މާލޭގައި ހުންނަވާ ނަމަ، ކޮންމެ ހަފުތާއެއްގައި ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދާ މި ހަފުތާގައި ވެސް ހިލާފުވެވަޑައިގެންފި އެވެ.
މި އަހަރުގެ މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ފެބްރުއަރީ 5، ގަ އެވެ.
"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" މުއިއްޒު ޔަގީންކަން ދެއްވި އެވެ.
މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، މި ފަހަކަށް އައިސް ގިނަ ހަފުތާތަކުގައި މާލޭގައި ހުންނެވި ނަމަވެސް، ނޫސްވެރިންނާ ބައްދަލުނުކުރައްވަ އެވެ. މިދިޔަ ހަފުތާގައި ވެސް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވީ ތިން ހަތުފާގެ މެދުކެނޑުމަކަށްފަހު އެވެ.
މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުނުކުރެއްވިއިރު، އޭގެ ސަބަބެއް ވެސް ހާމައެއް ނުކުރައްވަ އެވެ.
ނޫސްވެރިންގެ ބައްދަލުވުންތަކަށް ހުއްޓުމެއް އައީ މުއިއްޒުގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމަށް ތުހުމަތުކުރާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ވާހަކަތަކާއި އެ ވާހަކަތަކަށް ބާރުލިބޭ ބައެއް ހެކިތަކާއެކު އަދަދު ނޫހުން، "އައިޝާ" ގެ ނަމުގައި މާޗު 28، ގައި ޑޮކިއުމެންޓްރީއެއް ގެނެސްދިން ހިސާބުންނެވެ.
މާޗު 2، ގައި ބާއްވަން ފެށި ނޫސްވެރިންގެ ބައްދަލުވުންތައް ފިތުރު އީދަށްފަހު ދެ ހަފުތާގައި ބޭއްވުމަށްފަހު މެދުކަނޑައިލި އެވެ. އެއަށްފަހު ދެން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ އޭޕްރިލް 20، އަދި 27، ގަ އެވެ.
މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ޑޮކިއުމެންޓްރީ އާންމުކުރިތާ މަސްދުވަސްފަހުން، އޭޕްރިލް 27 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތުތަކާ ގުޅޭގޮތުން އެމަނިކުފާނާ ސުވާލުކުރުމުން، އެ ދުވަހުގެ ރޭ ފުލުހުން ވަނީ އަދަދު ނޫހަށް ވަދެގަނެ، މި ނޫހުގެ ހުރިހާ ސާމާނެއް ގެންގޮސްފަ އެވެ.
'އަދަދު' ނޫހުން އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީގައި ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާތީ، އެ މައްސަލައިގެ ހެކި ހޯދުމަށް ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފިއެވެ. ރައީސް ވަނީ އެ ޑޮކިއުމަންޓްރީގައި ހުރި ވާހަކަތައް ދޮގުކުރައްވައި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އަދަދު ނޫހުގެ ސީއީއީ، ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައި އެ ދެ މީހުންގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަން ފެށި އެވެ.
އެ ދުވަހަށްފަހު، ދެން މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވީ މެއި 11، ގަ އެވެ. ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ރޭގަނޑުގެ ދަންވަރުގެ ވަގުތުތައް ހިމެނޭހެން ނުގަޑިތަކުގައި އެކު ޖުމުލަ 58 ފަހަރު ގުޅުއްވީ ކީއްވެ، ކޮން ބޭނުމެއްގައިތޯ އެ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ޖަވާބު ދެއްވުމުގެ ބަދަލުގައި މުއިއްޒު ވަނީ މި ނޫހުގެ ނޫސްވެރިޔަކު ރައީސް އޮފީހުން ބޭރުކޮށްފަ އެވެ. އެ ދެ ނޫސްވެރިން އެ މައްސަލައިގައި ޖަލަށް ވެސްލި އެވެ.
އޭގެ ފަހުން ރައީސް އޮފީހުން ވަނީ، އެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް މި ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ހަދައިފަ އެެވެ.
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހަށް ނުވަދެވޭ ގޮތަށް މަނާކުރިތާ މަހެއްވީއިރުވެސް، އެ ފިޔަވަޅު އެޅި ސަބަބު ލިޔުމުން ދީފައިނުވާތީ، މި ފިޔަވަޅާ ގުޅިގެން ދެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ހުރަސްއެޅިފައިވާ ކަމަށާއި، މިއީ ނޫސްވެރިކަމަށް ހުރަސްއެޅުމުގެ ގޮތުން ގަސްތުގައި ކުރާ ކަމެއް ކަމަށް މެނޭޖުމަންޓުން ބުނޭ.
އޭގެ ފަހުން، މިދިޔަ މަހު އެމަނިކުފާނު ބޭއްވެވީ އެންމެ ދެ ނޫސްވެރިންގެ ބައްދަލުވުމެވެ. އެއީ ޖޫން 1، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެވެ.
އެހެންކަމުން، މާޗު މަހުން ފެށިގެން މިއަދާ ހަމައަށް 19 ހޯމަ ފާއިތުވެގެންދިޔައިރު، އެމަނިކުފާނު ބޭއްވެވީ އެންމެ އަށް ނޫސްވެރިންގެ ބައްދަލުވުމެވެ. މާޗު މަހު އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމުގެ ކުރިން، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މިދިޔަ އަހަރުގެ މެއި 3، ގަ އެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ބޭއްވި ދެވަނަ ނޫސްވެރިންގެ ބައްދަލުވުމެވެ. މި ދައުރުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މުއިއްޒު ބޭއްވެވީ ޑިސެމްބަރު 5، 2023 ގަ އެވެ.
މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް މި ހަފުތާގައި ނޫސްވެރިންނާ ބައްދަލުނުކުރެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ