ޑޮލަރުގެ އަގު ހެޔޮ ނުވެގެން އުޅެނީ އެމްޑީޕީގެ ސަބަބުން: ސައީދު

ޑޮލަރުގެ އަގު އުފުލެމުންދާ މައްސަލަ ހައްލުކުރަން ދަތިތަކެއް ކުރިމަތިވެފައިވަނީ ރާއްޖޭގައި ވެރިކަން ކުރި އެމްޑީޕީގެ ދެ ސަރުކާރުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20ރ. އަށް ވުރެ މައްޗަށް އަރާފައިވާތީ އެކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވުމާ ގުޅިގެން އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލި ރުފިޔާގެ އަގު ނިކަމެތިވެގެންދިޔަ އެއް ސަބަބަކީ ސޯލިހްގެ ސަރުކާރުގައި ގާނޫނު ސަސްޕެންޑްކޮށްގެން 8،000 މިލިއަން ރުފިޔާ (8 ބިލިއަން ރުފިޔާ) ޗާޕުކޮށްގެން ނެރުމުން ކަމަށެވެ.
މީގެ ކުރިން މިނިސްޓަރު ސައީދު ވަނީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީއަށް ލިބިއްޖެނަމަ ޑޮލަރުގެ އަގު އުފުލިފައިވާ މައްސަަލަ ހައްލުކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ޑޮލަރުގެ މައްސަަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ސައީދު ސާފު ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ކަޅުބާޒާރުގައި ޑޮލަރު ގަންނަން މިހާރު ލިބެނީ 20.50 ރުފިޔާ އަށެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީީޕީގެ ޗެއާޕާސަން އަދި އެ ޕާޓީގެ ފަރތުން ރާއްޖޭގައި ފުރަތަމަ ވެރިކަން ކުރެއްވި މުހައްމަދު ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި ސަރުކާރަށް ޑޮލަރު ހޯދޭނެ ގޮތެއް ނޭނގޭ ކަމަށާއި މި މައްސަލަ ހައްލު ނުކުރެވި ދިގުދެމިގެންދާ އިރު، ޑޮލަރެއްގެ އަގު 23ރ. އަށް އަރައިފާނެކަމުގެ ބިރު ވެސް އޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ