މައުލޫމާތު ބެލެހެއްޓުމުގެ ބޮޑެތި ބާރުތަކެއް މޯލްޑިވްސް ޑިޖިޓަލް ސާވިސްއަށް ދޭން ހުށަހެޅި ބިލު ބަލައިގަނެފި

ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމަށް ބޮޑެތި ގާނޫނީ ބާރުތަކެއް ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އަށް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު" ބަލައިގަނެ މިއަދު ކޮމިޓީއަށް ފޮނުވައިފި އެވެ. 
އެ ބިލު ބަލައިގަތީ 49 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ދިރާސާކުރާނީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީންނެވެ. ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ހުށަހެޅުއްވި އެ ބިލާއެކު ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެ ބާރުގަދަ އެއް މުއައްސަސާއަށެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ފަރުމާކޮށްފައި އޮތް ގޮތުން އެ މުއައްސަސާއަށް ފާރަވެރިވެ ޖަވާބުދާރީކުރުވުމުގައި މަޖިލީހުގެ މާ ބޮޑު ދައުރެއް ނޯވެ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުގައި އެއީ ހޯމް މިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާއެކެވެ. އަދި އެ މުއައްސަސާގެ އެންމެހާ ކަންކަމަކާ ބެހޭގޮތުން މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރެވެ.
އެ ބިލު ގާނޫނަކަށް ވުމާއެކު ޖެނުއަރީ 16، 2026 ގައި އުފެއްދި މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ވެރިޔެއްގެ ގޮތުގައި ހުންނާނީ ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރުމުގައި ވެސް މަޖިލީހުގެ ދައުރެއް ނެތެވެ. ޑިޖިޓަލް ޓެކްނޮލޮޖީ ކޮމިޝަނަރު އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އޭނާ ޖަވާބުދާރީވާން ޖެހެނީ ހޯމް މިނިސްޓަރާއި ރައީސްއަށެވެ.
"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު" ގައި ބަޔާންކުރާ ވަރަށް ގިނަ ކަންކަމުގެ އިޖުރާއަތްތައް ބަޔާންކުރާނި އެ ބިލުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަމަށް ބިލުގެ މާއްދާތަކުގައި ބުނެފައިވެ އެވެ. އިދިކޮޅު މެންބަރުން ވަނީ މި ބިލާ ގުޅޭ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ