ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުކޮށް ނިންމައި ހުޅުވައިފި

ހުޅުމާލޭ 2 ގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށް ނިންމައި، އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި އެވެ. 
އެ ލިފްޓްތަކުގެ ތެރެއިން ބައެއް ލިފްޓްތައް މީގެ ކުރިން ނިންމައި އައީ ބޭނުންކުރަމުންނެވެ.
ނުނިމި ހުރި ލިފްޓްތަކުގެ މަސައްކަތް ނިންމައި، އިފްތިތާހުކޮށްދެއްވީ ރޭ ހިޔާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަު އަލީ ޒުހައިރު އަދި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން، އަރައި ފޭބުމަށް ދަތިވާތީ، އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ.
އެ މައްސަލަ ހައްލުކުރުމަށް، ހިޔާގެ ކޮންމެ ޓަވަރެއްގައި ޖާގަ ތަނަވަސް، އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 
އެގޮތުން ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރި އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުންނާނެއެވެ. 
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ އެމްޑީ ވިދާޅުވީ، ހިޔާ ޓަވަރުތަކުގައި އިތުރު 32 ލިފްޓު ހަރުކޮށް ނިންމައި އެތަންތަން އާންމުންނަށް ހުޅުވާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި އަލަށް ހަރުކުރި ލިފްޓުތަކުގެ ނަތީޖާއެއްގެ ގޮތުން، ކުއްލި ހާލަތުގައި ވެސް ބަލި މީހުން އުފުލުމަށް ފަސޭހަވެ، އެމްބިއުލާންސްއަށް ފަސޭހައިން ވަދެ ނުކުމެވޭނެ ގޮތް ވެސް މިހާރު ހަދާފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ލިފްޓު ހަރުކުރަން ހަވާލުކުރީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ