑިބަރިތައް ތަރައްގީކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ވެރިންނާއި ވަޒީރުންނަށް މިއަދު އޮތް ގޮންޖެހުމަކީ، މުބާރާތްތައް ނިންމުމަށް ފޮޓޯ ނަންގަވަން ވަޑައިގަންނަވާއިރު، އެ ފޮޓޯގެ ފަހަތުން ފެންނަން އޮތް ވީރާނާވެފައިވާ ދަނޑުގެ މަންޒަރު ބަދަލުކޮށްދެއްވުމެވެ. ކުޅުންތެރިންނާއި ސަޕޯޓަރުން ކުރަމުންދާ މި ޒަމާންވީ ޝަކުވާއަށް އަމަލީ ސިފައެއްގައި ހައްލެއް ހޯދައިދިނުމެވެ. އެހެން ނޫނީ މިލިއަނުން އިނާމު ދޭ މުބާރާތްތައް ބޭއްވިޔަސް، ދިވެހި ފުޓްސަލްގެ އުމްރާނީ ތަރައްގީ އޮންނާނީ ހަމަ "ބިންމަތީގަ" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ