2025 ވަނަ އަހަރު ބޭއްވި އެޗް.އެސް.ސީ އިމްތިހާނުގެ ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1 ވަނަ ހޯދި ހއ.އިހަވަންދޫ އަރާވިލާ، އަހުމަދު ނަބާހަކީ އެންމެ ފުރަތަމަ ސްކޫލަށް ވަނީންސުރެއްވެސް ވަރަށް ހިތްވަރާއެކު މަސައްކަތްކުރާ ނަމޫނާ ދަރިވަރެއްކަމުގައި އިހަވަންދޫ ސްކޫލް ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ޕްރިންސިޕަލް އަހުމަދު ރަޝީދު ކޭއޯއަށް ވިދާޅުވީ، ނަބާހަކީ ސްކޫލުގައި ވަރަށް ރަނގަޅު އޯލެވެލްގައިވެސް އޭލެވެލްގައިވެސް ވަރަށް ހިތްވަރާއެކު މަސައްކަތްކޮށް ރަނގަޅު ނަތީޖާ ހޯދާފައިވާ ޑިސިޕްލިންވެސް ވަރަށް ރަނގަޅު ކުއްޖެއް ކަމަށެވެ.
"އެންމެ ފުރަތަމަ ސްކޫލަށް ވަނީންސުރެއްވެސް ވަރަށް ހިތްވަރާއެކު މަސައްކަތްކުރާ ނަމޫނާ ކުއްޖެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ. ދިވެހި މާއްދާއިން ރާއްޖެއިން އެއްވަނަ ލިބުމަކީ އިހަވަންދޫ ސްކޫލަށްވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް އަދި ވަަރަށް ބޮޑު ފަހުރެއް، ވަރަށް މަދު ފަހަރެއްގައި އެކަހަލަ ވަނައެއް ލިބެނީ." ޕްރިންސިޕަލް ވިދާޅުވި އެވެ.
ނަބާހު ހޯދި ކާމިޔާބީއަކީ ދަރިވަރުގެ ފަރާތުން ސްކޫލަށް ހޯދައިދިން ވަރަށް ބޮޑު ފަހުރެއްކަން ފާހަގަ ކުރައްވާ ޕްރިންސިޕަލް ވިދާޅުވީ، އިހަވަންދޫ ސްކޫލުގެ ދިވެހި ޓީޗަރުން އެ ބޭފުޅުންގެ ކިޔަވައިދިނުމުގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަމުން ގެންދާކަމަށެވެ. އަދި ބެލެނިވެރިންގެ މަސައްކަތްވެސް ވަރަށް ބޮޑަށް ފާހަގަ ކުރާކަމަށެވެ. އެހެންކަމުން މުދައްރިސުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި ހާއްސަކޮށް އޭލެވެލްގައި އެންމެ ފަހުވަގުތުވެސް މަސައްކަތްކޮށްދެއްވި ލީޑިން ޓީޗަރ ފަތުހުﷲ އަށް ވަރަށް ހާއްސަ ޝުކުރު އަދާކުރާކަމަށެވެ.
މީގެ އިތުރުން އެ ދަރިވަރު އެ ނަތީޖާ ހޯދުމަށް ޓީޗަރުންނާއި ބެލެނިވެރިންގެ ބަސް އަހައިގެން ކުރި ބުރަ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށެވެ. މި ދަރިވަރުން ނަމޫނާއަކަށް ބަލައިގެން ނަތީޖާ ރަނގަޅުކުރަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ކޮންމެ ދަރިވަރަކުވެސް ރަނގަޅު ނަތީޖާ ހޯދުމަށް އެބަޖެހޭ މައިންބަފައިންގެ ބަސް ގަބޫލުކޮށް މުދައްރިސުންގެ އިރުޝާދަށް ތަބާވުން." ޕްރިންސިޕަލް ވިދާޅުވި އެވެ.
އިހަވަންދޫ ސްކޫލަކީ އަބަދުވެސް ދިވެހި މާއްދާއިން ކުދިން ރަނގަޅު ނަތީޖާއެއް ހޯދާ ދަރިވަރުން ތިބޭ ސްކޫލެއްކަން ފާހަގަކޮށް ރަޝީދު ވިދާޅުވީ މި ފަހަރުވެސް ދިވެހި މާއްދާއިން އޭލެވެލްގެ ހުރިހާކުދިންވެސް ފާސްވި ކަމަށެވެ.
އިހަވަންދޫ ސްކޫލުގެ އަމާޒަކީ ސްކޫލު ނިމޭ ކޮންމެ ދަރިވަރަކީވެސް އަހުލާގު ރަނގަޅު މައިންބަފައިނަށް ކިޔަމަންތެރިކަން އަދާކުރާ ކިޔެވުމަށް ހިތްވަރާއެކު މަސައްކަތްކުރާ ރަނގަޅު ސަހުސިއްޔަތެއް ބިނާކުރުން ކަމަށެވެ. އަދި މުޖުތަމައުއަށް ފައިދާހުރި ގައުމުދެކެ ލޯބިވާ، މިހާރަށްވުރެއް ރަނގަޅު ނަތީޖާއެއް ކުދިން ހޯދުންކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
ޕްރިންސިޕަލް ވިދާޅުވީ ކޮންމެ ދަރިވަރަކީވެސް މުހިންމު ކުއްޖެއް ކަމަށާއި ދެރަ އެއްވެސް ކުއްޖެއް ނުހުންނާނެ ކަމަށެވެ. ކޮންމެ ކުއްޖަކީވެސް މުހިންމު ކޮންމެވެސް ކުޅަދާނަ ކަމެއް ނުވަތަ ތޫނުފިލި ކަމެއް ހުރި ކުއްޖެއް ކަމަށާއި އެ ކުއްޖެއްގެ އެ ހުރި ތޫނުފިލިކަން ފުރިހަމަކުރުމަށްޓަކައި ގަދަ އަޅާ ހިތްވަރާއެކު މަސައްކަތް ކުރުން އެއީ ވަރަށް މުހިންމު ކަމެއްކަން ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ.
ޓީޗަރުންގެ އިރުޝާދާއެއްގޮތަށް ސްކޫލަށް ހާޒިރުވެ ފިލާވަޅުތައް ފުރިހަމަ ކުރުމުގެ އިތުރުން ކޮންމެ ކުއްޖަކުވެސް ބަލަންވީ ކަރިކިއުލަމްގައި ބުނާފަދަ މައިންބަފައިނަށާއި ދީނަށާ ގައުމަށް ލޯބިވާފަދަ ވަރުގަދަ ސަހުޝިއްޔަތަކަށް ވުމަށްކަމަށާއި ދިރިއުޅުމަށް ތައްޔާރުވެފައިވާ ރަނގަޅު ކުއްޖަކަށް ހެދުމަކީ ކިޔަވައިދިނުމުގެ އެންމެ ބޮޑު މަގުސަދުކަމަށެވެ. މި އަމާޒަށް ވާސިލުވުމަށް ކޮންމެ ކުއްޖަކުވެސް ހަނދާކުރުމަށް ޕްރިންސިޕަލް ވަނީ ނަސޭހަތްތެރިވެފަ އެވެ.
ނަބާހް: ދިވެހި މާއްދާއިން މުޅި ރާއްޖޭން އެއްވަނަ ހޯދައި ރަށް ފަހުރުވެރިކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ