ލޭންޑް ޓްރާންސްޕޯޓާ ގުޅޭ ހުރިހާ ކަމެއް ޑިޖިޓަލައިޒްކުރަނީ

ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތްތަކުގެ ތެެރެއިން ލޭންޑް ޓްރާންސްޕޯޓާ ގުޅޭ ހުރިހާ ހިދުމަތެއް، އަންނަ މަސް ނިމުމުގެ ކުރިން ޑިޖިޓަލައިޒްކޮށް ނިންމުމަކީ އަމާޒެއް ކަމަށް އިިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުުތުރުދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި މިހާރު ބޭނުންކުރާ ސިސްޓަމަށް ވުރެ ޒަމާނީ، ފުލް ޑިޖިޓަލް ސިސްޓަމެއް، ސަރުކާރުގެ "ވަން ގަވް" ނެޓްވޯކްގެ ތެރެއިން ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ރައްޔިތުންނަށް މިހާރު ކުރިމަތިވާ ދަތިތައް، އެ ނިޒާމު ގާއިމްކުރުމުން ފިލައިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
އޭގެ ފަހުން މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ވަން ގަވްއާ ހަވާލުކޮށްގެން އެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމާ ބެހޭ ޖުމްލަ ތަސައްވުރެއް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އޯގަސްޓް މަސް ނިމުމުގެ ކުރިން، އިރާދަކުރެއްވިއްޔާ ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމުން،" ސައީދު ވިދާޅުވި އެެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޭންޑް ޓްރާންސްޕޯޓާ ގުޅޭ ހިދުމަތްތައް ޑިޖިޓަލައިޒްވިކަން ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނުކުރާނީ ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ވުޒާރާއަކުން އެންޑޯސްމެންޓް ލިބުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ