ހޮރުމުޒް ކަނޑުއޮޅިން ތެޔޮ އުފުލޭ މިންވަރު އިތުރުވުމުން، އޯޕެކް ޕްލަސްއިން ތެޔޮ އުފެއްދުން އިތުރުކުރަނީ

އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް ހަދައިފައިވާ ވަގުތީ އެއްބަސްވުމާއެކު، ހޮރުމުޒް ކަނޑުއޮޅިން ތެޔޮ އުފުލޭ މިންވަރު އިތުރުވުމުން، އޯޕެކްސް ޕްލަސްގައި ހިމެނޭ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން ނިންމައިފިއެވެ. އޯޕެކް ޕްލަސްއަކީ، އޯޕެކްގައި ހިމެނޭ 12 ގައުމުގެ އިތުރުން ތެޔޮ އުފައްދާ 10 ގައުމު ހިމަނައިގެން އެކުލަވާލައިފައިވާ ޖަމުއިއްޔާއެކެވެ. ދެހާސް ސޯޅަ ވަނަ އަހަރު އުފެއްދި އެ ޖަމުއިއްޒާއިން ތެޔޮ އުފެއްދުމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައަޅައި، ދުނިިޔޭގެ ބާޒާރު ހަމަޔަކަށް އެޅުވުމަށް މަސައްކަތްތައް ކުރެއެވެ. އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް މިދިޔަ މަހުގެ 17ގައި ވަގުތީ ގޮތުން އެއްބަސްވި އިރުވެސް ތެލުގެ އަގު ދަށްވެފައިވެއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ތެލުގެ އަގު ވަނީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ދަށްވެފައެވެ. އޯޕެކް ޕްލަސްއިން ބޭއްވި އޮންލައިން ބައްދަލުވުމަކަށް ފަހު އިއްޔެ ބުނެފައިވަނީ، އޮގަސްޓް މަހުން ފެށިގެން ދުވާލަކު 188،000 ފީފާއަށް ކޯޓާ އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ. އޯޕެކް އާއި ރަޝިޔާ ހިމެނޭ އޯޕެކް ޕްލަސްގެ މައިގަނޑު ހަތް މެމްބަރު ގައުމުން ވަނީ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، ދުވާލަކަށް ބާޒާރަށް ނެރޭ ތެޔޮ ފީފާގެ އަދަދު އަށް ލައްކަ އިތުރުކޮށްފައެވެ. އުފެއްދުންތެރިކަން ރަނގަޅުވާން ފަށައިފި އޯޕެކް ޕްލަސްގެ އުފެއްދުންތެރިކަން މެއި މަހު 33.13 މިލިއަން ފީފާއަށް ދަށްވެފައިވާ ކަމަށް އޯޕެކްގެ ތަފާސްހިސާބުތަކުން ދައްކާއިރު، ފެބުރުވަރީ މަހު ދުވާލަކު 42.77 މިލިއަން ފީފާގެ ތެޔޮ އުފެއްދި ކަމަށް ރިޕޯޓުތަކުގައިވެއެވެ. ޔޫއޭއީ އާއި އޯޕެކް ޕްލަސްގެ އެހެން ގައުމުތަކަށް އިތުރު ތެޔޮ އެކްސްޕޯޓް ކުރުމަށް އެހީތެރިވުމަށް އެމެރިކާއިން ކުރި މަސައްކަތުގެ ސަބަބުން، ޖޫން މަހު އުފެއްދުންތެރިކަން ރަނގަޅުވާން ފެށި ނަމަވެސް އަދިވެސް ތެލުގެ އެކްސްޕޯޓު އޮތީ ހަނގުރާމައިގެ ކުރިން އޮތް މިންވަރަށް ވުރެ ދަށުގައެވެ. އޯޕެކް ޕްލަސްގައި ގައި އީރާނު ހިމެނޭ ގޮތަށް 22 މެމްބަރު ގައުމު ހިމެނޭއިރު، ފާއިތުވި އަހަރުތަކުގައި މަހުން މަހަށް އުފެއްދުންތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވެފައިވަނީ ހަމައެކަނި ހަތް ގައުމުންނެވެ. އެ ހަތް ގައުމަކީ ސައުދީ އަރަބިއްޔާ، ރަޝިޔާ، އިރާގު، ކުވޭތު، އަލްޖީރިއާ، ކަޒަކިސްތާން އަދި އޮމާން އެވެ. އެ ހަތް ގައުމުންވެސް ދަނީ އުފެއްދުންތެރިކަން އިތުރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ