ސިމްޑީގެ ވޯލްޑް ކަޕް ޕްރޮމޯޝަން އާއި ސޯޝަލް މީޑިއާ މުބާރަތް ފަށައިފި

ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރިގަދަ މެޗުތަކާ ދިމާކޮށް ސިމްޑީ ޓެކްއިން ލެނޯވޯ ބްރޭންޑުގެ އުފެއްދުންތަކަށް ހާއްސަ ޕްރޮމޯޝަނަކާއި ސޯޝަލް މީޑިއާ މުބާރާތެއް މިއަދު އިފްތިތާހުކޮށްފި އެވެ.
މި ޕްރޮމޯޝަނަކީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފަހު މަރުހަލާގެ މެޗުތަކުގެ ފޯރި ކަސްޓަމަރުންގެ މެދުގައި އިތުރުކުރުމަށް އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޖުލައި 2، އިން ފެށިގެން ޖުލައި 31، ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ސިމްޑީ ޓެކްގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ޕްރެޑިކްޓް އެންޑް ވިންގެ ނަމުގައި ހާއްސަ މުބާރާތެއް ވަނީ ފަށާފަ އެވެ. ވޯލްޑް ކަޕްގެ ގަދަ ސޯޅަ ޓީމުގެ މެޗުތަކުން ފެށިގެން ފައިނަލް މެޗާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވެވޭނީ މެޗުތަކުން މޮޅުވާނެ ކަމަށް ލަފާކުރާ ޓީމުތައް ދިމާކޮށްގެންނެވެ.
މި މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ބޮޑު އިނާމެއްގެ ގޮތުގައި 14 އިންޗީގެ ލެނޯވޯ އައިޑިއާޕެޑް ފަސް ޓޫ އިން ވަން ލެޕްޓޮޕެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލަކީ ރަނގަޅަށް ދިމާކުރާ ކޮންމެ މެޗަކަށް ފަސް ޕޮއިންޓެވެ. އަދި މުބާރާތް ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ މީހުންގެ މެދުގައި އެއްވަރުވެއްޖެނަމަ، ނަސީބުވެރިޔާ ހޮވާނީ ގުރުއަތުންނެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސިމްޑީ ޓެކްގެ ސޯޝަލް މީޑިއާ ޕޭޖް ފޮލޯކުރުމަށްފަހު، ކޮންމެ މެޗެއް ފެށުމުގެ ކުރިން އެ މެޗަކާ ގުޅޭ ގޮތުން ކުރާ ޕޯސްޓުގެ ކޮމެންޓް ސެކްޝަނުގައި މޮޅުވާނެ ކަމަށް ލަފާކުރާ ޓީމެއްގެ ނަން ޖަހަންޖެހެ އެވެ. މިއީ އާންމުންގެ މެދުގައި ފުޓްބޯޅައިގެ ފޯރި އިތުރުކޮށް، އަގުހުރި އިނާމެއް ހޯދުމަށް ހުޅުވާލެވުނު ރަނގަޅު ފުރުސަތެކެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ސޯޝަލް މީޑިއާ މުބާރާތުގެ އިތުރުން، ސިމްޑީ ޓެކް ޝޯރޫމުން ލެނޯވޯ ބްރޭންޑުގެ ހޮވާލެވޭ ލެޕްޓޮޕްތަކާއި އެކްސެސަރީޒްތައް ވަރަށް ހާއްސަ އަގުތަކެއްގައި ލިބެން ހުންނާނެ އެވެ. މިއީ ޓެކްނޮލޮޖީގެ އުފެއްދުންތައް ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
ސިމްޑީ ޓެކް އަކީ ރާއްޖޭގައި ލެނޯވޯ، ކެނަން އަދި ޖޭބީއެލް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ސިމްޑީ ޓެކްގެ ޝޯރޫމުންނާއި އެ ކުންފުނީގެ ސޯޝަލް މީޑިއާ މަންސަތަކުން ލިބެން ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ