މަރުގެ މައްސަލައިގެ ތުހުމަތުގައި ރާއްޖޭން ހިފެހެއްޓި ލަންކާ މީހާ، ރާއްޖޭގެ ކުރިން ތިން ގައުމަކަށް ދިޔަ
ލަންކާގައި ދެ މީހަކު މަރާލި މައްސަލައެއްގައި ހޯދަމުން ދަނިކޮށް، ރާއްޖޭން ހިފަހައްޓައި އެ ގައުމަށް ފޮނުވާލި މީހާ ރާއްޖެ އައުމުގެ ކުރިން ތިން ގައުމަކަށް ދިޔަ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. އެ މައްސަލައަކީ މިދިޔަ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހު އަކުރެގޮޑާ ސަރަހައްދުގައި، ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާގެ ގަޔަށް ބަޑި ޖަހައި މަރާލި މައްސަލައެކެވެ. އެ މައްސަލައިގައި 23 އަހަރުގެ ސިހިނަ ޑިލްސަރާ ނަމަކަށް ކިޔާ ލަންކާ މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް އޮތީ ނެރެފައެވެ. ލަންކާގެ ނޫސްތަކުގައިވާ ގޮތުން އޭނާއަށް ތުހުމަތުވަނީ، ބަޑި ޖެހި މީހުން ތިބި އުޅަނދު ދުއްވި ކަމަށެވެ. https://sun.mv/224223 ޑިލްސަރާ ރާއްޖޭން ފޮނުވާލީ، މިދިޔަ ހޮނިހިރު ދުވަހު ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެ ގައުމުގެ ނޫހެއް ކަމަށްވާ ޑެއިލީ ނިއުސްގައި ވަނީ، އެ ވަކީލާއި އޭނާގެ އަނބިމީހާ މަރާލި ފަހުން، ފުރަތަމަ ޑިލްސަރާ ދިޔައީ ތައިލެންޑަށް ކަމަށެވެ. އޭގެފަހުން، ބަހުރެއިނާއި ސައުދީ އަރަބިއާއަށް ދިޔުމަށް ފަހު، އަލުން އޭނާ ދިޔައީ ތައިލެންޑަށެވެ. ރާއްޖެއައީ، ތައިލެންޑުގައި ހުރެފައި ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. މަރުގެ ތުހުމަތުވާ މީހާ ރާއްޖޭން ލަންކާއަށް ގެންދަނީ ---- އެ ނޫހުގައި ބުނި ގޮތުގައި، ޑިލްސަރާއަކީ 2022ގައި ރާއްޖޭގައި ހުންނަ ހޮޓެލް ސްޓީވާޑުގައި ވަޒީފާ އަދާކުރި މީހެކެވެ. މީގެއިތުރުން، އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި އޮތުމުން، ޑިލްސަރާ ރާއްޖެ އަންނަކަން އިމިގްރޭޝަނަށް އެނގި، ލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް ރާއްޖޭން އެންގި ކަމަށް ޑެއިލީ ނިއުސްގައިވެއެވެ. އެއާއެކު އެ ގައުމުގެ ފުލުހުންގެ ޚާއްސަ ޓީމެއް ރާއްޖެ އައިސް އޭނާ ގައުމަށް ގެންދިޔަ ކަމަށް އެ ނޫހުން ބުނެއެވެ. ލަންކާގެ ނޫސްތަކުގައިވާ ގޮތުން، އެ މީހާ ލަންކާއަށް ގެންދިއުމަށްފަހު އެ މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ހަވާލުކޮށްފައެވެ. ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު މީހަކާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އޭނާއަށް ވަނީ 90 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ