ލޯގޯ "ކޮޕީކުރުމުން" ޗައިނާގެ ބަބުލް ޓީ ކުންފުންޏަކުން ލުއީ ވުޓޮން އަށް ދޮޅު މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

ބަބުލް ޓީ އުފެއްދުމަށް މަޝްހޫރު، ޗައިނާގެ ރެސްޓޯރަންޓް ޗެއިންއެއް ކަމަށްވާ "މޮލީ ޓީ" އިން ފްރާންސްގެ ލަގްޒަރީ ބްރޭންޑް "ލުއީ ވުޓޮން" ގެ ޓްރޭޑްމާކް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި 10.3 މިލިއަން ޔުއާން (1.5 މިލިއަން އެމެރިކާ ޑޮލަރު) ދެއްކުމަށް އަމުރެއް ނެރެފި އެވެ.
ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ އިރުމަތީ ޖިއާންގްސޫ ޕްރޮވިންސްގެ ކޯޓަކުން ވަނީ މޮލީ ޓީގެ ލޯގޯ ފަރުމާކޮށްފައިވަނީ ލުއީ ވުޓޮންގެ ކޮޕީރައިޓް ރަޖިސްޓްރީކޮށްފައިވާ، ހަތަރު ފިޔަލީ މަލުގެ ނިޝާން (މޮނޮގްރާމް) ކޮޕީކޮށްގެން ކަމަށް ކަނޑައަޅައިފަ އެވެ.
ކޯޓުގެ މި ހުކުމާ ގުޅިގެން، ކޮޕީރައިޓް ރައްކާތެރިކުރުމާއި ބްރޭންޑްތަކުގެ ހައްގުތަކާ ބެހޭގޮތުން އިންޓަނެޓްގައި ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފަ އެވެ.
މި ނިންމުމާ ގުޅިގެން ޗައިނާގެ ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ވަނީ ދެ ކަފިވެފަ އެވެ. މި މައްސަލައާ ގުޅޭ ހޭޝްޓެގްތަކަށް 400 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު، އެތައް ހާސް ބަޔަކު ދަނީ މިއަށް ކޮމެންޓް ކުރަމުންނެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއެއް ކަމަށްވާ "ޗައިނާ ޑެއިލީ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝަންހާއީގެ އިރުމަތީގައި އޮންނަ ސޫޖޯގެ ކޯޓަކުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ލޯގޯ ބޭނުންކުރުން ހުއްޓާލުމަށާއި، އާންމުންގެ ކިބައިން މާފަށް އެދުމަށާއި ލުއީ ވުޓޮންއަށް ބަދަލު ދިނުމަށް މޮލީ ޓީގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި، މޮލީ ޓީ އާއި އެ ކުންފުންޏާ ގުޅުންހުރި އެހެން ކުންފުނިތަކުން ގިނަ އަދަދެއްގެ ޓްރޭޑްމާކްތައް ރަޖިސްޓްރީކުރަން ހުށަހެޅި ނަމަވެސް، ޗައިނާގެ ނެޝަނަލް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެޑްމިނިސްޓްރޭޝަނުން ވަނީ އެ ހުށަހެޅުންތައް ބޭރުކޮށްލައިފަ އެވެ. ރަޖިސްޓްރީ ކުރެވުނީ ހަމައެކަނި ޗައިނާ ބަހުން "މޮލީ ޓީ" ލިޔެފައިވާ ޓްރޭޑްމާކް އެކަނި ކަމަށް ޗައިނާ ޑެއިލީން ބުނެ އެވެ.
ނަމަވެސް، ޗައިނާގެ ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ދަނީ މޮލީ ޓީގެ ލޯގޯގެ ދިފާއުގައި ވާހަކަދައްކަމުންނެވެ. އެ މީހުން ފާހަގަކުރާ ގޮތުގައި ހުޅަނގުގެ ލަގްޒަރީ ބްރޭންޑްތަކުން ބޭނުންކުރާ ގިނަ ފަރުމާތަކަކީ ޗައިނާގެ އާސާރީ އަދި ސަގާފީ ތަކެތިން އިންސްޕަޔާ ވެގެން ކޮށްފައިވާ ފަރުމާތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ