ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ކިޔާ އިންޖެކްޝަނެއްގެ ފޭކް ބެޗްތަކެއް ފެނުމުން އެކަން ރާއްޖެއިން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ސަމާލުކަމަށް ގެނެސްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ އެ ބާހަކީ އަމިއްލަ މީހަކު އޭނާގެ ފަރުވާއަށް ރާއްޖެއަށް ގެނައި ބޭހެއްކަމަށެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ސަމާލުކަމަށް އެ ބޭސް ގެނެސްފައިވަނީ އެއިން ޝައްކުކުރެވޭ ކަންތައްތަކެއް ފެނިގެންކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އަދި އެކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައުމުން އެމްއެފްޑީއޭއާއި އެ ބޭސް އުފައްދާ އަސްލު ކުންފުންޏާ ގުޅިގެން ކުރި މަސައްކަތުން އެނގިގެން ދިޔައީ އެއީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ ބޭހެއް ނޫންކަމަށާއި އެހެންތަނެއްގައި ބަޔަކު ވަގަށް އުފައްދަމުންދާ ބޭހެއްކަމަށެވެ.
އެއާއެކު ދުނިޔޭގެ އެހެން ޤައުމުތަކަށް އެ ބޭސް އެތެރެކޮށްފައިވޭތޯ ބެލި ބެލުމުން މެކްސިކޯއަށްވެސް އެ ބޭސް އެތެރެކޮށްފައިވާކަން އެނގިފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އެމްއެފްޑީއޭއިން ވިދާޅުވީ ރާއްޖެއިން ފެނުނު ބޭހަށް އަޅާފައި ހުރި އެއްޗެހި ދެނެގަތުމަށް އެ ބޭސް އުފައްދާ އަސްލު ކުންފުނީގެ ލެބޯޓަރީއަށް ފޮނުވާފައިވާކަމަށެވެ.
ރާއްޖެ އާއި މެކްސިކޯއިން ފެނުނު އެ ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމަށް ޑަބްލިއުއެޗްއޯއިން ނެރުނު އެލާޓްގަވެއެވެ."ޑާޒަލެކްސް" އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ސިއްހީ އުފެއްދުންތަކެއްގެ ނަމުގައި އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ އެ ބެޗްތަކުގެ ނަމްބަރުތަކެއް ދެނެގަނެފައެވެ. އަދި އެ ބޭސް އުފައްދާ ކުންފުނި ކަމަށްވާ ޖޭންސެންއާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ ގޮތުގައި MYS7381 އަދި STV1K01 ނަމްބަރު ޖަހާފައިވާ އެ ބޭހުގެ ބެޗްތަކަކީ ސައްހަ ބެޗްތަކެއް ނޫނެވެ. އެހެންކަމުން "ޑާޒަލެކްސް" ބޭހުގެ އެ ނަމްބަރުތައް ޖަހާފައިވާ ބޭސް ބޭނުން ނުކުރުމަށް ވަނީ އަންގަައިފައެވެ. ޑަބްލިއުއެޗްއޯ އިން ވަނީ ބޭސް ކޮންޓްރޯލްކުރާ އިދާރާތަކަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށާއި ބޭސް ފޯރުކޮށްދޭ ހޯލްސޭލަރުންނަށް ބޭހުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ބޭހުގެ ބާޒާރުތައް ގާތުން މޮނިޓާ ކުރުމަށާއި އަދި ބައެއް ފިޔަވަޅުތައް އަޅަން ގައުމުތަކަށް ވެސް ޑަބްލިއުއެޗްއޯއިން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން ފޭކް ބޭހެއް ކަމަށް ޝައްކުކުރެވޭނަމަ ނުވަތަ ބޭސް ބޭނުން ކުރުމުން އާދަޔާ ހިލާފު ނޭދެވޭ އަސަރެއް ފެނިއްޖެނަމަ ނުވަތަ ބޭހުން ކުރަންޖެހޭ އަސަރު ނުކުރާނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓްކުރަން ސިއްހީ މާހިރުންނަށް އަންގާފައިވެއެވެ.
ބޭސް ގަންނައިރު ހަމައެކަނި ހުއްދަ ލިބިފައިވާ ބޭސް ފިހާރަތަކުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ބޭސް ހޯދުމަށް ވެސް ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރިއެވެ. އަދި ބޭހުގެ ބޭރު ކަވަރާއި ޕެކޭޖިން ރަނގަޅަށް ޗެކް ކުރުމަށާއި ބޭހުގެ ސިފައަށް ބަދަލެއް އައިސްފައިވާނަމަ ނުވަތަ އެއީ އަސްލު ބޭސް ނޫން ކަމަށް ޝައްކުވާނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވެސް އިރުޝާދު ދީފައިވެއެވެ.
ޑަބްލިއުއެޗްއޯއިން ލަފާކުރާ ގޮތުގައި ކުރިއަރަމުން އަންނަ ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ބޭހުގެ ކޮންމެ ދިހަ ބާވަތަކުން އެއް ބާވަތަކީ ފެންވަރު ދަށް ނުވަތަ އޮޅުވާލައިގެން އުފައްދާފައިވާ ބޭހެކެވެ. އަދި އެއީ މުޅި ދުނިޔޭގެ އާންމު ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް އެ ޖަމްއިއްޔާއިން ވިދާޅުވިއެވެ.
ކެންސަރު ފަރުވާގެ ސައްޙަނޫން އިންޖެކްޝަނެއް ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ