ދިރާގުޕޭ އިން ބިލް ދައްކައިގެން ބާލީއަށް ދިއުމުގެ ފުރުސަތު

ދިރާގުޕޭ މެދުވެރިކޮށް ދިރާގުގެ ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އިންޑޮނޭޝިއާގެ ބާލީގައި ދެ މީހަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން އިއުލާނުކޮށްފި އެވެ.
އެ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން  ފެށި ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުޕޭ މެދުވެރިކޮށް ބިލްތައް ދައްކާ ކަސްޓަމަރުންނަށެވެ. އަދި  ދިރާގުޕޭ މެދުވެރިކޮށް ގިނަ ބިލްތައް ދައްކާ ކަސްޓަމަރުންނަށް ބާލީ ދަތުރު ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުވެގެން ދާނެ އެވެ. 
އެ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ދެ މީހަކަށް ބާލީއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ހުރުމުގެ އިންތިޒާމުގެ އިތުރުން ޓްރެވަލް އެޖެންސީން ފަރުމާކޮށްފައިވާ ހާއްސަ ޓުއާއެއް ލިބޭނެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށެވެ.
އެ ހާއްސަ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތަކުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ޝައުގުވެރިކަން އިތުރުކުރަން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ