އެމެރިކާއިން ދިވެހި ފުލުހުންނަށް ޑްރަގް ޓެސްޓް ކުރާ 150 ކިޓް ހަދިޔާކޮށްފި
އެމެރިކާއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓްތަކެއް މިއަދު ހަދިޔާކޮށްފިއެވެ. އިސްކަންދަރު ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން އެންރިކޯ ބޮނިންސެނާއާއި، މިހްޔާ އަލް ނިފެއިޑީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ އެމެރިކާއަށާއި ޔޫއެންއޯޑީސީއަށް ޝުކުރު އަދާކުރައްވާފައެވެ. "މިއަދު މި ހަވާލުކުރެވިގެންދިޔަ ޑްރަގް ޓެސްޓް ކިޓްތަކާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތައް އަވަސްވެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ." ކޮމިޝަނަރު ވިދާޅުވިއެވެ. މީގެ އިތުރުން، މި ކިޓްތަކުގެ ސަބަބުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތަހުގީގުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ޔޫއެންއޯޑީސީގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ. ފުލުހުން ބުނި ގޮތުގައި އެމެރިކާއިން ހަދިޔާކުރި 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ތަކެއްޗެވެ. މި ކިޓްތަކުގެ އެހީގައި ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަހުގީގު މަރުހަލާތަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ރާއްޖޭގައި މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެ މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުން ހުރި 1,121 މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ