ސިޔާސީ ޕާޓީތަކުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު އީސީއަށް ހުށަނާޅަނީ އާދަލަތާއި އެމްއެންޕީން
ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓު ހުށަނާޅަނީ، އަދާލަތު ޕާޓީއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ. ސިޔާސީ ޕާޓީތަކުގެ ދަފުތަރު ބުނާ ގޮތުން، ރާއްޖޭގައި މިވަގުތު އޮތީ ހަތް ސިޔާސީ ޕާޓީއެކެވެ. އޭގެ ތެރެއިން، އީސީއަށް މިދިޔަ އަހަރުގެ އޮޑިޓު ހުށަހެޅީ ފަސް ޕާޓީއަކުންނެވެ. އެއީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ އިތުރަށް ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިންނެވެ. އެ ރިޕޯޓު ހުށަހެޅުމުގެ ސުންގަޑިއަކީ، މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު، މިދިޔަ އަހަރުގެ އޮޑިޓު ހުށަނާޅަނީ އަދާލަތާއި އެމްއެންޕީންނެވެ. ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ އެ ދެ ޕާޓީން މިދިޔަ އަހަރުގެ އޮޑިޓު ހުށަހަޅާފައި ނުވާއިރު، މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީއެންސީއެވެ. އެ ޕާޓީގައި އެކަނި، 74،000އަށް ވުރެ ގިނަ މެންބަރުން ތިބިއިރު، އެ އަދަދާ އެންމެ ގާތްކުރާ އަދަދަކަށް މެންބަރުން ތިބީ އެމްޑީޕީގައެވެ. މިގޮތުން، އެ ޕާޓީގައި 43،000އަށް ވުރެ ގިނަ މެންބަރުން މިހާރު އެބަ ތިއްބެވެ. ހަތް ޕާޓީގެ ތެރެއިން އެންމެ މަދުން މެންބަރުން ތިބީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ، ޕީއެންއެފުގައެވެ. އެ ޕާޓީގައި މިހާރު ތިބީ، 3،012 މެންބަރުންނެވެ. https://sun.mv/214912 އެއާއެކު، މި އަހަރުގެ ބަޖެޓުން ފައިސާ ލިބެނީ، އެންމެ ހަތަރު ޕާޓީއަށް ކަމަށް އީސީން ކުރިން ވަނީ ބުނެފައެވެ. އެއީ، ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ އިތުރުން އެމްޑީއޭއާއި ޖުމްހޫރީ ޕާޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ